ވަގަށް އެތެރެކުރި 1.6 މިލިއަން ރުފިޔާގެ ސިނގިރެޓު ކަސްޓަމްސްއިން އަތުލައިގެންފި

ވަގަށް އެތެރެކުރަން އުޅުމުގެ ތެރޭގައި ކަސްޓަމްސްއިން އަތުލައިގަތް ސިނގިރޭޓު -- ފޮޓޯ/ ކަސްޓަމްސް

ގާނޫނާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 1.6 މިލިއަން ރުފިޔާގެ ސިނގިރެޓު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ އެ އިދާރާގެ އިޖުރާއަތުތައް ފުރިހަމަނުކޮށް ރާއްޖެއަށް ސިނގިރެޓުތަކެއް އެތެރެކޮށްފައިވާ ކަމުގެ ތުހުމަތުގައި ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން، މާލެއާ ހުޅުމާލޭގެ ބައެއް ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ ގޮތުން މިދިޔަ ހޯމަ ދުވަހު ހުޅުމާލެއިން ތަނަކާއި، ބުދަ ދުވަހު މާލެއާ ހުޅުމާލޭގެ ހަތަރު ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި ޖުމްލަ 173 ކާޓަަން ނުވަތަ 1،731،597 ސިނގިރެޓު ކަސްޓަމްސްގެ ބެލުމުގެ ދަށަށްވަނީ ގެނެސްފައެވެ. އެ އިދާރާއިން ބުނީ އެ ތަކެތީގެ ލަފާކުރެވޭ މާކެޓް ވެލިއުއަކީ 1.6 މިލިއަން ރުފިޔާ ކަމަށެވެ.

ވަގަށް އެތެރެކުރަން އުޅުމުގެ ތެރޭގައި ކަސްޓަމްސްއިން އަތުލައިގަތް ސިނގިރޭޓު -- ފޮޓޯ/ ކަސްޓަމްސް

އަދި އެ ތަކެތީގެ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކަންޖެހޭ ކަމަށެވެ.

މި އޮޕަރޭޝަން ކުރިޔަށް ގެންދިއުމުގައި ފުލުހުންނާއި އެމްއެންޑީއެފްގެ ފަރާތުން ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ކަސްޓަމްސްއިން ވަނީ އެ ދެ އިދާރާއަށް ވެސް ޝުކުރު އަދާކޮށްފައެވެ.

ކަސްޓަމްސްއިން ބުނީ އެ އިދާރާގެ މަސައްކަތްތައް ބައްޓަންވެފައިވަނީ ދުރާލައި، އެ އިދާރާއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި، ޓްރޭޑާ ޕްރޮފައިލްއަށް ބިނާކޮށް ކަނޑައެޅޭ ހިރާސްގެ މިންވަރުތަކަށް ރިއާޔަތްކޮށް، މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ބަލައިފާސްކުރުމުގެ މައްޗަށް ކަމަށެވެ.

އެ ގޮތުން ކަސްޓަމްސްއަށް ދުރާލައި ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ގާނޫނާ ގަވާއިދާ ޚިލާފު އަމަލުތައްކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި މުދާ ކްލިއާ ކުރުމުގެ ފުރުސަތު ދިނުމަށްފަހު، ގާނޫނާ ހަވާއިދާ ޚިލާފު އަމަލުތައް ހިންގާ ނެޓްވޯކުތައް ހޯދައި، އެ ފަރާތްތަކަށް ވާސިލުވުމަށް ޓަކައި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތައް ކުރިޔަށް ގެންދެއެވެ.

މި ގޮތަށް ހިނގޭ އޮޕަރޭޝަންތަކުގެ ތެރެއިން މި ފަދަ މުދާ ގެންގޮސް ވައްދާ ތަންތަން ބަލައިފާސްކޮށް، އެ ތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދެއެވެ.

އަދި އޮޕަރޭޝަންތަކުގައި ފާހަގަކުރެވޭ ގާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެއަށް ތަކެތި އެތެރެކޮށް ބޭރުކުރާ ފަރާތްތަކުގެ މައްސަލަތައް، ދިވެހިރާއްޖޭގެ ކަސްޓަމަސްގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން އެ އިދާރާއިންވަނީ ދީފައެވެ.

https://sun.mv/193251

މި ފަހުން ވެސް ވަނީ ޓިޝޫ ކަމަށް ބުނެ އޯލުވާލައިގެން އެތެރެކުރަން އުޅުނު 200 މާސްޓާ ކާޓަން ނުވަތަ ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފައެވެ.

ކަސްޓަމްސްއިން އޭރު ބުނީ، އެ ޝިޕްމަންޓު ބަލައި ފާސްކުރިއިރު 143 ކާޓަންގެ ޕޭޕާ ޓިޝޫއާއި 200 މާސްޓާ ކާޓަންގެ ސިނގިރޭޓު ފެނިފައިވާ ކަމަށާ، އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް