ހަތް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، ދެ މީހަކު ހައްޔަރަށް

ހަތް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، ދެ މީހަކު ހައްޔަރަށް --- ފޮޓޯ/ ކަސްޓަމްސް

ރާއްޖެއަށް އެތެރެކުރަން އުޅުނު ހަތް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، އެތަކެތި އަތުލައިގަތީ ރާއްޖެއައި ފަސިންޖަރެއްގެ ލަގެޖުންނާއި ޕޯސްޓު މެދުވެރިކޮށް ގެނެސްފައިވާ ޕެކޭޖެއް އިތުރަށް ބަލާފާސްކުރުމުގެ ތެރެއިން ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ބްރެޒިލް އިން އައި 33 އަހަރުގެ އަންހެނެއްގެ ލަގެޖުގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން އެ ފަސިންޖަރުގެ ލަގެޖު ބަލާ ފާސްކުރި ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. އެގޮތުން، ލަގެޖު ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިފައިވާ ކަމަށާއި ފުރަތަމަ މަރުހަލާގައި ތަހުލީލުކޮށްގެން އެތަކެތި ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުންޏެވެ.

ޕެކިން ހިމެނޭހެން، ލަގެޖުން ފެނުނު ތަކެތީގެ ބަރުމިނުގައި 2.44 ކިލޯގުރާމް ހުރިއިރު، މަގުމަތީ އަގަކީ ހަ މިލިއަން އެއްލައްކަ ރުފިޔާ ކަމަށް ކަސްޓަމްސްއިން ލަފާކޮށްފައިވެއެވެ.

އިތުރަށް ކަސްޓަމްސް އިން ބުނި ގޮތުގައި، މިދިޔަ ހޯމަ ދުވަހު ޕޯސްޓު މެދުވެރިކޮށް ގެނެސްފައިވާ ޕެކޭޖެއް ބަލާ ފާސްކުރުމުގެ ތެރޭގައި ޑްރަގު ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުނު ކަމަށެވެ. އެތަކެތި ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ޕެކިން ހިމެނޭ ގޮތަށް އެތަކެތީގެ ބަރުމިނުގައި ހުރީ 1.04 ކިލޯ ގުރާމެވެ. އަދި، މަގުމަތީ އަގު އެއް ލައްކަ ސާޅީސް ހާހަށް އަރައެވެ.

ކަސްޓަމްސް އިން ބުނީ، މި މައްސަލަތަކުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުމިނުގައި 3.48 ކިލޯގުރާމު ހުރި ކަމަށެވެ. މި މައްސަލަތަކާ ގުޅިގެން ވަނީ ބްރެޒިލްއިން ޑްރަގް އެތެރެކުރި އަންހެން މީހާއާއި ޕޯސްޓު ޕެކޭޖު ބަލާ ކަސްޓަމްސްއަށް ދިޔަ 40 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންނާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް