4،000 ފުލެޓުގެ މަސައްކަތް އަންނަ އަހަރު މެދުތެރެއަށް ނިމޭނެ: ހައިދަރު

4،000 ފުލެޓުގެ މަސައްކަތް ކުރިއަށްދާގޮތް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ބައްލަވާލެއްވުން: އޭނާ ވިދާޅުވީ އަންނަ އަހަރު މެދުތެރެއަށް ނިމޭނެކަމަށް -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ފުލެޓުގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ މެދުތެރެއަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

މި 4،000 ފުލެޓަކީ ނިމިދިޔަ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން، ފުރަތަމަ ފުލެޓު ލިބޭ މީހުންނަށް ދޭނެ ތަންތަނެވެ.

ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން ފެށި ޖިނާއީ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު ފެބްރުއަރީ މަހު އޭސީސީން ވަނީ ބައެއް ކަންތަކަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.

4،000 ފުލެޓުގެ މަސައްކަތް ކުރިއަށްދާގޮތް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ބައްލަވާލެއްވުން: އޭނާ ވިދާޅުވީ އަންނަ އަހަރު މެދުތެރެއަށް ނިމޭނެކަމަށް -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

މިނިސްޓަރު ވަނީ މިއަދު ހަވީރު މި 4،000 ފުލެޓުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އެ ސަރަޙައްދަށް ވަޑައިގެންފައެވެ.

އެ ސަރަޙައްދު ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރު ހައިދަރު ވިދާޅުވީ، ކުރީގެ ސަރުކާރުން ނެރުނު ފްލެޓް ލިސްޓު އޭސީސީގެ ހުއްދައާއެކު އަލުން މިހާރު ރިވިއު ކުރަމުންދާކަމަށެވެ. އަދި ފުލެޓް އޭގެ ހައްގުވެރިންނަށް ލިބޭ ގޮތަށް ނޫން އެއްވެސް ގޮތަކަށް ނުނިންމާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

މުރާޖާކޮށް ނިމުނީމަ އިރާދަކުރެއްވިއްޔާ ފްލެޓް ހަވާލުކޮށް ނިންމާނަން. އޭސީސީން އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތައްތަކެއް ކުރަން އަންގަވާފައި އޮތީ. އެގޮތަށް އަޅުގަނޑުމެން ކުރިއަށްގެންގޮސް އިރާދަކުރެއްވިއްޔާ ފްލެޓްގެ ހައްގުވެރިންނަށް، އަޅުގަނޑު ޔަގީންކަންދެން ތިބޭފުޅުންނަށް ޙައްގުވެރިންނަށް ނޫން ބަޔަކަށް ފްލެޓުތައް ލިބޭނެ ގޮތަކަށް އަޅުގަނޑުމެން ނުނިންމާނަން، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

4،000 ފުލެޓުގެ މަސައްކަތް ކުރިއަށްދާގޮތް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ބައްލަވާލެއްވުން: އޭނާ ވިދާޅުވީ އަންނަ އަހަރު މެދުތެރެއަށް ނިމޭނެކަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މިނިސްޓަރު ވިދާޅުވީ މާލީ ގޮތުން ސަރުކާރަށް މި ވަގުތު ހުރި ގޮންޖެހުންތަކާއެކު ވެސް މި 4،000 ފުލެޓްގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން ބައެއް ޓަވަރުތަކުގެ ބޮޑުބައި މިހާރު ނިމިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ ސްޕީޑުގައި ގޮސް އަންނަ އަހަރުގެ މެދުތެރެއަށް ހުރިހާ ޓަވަރެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

އެފްޑީސީން ހުޅުމާލޭގައި އިމާރާތްކުރާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމުން ގިނަ ބަޔަކު ޝަކުވާ ހުށަހެޅިއެވެ. އެގޮތުން، އެ މައްސަލައިގައި އޭސީސީއަށް 325 ޝަކުވާއެއް ވަނީ ހުށަހަޅައިފައެވެ.

އެއަށްފަހު އޭސީސީން ފެށި ޖިނާއީ ތަހުގީގަށް ފަހު އެ ކޮމިޝަނުން ބުނީ 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ.

4،000 ފުލެޓުގެ މަސައްކަތް ކުރިއަށްދާގޮތް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ބައްލަވާލެއްވުން: އޭނާ ވިދާޅުވީ އަންނަ އަހަރު މެދުތެރެއަށް ނިމޭނެކަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ހަމައެއާއެކު އެ 4،000 ފުލެޓުގެ މަސައްކަތް ނިންމުމަށް އިތުރު 454 މިލިއަން ރުފިޔާ ބޭނުންވާކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި ޓަވަރުތަކަކީ ޖުމްލަ ދެ ބަވާތެއްގެ އެޕާޓްމެންޓު ހިމެނޭ ޓަވަރުތަކެކެވެ. އޭގެ ތެރޭގައި، ހިމެނެނީ ތިން ކޮޓަރިއާއި ދެ ކޮޓަރީގެ އެޕާޓްމެންޓެވެ.

ކޮންމެ އެޕާޓްމެންޓެއްގައި ވެސް ކޮޓަރިތަކުގެ އިތުރުން ސިޓިން ރޫމް، ފާހަނާ، ބަދިގެ އަދި ބެލްކަނީއެއް ހުރެއެވެ. ބަދިގެއާއި ސިޓިން ރޫމަކީ ވަކިން ހުންނަ ދެ ތަނަށްވާއިރު، ކޮޓަރިތަކުގެ ގޮތުގައި އެއް މާސްޓާ ބެޑްރޫމް އަދި ކުދި ރޫމްތައް ހުރެއެވެ.

comment ކޮމެންޓް