މޫސުމުގެ ސަބަބުން ފްލައިޓް ޝެޑިއުލަށް ބަދަލު އައިސްދާނެތީ ސަމާލުވާން އެދެފި

މޫސުމުގެ ސަބަބުން ފްލައިޓް ޝެޑިއުލަށް ބަދަލު އައިސްދާނެތީ ސަމާލުވާން އެދެފި -- ފައިލް ފޮޓޯ

ރާއްޖެއަށް މިވަގުތު މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓު ޝެޑިއުލަށް ބަދަލު އައިސްދާނެތީ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިވަގުތު ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މިކަމާ ގުޅިގެން އެމްއޭސީއެލްއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މުޅި ހަފުތާގައި ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން، ފްލައިޓު ޝެޑިއުލަށް ބަދަލުތަކެއް އައުން އެކަށީގެން ވާކަމަށް އެ ޕޯސްޓުގައި ވެއެވެ.

އެއާޕޯޓަށް ދިއުމުގައާއި އެނބުރި އައުމުގައި އިތުރު ސަމާލުކަމެއް ދެއްވުމަށް އެ ކުންފުނިން ވަނީ ފުރާ މީހުންނާއި ރާއްޖެ އަންނަ މީހުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ވާރޭ ކޯޓު ހިފައިގެން ދިއުމަށާއި ކުރިއާލާ ރާވާ، ރައްކާތެރިކަމާއެކު ދަތުރުކުރުމަށް އެކުންފުނިން ވަނީ އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ.

https://x.com/MACLmedia/status/1823319092234948987

މިކަމާގުޅޭ އިތުރު މައުލޫމާތު "ސަން"އާ ހިއްސާކުރައްވަމުން އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދި މިހާތަނަށް ޝެޑިއުލަށް ބަދަލެއް އައިސްފައި ނުވާކަމަށާއި ނަމަވެސް ކުރިއަށް އޮތްތަނުގައި ޝެޑިއުލަށް ބަދަލު އައުން އެކަށީގެންވާކަމަށެވެ.

"އަދި އެއްވެސް ފްލައިޓަކަށް ބަދަލެއް ނާދޭ. ނަމަވެސް ވާރޭ ވެހޭތީ ބަދަލު އައިސްދާނެ ކަމަށް ލަފާކުރެވޭތީ ޝެޑިއުލަށް ސަމާލުވުމަށް މި އެންގީ އަޅުގަނޑުމެން. ވާރޭ ވެހޭތީ ޖައްސާ ފްލައިޓްތައް ލަސްވުން ވެސް އެކަށީގެންވޭ." މީޑިއާ އޮފިޝަލް ވިދާލުވިއެވެ.

މި ވިއްސާރައިގައި ސިނަމާލެ ބްރިޖާއި ހައިވޭގައި ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ، ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާއި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރުކޮށްފާނެތީ، އެކަމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.

comment ކޮމެންޓް