ހުޅުމާލެ ފޭސް ދޭއްގެ އުތުރުގައި ތަރައްގީކުރާ އަސޭރިއާ މަޝްރޫއުގެ ބިންގާ އަޅައިފި

އަސޭރިއާ ހައުސިން މަޝްރޫއުގެ ބިންގާ އެޅުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ބެޗް ކޮންސްޓްރަކްޝަންއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ހުޅުމާލޭ ފޭސް ދޭއްގެ އުތުރުގައި އަސޭރިއާ ހޯމްސް އެންޑް ޓައުން ހައުސްގެ ނަމުގައި ހިންގާ މަޝްރޫއުގެ ބިންގާ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް މިއަދު އަޅުއްވައިދެއްވައިފިއެވެ.

އެ މަޝްރޫއަކީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިއުލާނުކުރި މަޝްރޫއެކެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ހުޅުމާލެ ފޭސް ދޭއްގައެވެ.

އަސޭރިއާ ހައުސިން މަޝްރޫއުގެ ބިންގާ އެޅުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އަސޭރިއާ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ އުތުރު ބީޗު ސައިޑުގައި ތިން ވައްތަރެއްގެ ޑިޒައިނަށް 73 ޔުނިޓެއް އަޅާނެއެވެ.

އެއީ ބީޗް ޑްވެލިންގެ 37 ޔުނިޓާއި، ގާޑަން ޑްވެލިންގެ 14 ޔުނިޓެއްގެ އިތުރުން އާބަން ޑްވެލިންގެ 22 ޔުނިޓެވެ. ޖުމްލަ 19،746.88 ސްކޮއާ މީޓަރުގެ ސަރަހައްދެކެވެ.

https://sun.mv/171973

މި ތިން ބާވަތުގެ ހައުސިން އަކީ ވެސް ދިވެހީންގެ ދިރިއުޅުމުގެ އާދަތަކާ ވީހާ ވެސް ގުޅޭނެ ފަދަ ގޮތަކަށް ގުދުރަތީ ރީތިކަން ދައްކުވައިދޭ ކޮންސެޕްޓަކަށް ޑިޒައިން ކޮށްފައިވާ ހައުސިން ޔުނިޓުތަކެކެވެ. މި ޕްރޮޖެކްޓުގެ ދަށުން އަޅައި ގެތައް ޑިޒައިންކުރުމުގައި ރާއްޖޭގެ މޫސުމާއި، ވެއްޓަށް ވެސް ބަލައިފައިވެއެވެ.

އަސޭރިއާ ޕްރޮޖެކްޓުގެ ދަށުން އަޅައި ގެތަކުގައި ގަސް ހެއްދުމަށް ޚާއްސަ އެލެވޭޓެޑް ގާޑެންތަކެއް ވެސް ހުންނާނެއެވެ.

މިއީ ތިން އަހަރުން ނިންމަން ހަމަޖެހިފައިވާ މަޝްރޫއެކެވެ.

comment ކޮމެންޓް