ވީއައިއޭގެ އައު ފަޔާ ސްޓޭޝަން ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ފަޔަރ ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ އައު ފަޔާ ސްޓޭޝަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް ހުޅުއްވައިދެއްވައިފިއެވެ.

މިކަމަށް ހާއްސަކޮށްގެން އެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތު ފަށާފައި ވަނީ މޯލްޑިވްސް އެއާޕޯޓް ކޮންޕެނީ ލިމިޓެޑް އެމްއޭސީއެލްގެ ކުރީގެ ފަޔާ ޗީފް އަލް މަރުހޫމް އަހުމަދު ފަޔާޒުގެ ހަނދާނުގައި ގެނެވުނު ޚާއްސަ ސުކޫތަކަށް ފަހުގައެވެ.

ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މެޖާރ ޖެނެރަލް އިބްރާހީމް ހިލްމީއާ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދުގެ އިތުރުން ކުންފުނީގެ އިސްބޭފުޅުންނާއި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އިތުރުން ދައުލަތުގެ އިދާރާތަކުގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ އެއާޕޯޓުގެ ފަޔާ ފައިޓަރުން ކުރާ ޤައުމީ ޚިދުމަތް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފަޔާ ފައިޓަރުންގެ މަސައްކަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް ނައިބުރައީސް ވަނީ ވިދާޅުވެފައެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ވަނީ އެއާޕޯޓްގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ ސަރުކާރުން ދެއްވާ ޚާއްސަ ސަމާލުކަމާ ދުރު ވިސްނުންފުޅު ފާހަގަކުރައްވައި އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ފަޔަރ ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ އެމްއޭސީއެލް

އަދި ފަޔާ ފައިޓަރުންގެ ޓީމްގެ ޤާބިލްކަމާއި އަލަށް ހުޅުވުނު ފަޔާ ސްޓޭޝަނާއިއެކު ހާދިސާތަކަށް ރެސްޕޮންޑް ކުރެވޭ ވަގުތާއި ފެންވަރު ރަނގަޅުވެގެންދާނެކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ މި ސަރަޙައްދުގައި ވެސް އަންހެން ފަޔާ ފައިޓަރުން ޚިދުމަތާ ގުޅުނު ފުރަތަމަ އެއާޕޯޓްކަން ފާގަކުރައްވައި އެމްޑީ ވަނީ އެ ބޭފުޅުންނަށް މަރުހަބާ ދަންނަވާފައެވެ.

އައު ފަޔާ ސްޓޭޝަނުގައި ބޭނުންކުރާނީ ޒަމާނީ ވަސީލަތްތަކެވެ. އެ ސްޓޭޝަނަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން އައިކާއޯގެ އެއާޕޯޓް ފަޔާ ރެސްކިއުގެ ކެޓަގަރީ ނުވައެއްގެ އެއާޕޯޓު ޝަރުތުތައް ފުރިހަމަވެފައިވާ އަދި އޭރޯޑްރޯމް ކެޓަގަރީ 10 ގެ އަލިފާން ނިއްވުމުގެ މިންގަނޑުތަކާ އެއްގޮތް ހުޅުވިގެންދިޔަ ސްޓޭޝަނެކެވެ. 2230 އަކަމީޓަރުގެ ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ މި ފެސިލިޓީއަކީ ރަންވޭ އިރުމަތީ އޭޕްރަން، ވޯޓާ އޭރޯޑްރޯމްގެ މައި ރެސްޕޮންޑަރެއްގެ ގޮތުގައި މަސައްކަތްކުރާނެ ފެސިލިޓީއެވެ.

އައު ފަޔާ ސްޓޭޝަންގައި މުވައްޒަފުންނާއި ތަމްރީންތަކަށް އަދި ކޮންޓްރޯލް ސެންޓަރު ހިމެނޭހެން ދެ ފަންގިފިލާގެ އިމާރާތެއް ވަނީ ގާއިމުކޮށްފައެވެ.

މި ސްޓޭޝަން ހުޅުވައި ޚިދުމަތްދޭން ފެށި ނަމަވެސް ކުރީގައި ބޭނުންކުރާ ފަޔާ ސްޓޭޝަންގެ ޚިދުމަތް ވެސް ދެމުން ދާނެކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އެގޮތުން ޓެކްސީވޭއާ ހުޅަނގުފަރާތު އޭޕްރަން، އަދި އޮފީސް އިމާރާތްތަކުގެ އިމަޖެންސީގައި ހަރަކާތްތެރިވާނީ ކުރީގެ ފަޔާ ސަޓޭޝަނުން ކަމަށް ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް