ދިއްލީއަށް ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 11 އަށް

ދިއްލީއަށް ކުރަމުންދާ ވިއްސާރައިގައި އެއާޕޯޓުގެ ޓާމިނަލް 1 ގެ ފުރާޅުން ފެން ފައިބަނީ -- ފޮޓޯ/އިންގްލިޝް އަރަބިއާ

މި ހަފުތާ ފެށުނުއިރު، އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ކުއްލިއަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.

އޭގެ ތެރޭގައި ފެންބޮޑުވެ، ގެނބިގެން މަރުވި ހަތަރު މީހުން ވެސް ހިމެނެއެވެ. ވިއްސާރައިގެ ސަބަބުން ދިއްލީގެ ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރައިފައެވެ.

މި މަހުގެ ކުރީކޮޅު އާދަޔާ ޚިލާފަށް ހޫނު ގަދަވި ދިއްލީއަށް ބޯކޮށް ވާރޭ ވެހެން ފެށީ ހުކުރު ދުވަހުއެވެ. އެއީ، ދުވަސްގަނޑަކަށް ފަހު އެހާ ބޮޑަށް ދިއްލީއަށް ވިއްސާރަވި ފުރަތަމަ ފަހަރެވެ.

ބޯކޮށް ވާރޭވެހި ދިއްލީގެ މައި އެއާޕޯޓުގެ ތިން ޓާމިނަލްގެ ތެރެއިން އެއް ޓާމިނަލްގެ ފުރާޅު ވެސް ވަނީ ވެއްޓިފައެވެ. ފްލައިޓްތަކަށް ބުރޫ އަރައި، ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ވަރަށް ބޮޑަށް ޓްރެފިކް ބޮޑުވެ، ކަރަންޓާއި ފެން ވެސް ކެނޑިފައިވެއެވެ.

ދިއްލީގެ މައި އެއާޕޯޓުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 60 ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށް ފްލައިޓް ޓްރެކިން ޕްލެޓްފޯމް ފްލައިޓަވޭއާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފްލައިޓް އޮޕަރޭޝަންތައް މި ވަގުތު އާންމު ހާލަތަކަށް އައިސްފައި އޮތް ނަމަވެސް، އަދިވެސް ފްލައިޓްތައް ކެންސަލްކުރަން ޖެހިދާނެ ކަމަށް އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ދިއްލީ އެއާޕޯޓަކީ އިންޑިއާގެ އެންމެ ބޮޑު އެއް އެއާޕޯޓަށްވާއިރު، އެއީ އެންމެ ބިޒީ އެއް އެއާޕޯޓެވެ.

comment ކޮމެންޓް