ޓިޝޫ ކަމަށް ބުނެ އެތެރެކުރަން އުޅުނު 3 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި

ޖުލައި 8، 2021: ކަސްޓަމްސް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓިޝޫ ކަމަށް ބުނެ އޮޅުވާލައިގެން އެތެރެކުރަން އުޅުނު 200 މާސްޓާ ކާޓަން ނުވަތަ ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގަނެ، އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށް ކަސްޓަމްސްއިން މިއަދު ބުނެފިއެވެ.

ޖުމުލަ 200 މާސްޓާ ކާޓަން ނުވަތަ 3،199،200 ސިނގިރޭޓު އަތުލައިގެންފައިވަނީ ޓިޝޫ ކަމަށް ބުނެ އޮޅުވާލައިގެން އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ. ކަސްޓަމްސްއިން ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށައިފައެވެ.

ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ މަހުގެ 19 ގައި އައި މުދަލުގެ ޝިޕްމަންޓެއް 343 ކާޓަންގެ ޕޭޕާ ޓިޝޫ ކަމުގައި ޑިކްލެއާކޮށްފައިވާ ކަމަށެވެ. އަދި، އެ ޝިޕްމަންޓާ ގުޅޭ ގޮތުން ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން އެ ޝިޕްމަންޓު ބަލައި ފާސްކުރީ މި މަހު 13 ގައެވެ.

ކަސްޓަމްސްއިން ބުނީ، އެ ޝިޕްމަންޓު ބަލައި ފާސްކުރިއިރު 143 ކާޓަންގެ ޕޭޕާ ޓިޝޫއާއި 200 މާސްޓާ ކާޓަންގެ ސިނގިރޭޓު ފެނިފައިވާ ކަމަށެވެ.

ކަސްޓަމްސް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންވެ، އެ ޝިޕްމަންޓުގައި ހިމެނޭ މުދާތައް ކަސްޓަމްސްއިން ވަނީ ހިފަހައްޓައިފައެވެ.

ކަސްޓަމްސްއިން ބުނީ، މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ މައްސަލައަކަށްވާތީ މި މައްސަލަ މިހާރު ކަސްޓަމްސްއިން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ، ރާއްޖެ އެތެރެކުރާ މުދާ ބަލައި ފާސްކުރުމުގެ ކަންކަން ކަސްޓަމްސްއިން ކުރަނީ ހިރާސް ނިޒާމު ނުވަތަ ރިސްކް މެނޭޖްމަންޓު ނިޒާމުގެ ތެރެއިން ކަމަށެވެ. އަދި، އިންޓެލިޖެންސް މައުލޫމާތާއި ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ހިރާސް އެކުލެވޭ މިންވަރަކަށް ރިއާޔަތްކޮށް މުދާ ބަލައި ފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.

comment ކޮމެންޓް