ކ. މާފުށީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ މަރުވި މުޙައްމަދު ޖަމީލްގެ މައްސަލައިގައި ބަލަންޖެހޭ އިތުރު ކަންކަން ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މިރޭ ބުނެފިއެވެ.
އެ ކޮމިޝަނުން "އެކްސް"ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މިނިވަންކަން ގެއްލޭ ގޮތަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވެއްޖެ ޙާލަތެއްގައި، އެކަން ހިނގާދިޔަ ގޮތް ބެލުމަށްފަހު، މަރުވި މީހާގެ ހަށިގަނޑު ބެލުމަށް ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމު (އާރުއާރުޓީ) ވަގުތުން ހަރަކާތްތެރިވާން ފަށާނެކަމަށެވެ.
މިގޮތުން އެ ކޮމިޝަނުން ބުނީ، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ޖަމީލް ނިޔާވުމުން ވެސް އާރުއާރުޓީއިން ވަގުތުން ހަރަކާތްތެރިވި ކަމަށެވެ.
މީގެއިތުރުން ޖަމީލުގެ ހަށިގަނޑު ބަލައި، ފޮޓޯ ނަގައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ފަރާތުންނާއި، އާއިލާގެ ފަރާތުން މަޢުލޫމާތު ސާފުކޮށް، އޭނާގެ މެޑިކަލް ފައިލް ބަލާފައިވާނެކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ހަމަމިއާއެކު މާފުށީ ޖަލަށް ޒިޔާރަތްކޮށް، މި ހާދިސާގެ ސީސީޓީވީ ފުޓޭޖު ބަލައި، ޖަމީލު ހުރި ގޮޅި ބަލައި، އެ ޔުނިޓުގައި ތިބި ބަންދު މީހުންގެ ފަރާތުންނާއި، ޖަމީލު ކުރިން ހުރި ގޮޅީގައި ތިބި ބަންދު މީހުންގެ ފަރާތުން މަޢުލޫމާތު ސާފުކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ މީގެ އިތުރުންވެސް މި މައްސަލައިގައި ބަލަންޖެހޭ އިތުރު ކަންކަން ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު މަރުވި ޖަމީލްގެ މައްސަލައިގައި ކަންބޮޑުވުމާއި ޝައްކު އުފެދޭ ކަންކަން ހުރި ކަމަށް ބުނެ، ޑިމޮކްރެޓްސްއިން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަަދު ވަނީ ހުށަހަޅާފައެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނެފައިވާ ގޮތުގައި ހުކުރު ދުވަހު ޖަމީލް މަރުވެފައިވާކަން އެނގުނީ އޭނާ ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންދިޔަ ފަހުންނެވެ. އެގޮތުން މެންދުރު 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދިން ކަމަށާއި އޭނާގެ ހިތް ހުއްޓިގެން މަރުވެފައި ވާކަމަށް 12:45 ހާއިރު މަރުކަޒުން ކަނޑައެޅި ކަމަށް އެ ޚިދުމަތުން ބުނެފައިވެއެވެ.
ޖަމީލް ވަޅުލާން ސަހަރާއަށް ގެންދިޔަ ފަހުން އޭނާގެ ހަށިގަނޑުގެ ފޮޓޯތަކެއް ނަގައި، އޭނާއަށް ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ބަޔަކު ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް އިއްޔެ ފުލުހުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެއީ މީހަކު ކުރި ގޯނާއެއްގެ ސަބަބުން ހުރި ނިޝާންތައް ނޫން ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށް ބުނެފައެވެ.