"ހިއުމަން ރައިޓްސް ޑިފެންޑާސް ޓްރެއިނިން ޕްރޮގްރާމް"ގެ ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށްދާނީ މިއަދުން ފެށިިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
އެޗްއާރުސީއެމްއިން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ މުޖުތަމައުގައި އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރިކޮށް ދައުލަތް ޖަވާބުދާރީކޮށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައެއް ބިނާކުރުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ފެށި ފޯރަމްގެ ތެރެއިން --- ފޮޓޯ/ އެޗްއާރްސީއެމް
މާލޭގައި ކުރިއަށްގެންދާ ހިއުމަން ރައިޓްސް ޑިފެންޑާސް ޓްރެއިނިންގެ ޕްރޮގްރާމުގައި 25 މީހުން ތަމްރީނު ކުރެވޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މިއަހަރު މިޓްރެއިނިން ކުރިއަށްގެންދަނީ ޓްރާސްޕޭރެންސީ މޯލްޑިވްސް އަދި ޔޫއެސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ އެހީތެރިކަމާ އެކުގައި ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ދަ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް އިން ހިއުމަން ރައިޓްސް ޑިފެންޑާސް (އެޗްއާރުޑީ) މާނަކުރަނީ މަދަނީ އަދި ސިޔާސީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ އިތުރުން އިގުތިޞާދ،ީ އިޖްތިމާއީ އަދި ސަގާފީ ހައްގުތައް ރައްކާތެރިކޮށް އެ ހައްގުތައް ހޯދައިދިނުމަށް ސުލްހަވެރިގޮތެއްގައި މަސައްކަތްކުރާ ފަރުދުންގެ ގޮތުގައެވެ.
ހިއުމަން ރައިޓްސް ޑިފެންޑާސްއިން ވަކިވަކި ފަރުދުންގެ ނުވަތަ ޖަމާއަތްތަކުގެ އެއްވެސް އިންސާނީ ހައްގެއް ގެއްލިފައިވާނަމަ އެ ހައްގެއް ހޯދައިދިނުމަށް މަސައްކަތްކުރާނެއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ފެށި ފޯރަމްގެ ތެރެއިން --- ފޮޓޯ/ އެޗްއާރްސީއެމް
މީގެކުރިން ހިއުމަން ރައިޓްސް ޑިފެންޑާސް ޓްރެއިނިން ޕްރޮގްރާމެއް 2021ވަނަ އަހަރު ކުޅުދުއްފުށި ސިޓީގައި އަދި 2023ވަނަ އަހަރު ފުވައްމުލަކު ސިޓީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިފަދަ ޕްރޮގްރާމްތައް އިންތިޒާމް ކުރުމުގައި ކޮމިޝަނުގެ އުއްމީދަކީ ތަމްރީނުވާ ފަރާތްތަކަކީ މުޖުތަމައުގައި އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރިކޮށް، ބާކީވެފައިވާ ފަރާތްތައް ބާރުވެރިކުރުވައި، ދައުލަތް ޖަވާބުދާރީކޮށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބަޔަކަށް ވުންކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.