ހދ. ނޮޅިވަރަންފަރުން ދޫކުރާ 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު ބާތިލް ކުރަން އެރަށު ކައުންސިލަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން އަންގައިފިއެވެ.
އެޗްއާރުސީއެމްއިން އެގޮތަށް އަންގާފައި ވަނީ އެ ޔުނިޓުތައް ދޫކުރުމަށް އޮތް އުސޫލު އެންމެ އިންސާފުވެރި ނޫން ކަމަށް ބުނެ، އެރަށުގެ 279 މީހަކު ސޮއިކޮށް ހުށަހެޅި ޕެޓިޝަނެއް ތަހުގީގުކޮށް ނިންމުމަށް ފަހުގައެވެ.
އެކަމާ ގުޅުވައި އެޗްއާރުސީއެމް އިން ބުނެފައި ވަނީ، މިހާރު އުސޫލު ކަނޑައަޅާފައި އޮތް ގޮތުން ފޯމު ހުށަހެޅި ބައެއް މީހުންނަށް ގާނުނު އަސާސީން ދީފައިވާ ހައްގުތައް ގެއްލުމުގެ ފުރުސަތު އޮތްކަމަށެވެ.

ނޮޅިވަރަންފަރު: ނޮޅިވަރަންފަރުން ހައުސިން ޔުނިޓްތައް ދޫކުރާ މީހުންގެ ވަގުތީ ލިސްޓު ބާތިލު ކުރަން އެޗްއާރުސީއެމުން އަންގައިފި --- ފޮޓޯ/ ޒުވާން މަސްވެރިޔާ
އެހެންވެ، އެ މައްސަލައިގެ ތަހުގީގު ނިންމައި އެޗްއާރުސީއެމް އިން ވަނީ އެޔުނިޓުތައް ދޫކުރުމުގެ އުސޫލުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ލިބޭ ގޮތަށް އިސްލާހުކޮށް، އެ އުސޫލު އަލުން އިއުލާނުކުރުމަށް ކައުންސިލަށް އަންގާފައެވެ. މިހާރު އެ ޔުނިޓްތައް ދޫކުރަން ނިންމާފައިވާ މީހުންގެ ވަގުތީ ލިސްޓު އުވާލުމަށް ވެސް އެޗްއާރުސީއެމް އިން ވަނީ ނޮޅިވަރަންފަރު ކައުންސިލަށް އަންގާފައެވެ.
އޭގެއިތުރުން، އުސޫލު އަލުން އެކުލަވާލާއިރު ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ހަނިނުވާ ގޮތަށް އުސޫލު އެކުލަވާލުމަށް އެޗްއާރުސީއެމް އިން އެދިފައިވެއެވެ.
އެ ކޮމިޝަންގެ އެންގުމާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ، ގާނޫނުގައިވާ ގޮތަށް އަމަލު ކުރާނެ ކަމަށް އެޗްއާރުސީއެމްއިން ބުނެފައިވެއެވެ.
ރަށު ކައުންސިލްގެ އިތުރުން އެޗްއާރުސީއެމްގެ އެންގުން ވަނީ ލޯކަލް ގަވަމެންޓް (އެލްޖީއޭ)ގެ އިތުރުން ހައުސިން މިނިސްޓްރީއަށް އަންގާފައެވެ.