މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މީޑިއާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވިއެވެ. އެ ދުވަހު އިސްކަންދަރު ކޮށީގައި މީޑިއާތަކުގެ އެޑިޓަރުންގެ ކުރިމަތީގައި ކަންކަން އިސްލާހުކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
އެކަމަކު، އެއީ މީގެ ކުރިން ވަޑައިގެން ވަޒީރުން ވެސް ކެނޑި ފޮންޏެއް ވީމާ އެ ދުވަހު މާ ބޮޑު ސަމާލުކަމެއް ނުލިބެއެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހުގައި އެ ދުވަހު އިސްކަންދަރު ކޮށީގައި ދެއްކެވި ވާހަކަތަކަކީ ފޮންޏެއް ނޫންކަން ޔަގީންވީ ރޭ އިއުލާނުކުރެއްވި އޮޕަރޭޝަނުންނެވެ. އިހުސާންގެ ބެލުމުގެ ދަށުގައި އޮތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ކޮރަޕްޝަން ފަޅާއަރުވައިލީމައެވެ. މުލުން ލުހެލާނެކަން އިއުލާނުކުރެއްވީމައެވެ. މީޑިއާގައި ފާޅުގައި އެ ވާހަކަތައް ހިއްސާކުރެއްވީމައެވެ.
ޖަލަށް މަސްތުވާތަކެއްޗާއި ފޯނާއި އޭތި މީތި ވެއްދުމަކީ އިއްޔެ މިއަދުގެ މައްސަލައެއް ނޫނެވެ. އެކަން ކުރަނީ ކިހިނެއް، ކޮން ބަޔަކު ކަން ވެސް އެއީ މާ ކުރިން މީޑިއާތަކާ ހަމައަށް ވެސް ތިލަވެފައި ހުރި ކަންކަމެވެ.
މަދުމަދުން މަސްތުވާތަކެތި ވައްދައިދީގެންނާއި ފޯނު ސަޕްލައިކޮށްދީގެން ވެސް ކަރެކްޝަންގެ އޮފިސަރުން ހައްޔަރުކުރެއެވެ. ފަހަރަކު މީހަކު ހައްޔަރުކުރަމުން މިދިޔަ މާޒީގައި އޭގެ ބޮޑު ބެޗެއް ހައްޔަރުނުކުރެއެކޭ ނުބުނަމެވެ. އެކަމަކު، އެ ފަހަރުތަކުގައި މައްސަލަތައް ބަލަނީ ވަރަށް ވަނދުކޮށްނެވެ. މަތިމަތިންނެވެ. މި ފަހަރު ތަފާތުވެގެން، އިހުސާން މޮޅުކޮށްފައި ވާހަކަދައްކަން ޖެހުނީ އެހެންވެއެވެ.
އެ ހިފީ ބޮޑު ނެޓްވޯކެކެވެ. އެކައުންޓުތަކުގައި ހުރި ފައިސާތަކުގެ އަދަދަށް ދަންދެން އިސްވެ ހާމަކުރައްވައިފިއެވެ.
ސިޔާސީ މީހުން އެ މީހުންގެ ބެލުމުގެ ދަށުގައި ހުންނަ އިދާރާތަކުގެ ކަންކަން އޮއްބައި، ހިފަހައްޓަން އުޅޭ މިންވަރާ ބަލާއިރު އެ ކަންކަން އިސްވެ، ހާމަކުރައްވައި ފިޔަވަޅު އެޅުއްވީމާ ހައިރާންވީއެވެ. އޮފިސަރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރީ ގައިދީންގެ އެކައުންޓުތަކުންކަން ވެސް ފާޅުގައި ވިދާޅުވެދެއްވައިފިއެވެ.
ވީ ކިހިނެއް؟
ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނެއްގެ މައުލޫމާތު ހިއްސާކުރަން ރޭ ފުލުހުންނާ އެކު ވަޒީރު އިހުސާން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. ސިހުރެއްގެ ވާހަކަދައްކަވައިފާނެ ކަމަށް އިންދާ ދެއްކެވީ ޖަލުގައި ތިބޭ ގައިދީންނަށް މަސްތުވާތަކެއްޗާއި އެ ނޫން ވެސް ސާމާނު ސަޕްލައިކޮށްދޭ ކަރެކްޝަންސް އޮފިސަރުންގެ ބޮޑު ނެޓްވޯކެއްގެ ވާހަކައެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އެ ނެޓްވޯކްގައި ކަރެކްޝަންސްގެ 18 އޮފިސަރުން ބައިވެރިވެއެވެ. އެކި އަދަދުތަކުން މަދުމަދުން ޖަމާކޮށްގެން އެ މީހުންގެ އެކައުންޓުތަކުގައި 73 މިލިއަން ރުފިޔާ ހުރި ކަމަށް ވެއެވެ. އޭގެ ތެރެއިން އެކަކުގެ އެކައުންޓުގައި އެކަނި ވެސް 24 މިލިއަން ރުފިޔާ ހުއްޓެވެ. އެއީ، ވިޔަފާރިއެއް ވެސް ކުރާ ބައެއް ނޫނެވެ. އޭގެ ތެރެއިން ހަ މީހަކު މިހާރު ވަނީ ކަރެކްޝަންސްގެ ވަޒީފާއިން ވެސް ވަކިވެފައެވެ.
ފުލުހުން މިއަދު ބުނީ، އޭގެ ތެރެއިން 13 އޮފިސަރުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ، ކ. މާފުށިން ހައްޔަރުކުރި ނުވަ މީހުންނާއި ކ. ކާށިދޫން ހައްޔަރުކުރި ދެ މީހަކާއި ހއ. އުތީމާއި ވެރިރަށް މާލެއިން ކޮންމެ ރަށަކުން ހައްޔަރުކުރި އެކަކެވެ.
މިއީ ކަރެކްޝަންސް ފަދަ ޔުނީފޯމް އެޅި މުއައްސަސާއެއްގެ މިހާ ގިނަ އޮފިސަރުންނާއި މިހާ ގިނަ އަދަދެއްގެ ފައިސާ ހިމެނޭ ކޮރަޕްޝަނެއް މިހާ ފާޅުގައި ބަލަން ފެށި ފުރަތަމަ ފަހަރެވެ.
"ޔުނީފޯމު އެޅި އެއްވެސް އޮފިސަރަކު އެ ބައެއްގެ ގާނޫނު ތަންފީޒުކުރުމުގެ ޒިންމާގެ ތެރޭގައި ފައިސާ ނަގައި ފައިސާއަށްޓަކައި އެ މީހާގެ ޔުނީފޯމު ވިއްކާލައިފި ނަމަ، އެފަދަ އަމަލެއް އަޅުގަނޑުމެން އެއްވެސް ވަރަަކަށް ޓޮލަރޭޓެއް ނުކުރާނަން،" ގާނޫނުގައި ބުނާ އެންމެ ހަރުކަށި އަދަބު ދޭނެކަން ހާމަކުރައްވަމުން އިހުސާން ވިދާޅުވިއެވެ.
"އެ ހާލަތަށް ދާންޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ. ﷲ ގަންދީ ހުވައެއް ކޮށްގެން ތިބޭނީ އެ ސަބަބުތައް އެކަހެރި ކޮށްގެން ތިބޭ މީހުން,"
އިހުސާން ރޭ ރައްޔިތުންނަށް ވެސް ކުރިން މީޑިއާތަކަށްދެއްވި ޔަގީންކަން ދެއްވިއެވެ. އެއީ، ކަންކަން އިސްލާހުކޮށްދެއްވާނެކަމުގެ ޔަގީންކަމެވެ. ގާނޫނުގައި ބުނާ އެންމެ ހަރުކަށި އަދަބު ތަންފީޒުކުރާނެކަމުގެ ޔަގީންކަމެވެ. އޮފިސަރުންނާ މެދު މިހާރަށް ވުރެ ބޮޑަށް ފާރަވެރިވާނެކަމުގެ ޔަގީންކަމެވެ. ތަމުރީނުތައް ހަރުދަނާކުރާނެކަމުގެ ޔަގީންކަމެވެ.
އިހުސާނަކީ ކާކު؟
ވަޒީރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރީގައި އިހުސާން ވަނީ އެމެރިކާގެ މިލިޓަރީ އެކެޑެމީގައި ޑިފެންސް ސްޓްރެޓީޖިކް ރޮނގުންނާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވައިފައެވެ. އަދި، ނަންޔަންގް ޓެކްނޮލޮޖީ ޔުނިވާސިޓިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓާސް ހާސިލުކުރައްވައިފައެވެ.
ސިފައިންގޭގައި ކެޕްޓަންގެ ރޭންކުގައި 11 އަހަރު ޚިދުމަތް ކުރެއްވިއެވެ.
އެ ގޮތުން، ރާއްޖެއަށް ޑިމޮކްރަސީއައި ފަހުން އެންމެ މަސްލަހަތު ގޯސްވި އެއް ދުވަސް ކަމުގައިވާ ފެބްރުއަރީ 7، 2012 ގައި ވެސް ގްރައުންޑް ކޮންޓްރޯލްގައި އިހުސާން މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ހާދިސާ ތަހުގީގުކުރަން އުފެއްދި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ މެންބަރުކަން ވެސް ކުރެއްވިއެވެ.
ޖެނުއަރީ 2017 ގައި ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގެންއިރު އިހުސާން ހުންނެވީ ސިފައިންގެ އާމަރީ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމު އަދި ޑެޕިއުޓީ ސްޕޯކްސް ޕާސަންގެ މަގާމުގައެވެ. އޭގެ ފަހުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި އޮޑިޓް ކޮމިޓީގެ މެންބަރުކަން ވެސް ކުރެއްވިއެވެ. ވިޔަފާރީގެ ދާއިރާގައި ވެސް އިހުސާނަކީ ތަޖުރިބާކާރު ބޭފުޅެކެވެ.
ސިޔާސީ ކަންކަމަށް ނުކުމެވަޑައިގެން އެންމެ ފުރަތަމަ ސޮއިކުރެއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށެވެ. އެކަމަކު، ވަޒީރުކަމާ ހަވާލުވެވަޑައިގެންއިރު އެމްއެންޕީން ވަކިވެ، ސިޔާސީ ކަންކަމުގައި ތަންކޮޅެއް ދުރުގައި އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ވަޒީރުކަމާ ހަވާލުވުމަށް ފަހު އިހުސާން ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ.
ތަޖުރިބާއާއި ތައުލީމުގެ އަލީގައި އިހުސާން އެ ނަމޫނާ ދައްކަވައިފިއެވެ. މަގާމާ ހަވާލުވެ ދެއްކެވި ވާހަކަތަކަކީ ކެނޑި ފޮންޏެއް ނޫންކަން މިހާރު ޔަގީންވެއްޖެއެވެ.