ކ. މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ މަރުވި މުޙައްމަދު ޖަމީލަކީ ނަފުސާނީ ބަލިތަކެއް ހުރި މީހެއް ކަމަށާއި އޭނާ ބަންދުގައި ބަހައްޓައިފައި ހުރީ ބޭސްފަރުވާ ނުދީ ކަމަށް، ގައިދީންގެ ހައްގުތަކަށް މަސައްކަތް ކުރާ ހިއުމަން ރައިޓްސް އެންޑް ޑީޓެއިނީސް ވޮޗްއިން ބުނެފިއެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޖަމީލަކީ ނަފުސާނީ ދެ ބައްޔެއް ކަމަށްވާ މެނިކް ޑިޕްރެޝަންއާއި ސްކިޒޯއެފެކްޓިވް ޑިސްއޯޑާ ހުންނަ މީހެއް ކަމަށެވެ. ނަމަވެސް އޭނާއަށް ބޭނުންވާ ނަފުސާނީ ފަރުވާ ދިނުމުގެ ބަދަލުގައި، ދެ އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން އޭނާގެ މައްސަލަ ނުބަލައި ޖަލުގައި ބަހައްޓަފައި ހުރީ ކަމަށް ޑީޓެއިނީސް ވޮޗްއިން ބުންޏެވެ.
ޖަމީލާ ބެހޭ ގޮތުން އެ ޖަމިއްޔާއަށް ލިބިފައިވާ ރިޕޯޓުތަކުން އޭނާ ދިގު މުއްދަތަކަށް އެކަހެރިކޮށް ބައިންދައި، އޭނާއަށް ބޭނުންވާ ބޭސް ނުދީ، ގަވައިދުން ސިއްހީ ފަރުވާ ނުދީ ހުރި ކަމަށް ދޭހަވާ ކަމަށް ވެސް ޑީޓެއިނީސް ވޮޗްއިން ބުންޏެވެ. އަދި އޭނާގެ ހަށިގަނޑުން އަނިޔާގެ ނިޝާންތައް ފެނިފައިވާ ކަމަށް އާއިލާއިން ރިޕޯޓުކޮށްފައިވާ ކަމަށާއި ޖަމީލަށް ޖަލުގައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ތަހުގީގު ކުރަން ޖެހޭ މިންވަރަށް ތަހުގީގު ނުކޮށް ޖަމީލްގެ ހަށިގަނޑު ހަވާލުކޮށްފައިވާ ކަމަށާއި އެހެންވެ، އޭނާގެ މަރާ ގުޅޭ ގޮތުން ޝައްކުތައް އުފެދި، ފުލުހުންގެ އަމަލުތަކާ މެދު ސުވާލު އުފެދޭ ކަމަށް ޑީޓެއިނީސް ވޮޗްއިން ބުންޏެވެ.
"މި ޖަމިއްޔާއަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި 57 ޕަސެންޓަށް ވުރެ ގިނަ ގައިދީން ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ،" ބަޔާނުގައިވެއެވެ.
އެއީ ނިޒާމީ މައްސަލައެއްކަން ފާހަގަކޮށް ޑީޓެއިނީސް ވޮޗްއިން ގޮވާލީ ޖަމީލްގެ މަރާ ގުޅޭ ގޮތުން ތަފުސީލީ، މިނިވަން ތަހުގީގެއް ކުރިއަށް ގެންގޮސް، އިހުމާލުވެފައިވާ ނުވަތަ ނުހައްގުން އަމަލުކޮށްފައިވާ ބަޔަކު ތިބި ނަމަ ފިޔަވަޅު އެޅުމަށެވެ.
ހަމައެއާއެކު، ޖަލުތަކުގެ ނިޒާމާއި ނަފުސާނީ ފަރުވާގެ ނިޒާމަށް ވީހާވެސް އަވަހަށް އިސްލާހުތައް ގެނެސް، މިފަދަ ހާދިސާތައް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށާއި 'ވާނުވާ ބަންދު'ގެ މައްސަލަ ހައްލުކުރަން ސަރުކާރުން ވެފައިވާ ވައުދު ފުުއްދުމަށް ޑީޓެއިނީސް ވޮޗްއިން ގޮވާލިއެވެ.
ކަރެކްޝަންސްއިން އިއްޔެ މައުލޫމާތު ދިން ގޮތުގައި ޖަމީލް މަރުވެފައިވާކަން އެނގުނީ އޭނާ ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންދިޔަ ފަހުންނެވެ. އެގޮތުން މެންދުރު 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދިން ކަމަށާއި އޭނާގެ ހިތް ހުއްޓިގެން މަރުވެފައި ވާކަމަށް 12:45 ހާއިރު މަރުކަޒުން ކަނޑައެޅި ކަމަށް އެ ޚިދުމަތުން ބުންޏެވެ.
ޖަމީލް މަރުވިއިރު އުމުރުން 45 އަހަރެވެ.
އޭނާ މަރުވި ފަހުން ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށް، މޫނުގައި ފެންނަން ހުރި ބައެއް ލަކުނުތަކާއި ޒަޚަމްތަކެއްގެ ވާހަކަ ވަނީ ފެންމަތިކޮށްފައެވެ. އަދި ޖަލުގައި އޭނާއަށް އަނިޔާކުރިކަމުގެ ތުހުމަތުވަނީ ކޮށްފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޖަމީލް މަރުވީ ނަމާދަށް ސަޖިދައިގައި އޮއްވައި ކަމަށާއި، މަރާ ގުޅޭގޮތުން ތުހުމަތުތަކެއް ހުރުމުން ޕޯސްޓްމޯޓަމް ހަދަން އަންގައިފައިވާ ކަމަށެވެ. ނަމަވެސް، "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ޕޯސްޓްމޯޓަށް ނަހަދައި ފަތިހު ވަނީ ވަޅުލައިފައެވެ.
ޖަމީލު ޝަރީއަތް ނިމެންދެން ބަންދުކުރީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައެވެ.