ހެލްތު މިނިސްޓްރީން މާލޭ ސަރަހައްދުގައި ޙައްޖުވެރިންނަށް ޚާއްސަ ފްލޫ ކްލިނިކްތަކެއް މިއަދު ގާއިމުކޮށްފިއެވެ.
މި އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖާޖީން މިއަދު ވެސް އަންނައިރު އެންމެ ފަހު ގްރޫޕު އަންނާނީ މި ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.
ހެލްތު މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ވަނީ މި ފްލޫ ކްލިނިކްތައް ޤާއިމްކުރުމުގެ މަޤްޞަދަކީ މި ދުވަސްވަރު ޙައްޖުގެ އަޅުކަމަށް ފަހު ޙައްޖުވެރިން އެނބުރި އަންނަމުންދާތީ އާންމު ޞިއްޙަތު ރައްކާތެރިކުރުން ކަމަށެވެ.
އެ ގޮތުން، އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭ އަދި ވިލިމާލޭގައި ޚާއްސަ ފްލޫ ކްލިނިކްތައް މިހާރު ގާއިމުކޮށްފައިވާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ، މިއީ ޙައްޖާޖީންނަށް ޚާއްޞަކޮށްގެން ހުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހައިން ރައްކާތެރިކަމާ އެކު އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ އާއްމުންގެ ތެރޭގައި ހުމާއި ރޯގާ ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
ހުމާއި ކެއްސުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ފެތުރުން ކޮންޓްރޯލްކޮށް މެނޭޖްކުރުމަށް ޚާއްސަ ކްލިނިކްތައް ޤާއިމުކޮށްފައިވަނީ ރައްކާތެރިކަމުގެ ގޮތުން ކަމަށާއި މި ބަލިތަކުން އާންމުން ރައްކާތެރިކޮށް، ފަރުވާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އަދި، ބަލި މީހުންގެ އަދަދު އިތުރުވަމުންދާނަމަ އެހެނިހެން ސަރަޙައްދުތަކާއި އަތޮޅުތަކުގައި ވެސް މި ޚިދުމަތް ދިނުމަށް ޞިއްޙީ ދާއިރާ ތައްޔާރުވެފައިވާ ކަމަށް ވެސް އިއުލާނުގައިވެއެވެ.
އެހެންކަމުން، މި ބަލިތައް މުޖުތަމަޢުގެ ތެރޭގައި ފެތުރުން ވީހާ ވެސް ބޮޑަށް ހުއްޓުވުމަށް ޙައްޖުން އެނބުރި އަންނަ އެއްވެސް ޙައްޖާޖީއެއްގެ ފަރާތުން މިފަދަ ބައްޔެއްގެ އަލާމާތްތައް ފެނިއްޖެނަމަ މި ކްލިނިކްތަކުގެ ބޭނުން ހިފުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ބަލިތައް ފެތުރެމުންދާތީ ޙައްޖުން އެނބުރި އަންނަ މީހުން ބަލައި އެއާޕޯޓަށް ނުދިއުމަށް ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި، ރޯގާ ފެތުރޭތީ، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗަށް ޒިޔާރާތް ނުކުރުމަށް އެ ހޮސްޕިޓަލުން ވެސް ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ޙައްޖުވެރިންގެ ދެ ފްލައިޓެއް މިހާތަނަށް ރާޢްޖެ އައިސްފައިވާއިރު ތިންވަނަ ފްލައިޓް މިހާރު ވަނީ ރާޢްޖެ އައުމަށް ދަތުރު ފަށާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު ޙައްޖުން އައި މީހެއްގެ ގައިން ނުރައްކާތެރި މެނިންގޮކޯކަލް ވައިރަސް ވެސް ވަނީ ފެނިފައެވެ. އެކަމަކު، އެ ބަލި ފެތުރެމުންނުދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި، ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ދިޔަ އެންމެން ދިޔައީ ވެކްސިންތައް ފުރިހަމަކޮށްގެން ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.