ކ. މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ށ. ފުނަދޫ ޒަމާނީ ވިލާ މުޙައްމަދު ޖަމީލް މަރުވީ ނަމާދަށް ސަޖިދައިގައި އޮއްވައި ކަމަށާއި، މަރާ ގުޅޭގޮތުން ތުހުމަތުތަކެއް ހުރުމުން ޕޯސްޓްމޯޓަމް ހަދަން އަންގައިފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
ކަރެކްޝަންސްއިން މައުލޫމާތު ދިން ގޮތުގައި ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދިން ކަމަށެވެ. އެގޮތުން މެންދުރު 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދިން ކަމުގައެވެ. އަދި 12:45 ހާއިރު ޖަމީލުގެ ހިތް ހުއްޓިގެން މަރުވެފައި ވާކަމަށް މާފުށީ ސިއްޙީ މަރުކަޒާ ހަވާލާދީ ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.
ޖަމީލް މަރުވިއިރު އުމުރުން 45 އަހަރެވެ.
އެއާއެކު އޭނާގެ ފުރާނަ ނެތް ހަށިގަނޑުން މޫނުގެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް، މޫނުގައި ފެންނަން ހުރި ބައެއް ލަކުނުތަކާއި ޒަޚަމްތަކެއްގެ ވާހަކަ ވަނީ ފެންމަތިކޮށްފައެވެ. އަދި ޖަލުގައި އޭނާއަށް އަނިޔާކުރިކަމުގެ ތުހުމަތުވަނީ ކޮށްފައެވެ.
އެއާއެކު މިނިސްޓަރު އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަމީލު ބަންދުކޮށްފައި ހުރި ގޮޅީގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެންމެ ފަހުގެ ވަގުތުތަކުގައި އޭނާ ހުރީ ނަމާދު ކުރާށެވެ.
އަދި މަރުވެފައި އޮއްވައި ފެނުނީ ސަޖިދައިގައި އޮއްވައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޖަލުގައި ހިނގާ ކޮންމެ މަރެއްގެ މިނިވަން ތަހުގީގެއް ހިންގަނީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް ކަމަށެވެ.
އަދި މަރަކާ ގުޅޭގޮތުން ޝައްކުވާ ނުވަތަ ތުހުމަތުވާ ކަމެއް އޮތްނަމަ އެ ކަމެއް ވެސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން މިނިވަންކަމާއެކު ތަހުގީގުކުރާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ މަރާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގުމުގެ އިތުރުން، ޖަމީލްގެ އާއިލާގެ ހުއްދައާއެކު އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ވެސް އަންގައިފައިވާ ކަމަށެވެ.
މި ތަހުގީގު ކުރިއަށްދާއިރު ހުރިހާ އިދާރާއަކަށް ވެސް ކަރެކްޝަންސްގެ އެއްބާރުލުން ލިބޭނެކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ސީސީޓީވީ ފުޓޭޖު ވެސް ކަމާ ބެހޭ އިދާރާތަކަށް ހިއްސާކުރާނެކަމަށް ވިދާޅުވިއެވެ.
ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އަދި އޭނާ އަކީ ނަފުސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.