އިސްލާހުތަކާއެކު ރޭޓިން މަތިވާނެ، ދަރަނި ވެސް އަދާކުރާނަން: ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު: ފިޗުން ކްރެޑިޓް ރޭޓިން ދަށްކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައިވަނީ މާލީ އިސްލާހުތަކާއެކު ރޭޓިން މަތިވާނެ ކަމަށް -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

މި ސަރުކާރުން މާލީ އިސްލާހުތައް ތަންފީޒު ކުރުމުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވާނެ ކަމަށާއި ދަރަނި ވެސް އަދާކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފިއެވެ.

ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އިދާރާއެއްކަމަށްވާ ފިޗުން ރާއްޖޭގެ ރޭޓިން "ބީ މައިނަސް"އިން 'ސީސީސީ ޕްލަސް'އަށް ދަށްކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީން ބުނީ، އޭގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ ދަރަންޏަށް ފައިސާ ނެގުމާއި ފައިސާ ދައުރުވާ މިންވަރު ނުވަތަ ލިކުއިޑިޓީއާ ގުޅުންހުރި ނުރައްކާތައް ކަމަށެވެ.

އެ ކަންބޮޑުވުމާއެކު ވެސް ފިޗުން ވަނީ، ދަރަނި ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ކަމަށް ފާހަގަކޮށްފައި ކަމަށާއި ވަޒީރުންގެ މަޖިލީހުން މި ހަފުތާގައި މާލީ އިސްލާހީ އެޖެންޑާއެއް ފާސްކޮށްފައިވުމުން އެކަން ހާމަވާ ކަަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ހަމައެއާއެކު ދަރަނި ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ރޭޓިން މަތިވާނެ ކަމަށް ފިޗުން އިޝާރާތްކޮށްފައިވާކަން މިނިސްޓްރީން ބުންޏެވެ. އެހެންވެ، އިގުތިސާދު ސިންދަފާތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުންނާއި ބޭރުން އަންނަ ޝޮކްތައް ބަރުދާސްތު ކުރެވޭވަރު އިތުރުކުރުމުން ރޭޓިން ވެސް މަތިވާނެ ކަމަށް ބަޔާނުގައިވެއެވެ.

ފިޗުން ރޭޓިން ދަށްކޮށް ބުނެފައިވަނީ، ރާއްޖޭގެ ފޮރިން ރިޒާވް ބަލިކަށިވުމާއި ބޭރުގެ ދަރަނިތައް އިތުރުވުމަކީ ސަރުކާރަށް އެ ދަރަނިތައް އަދާކުރުމަށާއި، ޑޮލަރުގެ އަގު ހިފެހެއްޓުމަށް ވެސް ގޮންޖެހުންތައް ހުރި ކަމެއް ކަމަށެވެ. އަދި ސަރުކާރުން މެދު ރާސްތާގައި ބޭރުގެ ދަރަނިތަކަށް ބަރޯސާވާ މިންވަރު މަދުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ވަޒީރުންގެ މަޖިލީހުން މިދިޔަ އާދިއްތަ ދުވަހު މާލީ އިސްލާހީ އެޖެންޑާއެއް ފާސްކޮށްފައިވާއިރު، ފިނޭންސް މިނިސްޓްރީން މިހާރު ވަނީ 2028 ވަނަ އަހަރާ ހަމައަށް އާމްދަނީ އިތުރު ކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ސްޓްރެޓެޖީއެއް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ޖީއެސްޓީ ނެގުން ފުޅާކޮށް، އިމްޕޯޓް ޑިއުޓީ އާއި ޓެލެކޮމް ރޭޓަށް ބަދަލުތައް ގެނައުން ހިމަނައިފައިވެއެވެ.

https://sun.mv/193610

ބޭރަށް ދައްކަން ޖެހޭ ދަރަނި އިތުރުވުމާ ގުޅިގެން މިއަހަރުގެ ފެބްރުއަރީ މަހު ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން މިހާތަނަށް 2.5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ވޯލްޑް ބޭންކުން ރާއްޖެ، ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތް ހިސާބާ ގުޅޭ ގޮތުން އެކްސްގައި ވަނީ، މިއީ އެތައް އަހަރެއް ވަންދެން އާމްދަނީއަށް ވުރެ އިތުރަށް ޚަރަދު ކުރުމުގެ ނަތީޖާއެއް ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއަށް މާލީ ގޮތުން ނުރައްކާތައް އޮތްކަން ފާހަގަކުރައްވައި، އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސް ކުރުމަށް އޭނާ ގޮވާލައްވާފައިވެއެވެ.

comment ކޮމެންޓް