މި ސަރުކާރުން 2،000އަށް ވުރެ ގިނަ ސިޔާސީ މަގާމަށް މީހުން އައްޔަންކޮށް، 700 މިލިއަން ރުފިޔާ މުސާރަ ދިނުމަށް މަހަކު ޚަރަދު ކުރަމުން އަންނަ ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށްވަމުންދާ ކަމަށް ބުނެ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ މި ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން މާލީ ހާލަތު ގޯސްވެފައިވާ ކަމަށާއި އެކަން ފޮރުވުމަށް މި ސަރުކާރުން ހަގީގަތާ ޚިލާފު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
ކޮވިޑް-19 ތެރޭގައި އާމްދަނީ ލިބުން ދަށްވި ނަމަވެސް ކުރީ ސަރުކާރުން ދަރަންޏާއި ބިލްތައް ދައްކަމުން އައި ކަމަށް ވިދާޅުވެ އަމީރު ތުހުމަތުކުރެއްވީ މި ސަރުކާރުން ހާލަތާ ނުބައްދަލު ގޮތަކަށް ޚަރަދު ކުރަމުން އަންނަ ކަމަށެވެ.
އެ މައުލޫމާތު ހާމަކުރުމަށް ދެއްކި ޕްރެޒެންޓޭޝަނެއްގައިވާ ގޮތުން މި ސަރުކާރަށް ޚަރަދުތައް އިތުރު ކުރެވޭނެ ޖާގަ ނެތް ނަމަވެސް ރިކަރަންޓު ޚަރަދުތައް އަންނަނީ އިތުރު ކުރަމުންނެވެ. އެގޮތުން ސިޔާސީ މަގާމުތަކާއި އެ މަގާމުތަކުގެ މުސާރަ ބޮޑުކޮށް، އައު އޮފީސްތައް ގާއިމުކޮށް އެ ތަންތަނަށް މުވައްޒަފުން ނެގުން ހިމެނޭ ކަމަށް ޕްރެޒެންޓޭޝަންގައިވެއެވެ.
މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުސާރައާއި ޚަރަދު ވެސް އިތުރުކޮށްފައިވާ ކަމަށާއި އެގޮތުން ދައުރު ބަދަލުވިއިރު ކުންފުނިތަކުގެ ޕޭރޯލް ހުރި މިންވަރާ އަޅައިބަލާއިރު މުސާރައިގެ ޚަރަދު މިހާރު މަދުވެގެން 15 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރެޒެންޓޭޝަންގައި އާންމުކުރި ތަފާސްހިސާބުގެ ތެރޭގައި:
ފެނަކަ
2023 ނިމުނުއިރު: 74 މިލިއަން ރުފިޔާ
މިހާރު: 84 މިލިއަން ރުފިޔާ
އާރުޑީސީ
2023 ނިމުނުއިރު: 22 މިލިއަން ރުފިޔާ
މިހާރު: 28 މިލިއަން ރުފިޔާ
ވެމްކޯ
2023 ނިމުނުއިރު: 21 މިލިއަން ރުފިޔާ
މިހާރު: 31 މިލިއަން ރުފިޔާ
ސްޓެލްކޯ
2023 ނިމުނުއިރު: 40 މިލިއަން ރުފިޔާ
މިހާރު: 44 މިލިއަން ރުފިޔާ
އެމްޓީސީސީ
2023 ނިމުނުއިރު: 60 މިލިއަން ރުފިޔާ
މިހާރު: 65 މިލިއަން ރުފިޔާ
ސިޔާސީ މަގާމުތައް 700އަށް ވުރެ އިތުރުނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ގިނަ އަދަދެއްގެ މީހުންނަށް ސިޔާސީ މަގާމުތައް ދީ، އެ އަދަދުތައް ހާމަނުކުރާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު ރައްޔިތުންގެ މަޖިލީހުން ވެސް ހޯދަން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވެއެވެ.
ގައުމުގެ މާލީ ހާލަތު ގޯސްވެ، ދަރަނި އަދާކުރުމަށް ހުރަސްތައް ގިނަ ކަމަށް ބޭރުގެ މާލީ އިދާރާތަކުން އިންޒާރު ދެމުންއަންނައިރު، މި ހާލަތުން އަރައިގަތުމަށް އެ ފަރާތްތަކުން އެންމެ ބޮޑަށް ބާރު އަޅަނީ ޚަަރަދު ކުޑަކުރުމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް ވަނީ، ގައުމުގެ މާލީ ހާލަތާއި އިގްތިޞާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށް ނިންމަވައިފައިވާކަން އިއުލާން ކުރައްވައިފައެވެ. އަދި ޚަރަދު ކުޑަކުރުމަށް ޓަކައި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭކަމަށް ރައީސް ވިދާޅުވެފައިވެއެވެ.