ޖަލުތަކުން މަނާ ތަކެތި ހޯދާ އޮޕަރޭޝަނުގައި ސިފައިން ވެސް ބައިވެރިވޭ

ޖަލުގައި ކުރިއަށްދާ އޮޕަރޭޝަން ބައްލަވައިލެއްވުމަށް ހޯމް މިނިސްޓަރު މާފުށްޓަށް ވަޑައިގަތުން -- ފޮޓޯ: ހޯމް މިނިސްޓްރީ

ޖަލުތަކުން މަސްތުވާތަކެއްޗާއި، ވެއްދުން މަނާ ތަކެތި ހޯދުމަށް މިހާރު ހޯމް މިނިސްޓްރީއާއި ކަރެކްޝަނަލް ސާވިސްއިން ހިންގާ އޮޕަރޭޝަނުގައި ސިފައިން ވެސް ބައިވެރިވަމުން އަންނަކަމަށް ހޯމް މިނިސްްޓްރީން ބުނެފިއެވެ.

ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފުން ބައިވެރިވާކަން ހާމަވުމާއެކު، އިތުރު އޮޕަރޭޝަނެއް މިހާރު އަންގަނީ ހިންގަމުންނެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި އެ އޮޕަރޭޝަންގެ ތެރެއިން މިއަދު ވަނީ މިނިސްޓަރު އަލީ އިހުސާނާއި، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު މާފުށީ ޖަލަށް ވަޑައިގެން އޮޕަރޭޝަންގެ ކަންކަން ބައްލަވައިލައްވައިފައެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އެމްއެންޑީއެފުން ވެސް އެ އޮޕަރޭޝަންގައި ބައިވެރިވެއެވެ.

ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު ބައިވެރިވެ، އެ މީހުންގެ އެކައުންޓުތަކުގައި 73 މިލިއަން ރުފިޔާ ހުރިކަން ދިވެހި ފުލުހުން ހިންގި ތަހުގީގަކުން ވަނީ ހާމަވެފައެވެ. އެ މީހުން ހައްޔަރުކުރަން ޚާއްސަ އޮޕަރޭޝަނެއް ފުލުހުން ވަނީ ފަށައިފައެވެ.

ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަންގެ ތެރެއިން 13 އޮފިސަރަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 13 އޮފިސަރުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ދެ މީހުން ފަސް ދުވަހަށް އަދި ދެން ތިބި 11 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

މި 13 އޮފިސަރުންގެ ތެރޭގައި ކ. މާފުށިން ހައްޔަރުކުރި ނުވަ އޮފިސަރުންނާއި ކ. ކާށިދޫން ހައްޔަރުކުރި ދެ މީހުންނާއި ހއ. އުތީމުން އެކަކާއި މާލެއިން އެކަކު ހިމެނެއެވެ.

comment ކޮމެންޓް