އައިފޯންގެ ބެޓެރީ ބަދަލުކުރަން އާ ޓެކްނޮލޮޖީއެއް

އެޕަލްގެ އުފެއްދުންތަކަށް ގިނަބައެއްގެ ސަމާލުކަން ލިބޭ --

އެޕަލްއިން އައިފޯންގެ ބެޓެރީ ބަދަލުކުރުމުގެ މަސައްކަތް ފަސޭހަކުރުމުގެ ގޮތުން މުޅިން އާ ޓެކްނޮލޮޖީއެއް އުފައްދަމުން އަންނަ ކަމަށް ދާދި ފަހުން "ދަ އިންފޮމޭޝަން"އިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

މި ފިޔަވަޅުގެ ސަބަބުން މުސްތަގުބަލުގައި އައިފޯން މޮޑެލްތަކުގައި ބެޓެރީ ރިޕްލޭސްމަންޓްތައް ހަދަން ބޭނުންވާ ފަރާތްތަކާއި ޓެކްނީޝަނުން އަމަލުކުރާ ގޮތަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި "އިލެކްޓްރިކަލް އިންޑިއުސްޑް އެޑެސިވް ޑިބޮންޑިން"ގެ ނަމުން ނަންދީފައިވާ އާ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުޑަ އިލެކްޓްރިކަލް ޝޮކެއް ދީގެން ބެޓެރީ ނައްތާލެވޭނެއެވެ. އަދި, އެޕަލްއިން މި އާ ރިމޫވަލް މެތަޑަށް މަގުފަހިކޮށްދިނުމުގެ ގޮތުން ފޮއިލްއިން ކަވަރުކޮށްފައިވާ ބެޓެރީތަކުން މެޓަލް އެންކޭސްޑް ބެޓެރީތަކަށް ބަދަލުކުރާނެއެވެ.

މި އަހަރު ނެރުމަށް ހަމަޖެހިފައިވާ އައިފޯން 16 މޮޑެލްގައި އެޕަލްގެ މި ޓެކްނޮލޮޖީ ތަންފީޒު ކުރުމަށް މިހާރު ނިންމާފައިވާއިރު، އެ ކުންފުނީގެ އަމާޒަކީ އަންނަ އަހަރު ހުރިހާ މޮޑެލްތަކަކަށް ވެސް މި ޓެކްނޮލޮޖީ ފުޅާކުރުން ކަމުގައި އެ ރިޕޯޓްގައިވެއެވެ.

އެޕަލްގެ މި އާ ޓެކްނޮލޮޖީގެ ވާހަކަ ފެންމަތިވެފައިވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގަވާއިދުތަކުގެ ޕްރެޝަރު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އީޔޫގެ އުޞޫލުގައި އިލެކްޓްރޯނިކްސްގެ ބާ ބެޓްރީތައް ނައްތާލަން ލާޒިމްކުރާ މާއްދާއެއް ވެސް ވަނީ އެކުލަވާލައިފައެވެ.

އެޕަލްއާ ހަވާލާދީ އެ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ މި އާ ޓެކްނޮލޮޖީ ތަޢާރަފުކުރި ނަމަވެސް އަދި އައިފޯނެއްގެ ބެޓެރީ ރިޕްލޭސްކުރުމަށް ފަސޭހަވި ނަމަވެސް، އަމިއްލައަށް މަރާމާތުނުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

އައިފޯން 16 ޕްރޯ ބެޓެރީއެއްގެ މެޓަލް ޝެލްއަކާ އެކު މިދިޔަ އަހަރު ލީކުވެފައިވާ ފޮޓޯއެއް ފެނިފައިވާއިރު، މި ވާހަކަތައް ހަޤީޤަތަކަށްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް