ޖަލު އޮފިސަރަކަށް މަރުތޭލަކުން ހަމަލާދޭން އުޅުނު މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފި

ޖަލު އޮފިސަރަކަށް މަރުތޭލުން ހަމާލާދޭން އުޅުނު ދެ މީހުން ހައްޔަރުކޮށްފި--ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވީސް

ހުޅުމާލޭ ޖަލުގައި މަސައްކަތް ކުރާ ޕްރިޒަން އޮފިސަރަކު ސައިކަލުގައި ދުއްވާފައިދަނިކޮށް، މަރުތޭކަލަކުން އޭނާގެ ބޮލުގައި ޖަހައި މާރާމާރީ ހިންގަން އުޅުނު ދެ މީހުން ހައްޔަރުކޮށްފިއެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަޙްމަދު ޢިޔާޒް، ރ. އިނގުރައިދޫ / މިރިހިމާގެ (24އ) އާއި އަޙްމަދު ރަބީޢު، ގއ. މާމެންދޫ / ގްލޭނޫރަންމާގެ (26އ) އެވެ.

ފުލުހުން ބުނީ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ޕޮލިސް ކެމެރާ ފުޓޭޖްތައް ބެލިއިރު، ހުޅުމާލެ ޕްރިޒަން ސަރަހައްދުގައި ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ހުޅުމާލެ ޕްރިޒަންއިން ނުކުންނަ މުވައްޒަފުންނަށް ފާރަލަމުން ދިޔަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޕްރިޒަން އޮފިސަރަށް ހަމަލާ ދޭން މަސައްކަތްކޮށްފައިވަނީ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ދެ މީހުން ކަން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން ޢިޔާޒް ހައްޔަރުކޮށްފައިވަނީ ފިލައިގެން ގޮސް ހއ. ބާރަށުގައި ހުއްޓާ މިދިޔަ މަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ރަބީޢު ވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މާލޭގެ ގެސްޓް ހައުސްއެއްގައި ފިލައިގެން އުޅެނިކޮށް މިދިޔަ މަހު 20 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ހުޅުމާލޭ ޖަލުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އޮފިސަރަށް ހަމަލާ ދޭން މަސައްކަތް ކުރީ ހުޅުމާލޭ ޖަލުން ނުކުމެގެން ފޭސް ދެއަކަށް ދިޔަ މަގުމަތީގައެވެ. ޕްރިޒަން އޮފިސަރަށް މަރުތޭލަކުން ހަމަލާ ދިނުމަށް މަސައްކަތްކޮށްފައިވީ ނަމަވެސް ހަމަލާ އެ ޕްރިޒަން އޮފިސަރަށް އަމާޒުވާ ގޮތް ނުވެ އޮފިސަރު ސަލާމަތްވި ކަމަށް ޖަލުން ބުނެފައިވެއެވެ.

ފުލުހުން ދަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް