އެޗްއައިވީފަދަ ބަލިތަކާ ގުޅޭ ނޭޝަނަލް ގައިޑްލައިންތައް އިފުތިތާހުކޮށްފި

އެޗްއައިވީ، ވައިރަލް ހެޕަޓައިޓިސް އަދި ސެކްޝުއަލީ ޓްރާންސްމިޓެޑް އިންފެކްޝަންސް ގެ ނޭޝަނަލް ގައިޑްލައިންތައް ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު އިފްތިތާހު ކޮށްދެއްވައިފި --- ފޮޓޯ/ ރައީސް އޮފީސް

އެޗްއައިވީ، ވައިރަލް ހެޕަޓައިޓިސް އަދި ޖިންސީ ގުޅުމުގެ ސަބަބުން ޖެހޭ އިންފެކްޝަންގެ ނޭޝަނަލް ގައިޑްލައިންތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު އިފުތިތާހު ކޮށްދެއްވައިފިއެވެ.

އެ ކަމަނާ މި ގައިޑްލައިންތައް އިފުތިތާހުކޮށްދެއްވީ ބައިނަލްއަޤްވާމީ އެއިޑްސް ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު މީރުމާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި ގައިޑްލައިންތައް އިފުތިތާހު ކުރުމަށްފަހު ވަނީ އެ ގައިޑްލައިންތަކުގެ މައްޗަށް ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

އެ ޕެނަލް ޑިސްކަޝަންގައި ރާއްޖޭގައި މި ބަލިތައް ފެތުރުމާއި ބަލިތައް ދެނެގަތުމާއި އަވަސް ފަރުވާ ދިނުމާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ. އެޗްއައިވީއަށް ފަރުވާ ދިނުމާ ގުޅޭ ގައިޑްލައިން އަލުން އެކުލަވާލާފައި މިވަނީ ނުވަ އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.

އެޗްއައިވީ ވައިރަލް ހެޕަޓައިޓިސް އަދި ޖިންސީ ގުޅުމުގެ ސަބަބުން ޖެހޭ އިންފެކްޝަންއާ ގުޅޭ ގައިޑްލައިންތައް އެކުއެކީގައި މުތާލިއާ ކޮށް، އެކުލަވައިލާ، އަދާހަމަކޮށް، ތަންފީޒުކުރަން ފެށުމަކީ މި ދާއިރާއިން ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ކުރިއެމެއްކަން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އިފުތިތާހުކުރި މި ގައިޑްލައިންތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެންމެ ފަހުގެ އިރުޝާދާއި ލަފާގެ މައްޗަށް އެކުލަވާލާފައިވާ ގައިޑްލައިން ތަކެއްކަން ވެސް މިނިސްޓަރު ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް