އެއް މިލިއަން ވަނަ ފަތުރުވެރިޔަކަށް ތައިލެންޑުގެ އަންހެނެއް

މި އަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ރާއްޖޭން މަރުހަބާ ކިޔުން -- ސަން ފޮޓޯ/ އަމަން ލަތީފް

މި އަހަރު ރާއްޖެއަށް ޒިޔާރާތްކުރި އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔައިފިއެވެ.

މި އަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެ އައިސްފައިވަނީ ތައިލެންޑަށް ނިސްބަތްވާ ސުތާޕާ އަމޯންވިވަތް އެވެ. އޭނާ ރާއްޖެ އައީ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށެވެ.

މި އަހަރު ވެސް ރާއްޖެ އައި އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައިވަނީ އެ ކަމަށްޓަކައި ޚާއްސަ ހަފުލާއެއް ބާއްވައިފައެވެ. އެ ހަފުލާ ބޭއްވީ ޓޫރިޒަމް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގުޅިގެންނެވެ.

އެއްމިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވީއޭއައިގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ އަމަން ލަތީފް

މި ރަސްމިއްޔާތުގެ ތެރެއިން އެއް މިލިއަންވަނަ ޓޫރިސްޓަށް ވަނީ ޚާއްސަ ޗުއްޓީއެއް ސަން ސިޔާމް ރިސޯޓްސްގެ ހެޔޮއެދުންތަކާއެކު ދީފައެވެ.

މި އަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާގެ އަމާޒު ރާއްޖެއަށް ހާސިލްވެފައި މިވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު، ދެތިން ހަފުތާއެއް ކުރިއަށެވެ. ސަރުކާރުން މި އަހަރު އަމާޒު ހިފާފައި އޮތީ އަހަރުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.

އެ ހަފުލާއަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވީ އަހަރުގެ މިހާތަނުގައި އެއް މިލިއަންވަނަ ފަތުރުވެރިޔާގެ އަމާޒު ރާއްޖެއަށް ހާސިލްވުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އެ ގޮތުން މިއީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި މިހާ އަވަހަށް އެއް މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލްވި ފުރަތަމަ ފަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް: ވިދާޅުވީ އަހަރުގެ މިހާތަނަށް އައިއިރު، އެއް މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލްވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

ފައިސަލް ވަނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް މިއަދު ރާއްޖޭން މަރުހަބާކީއިރު، މީގެ ކުރީން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އިންޑިއާ މިހާރު އޮތީ ހަވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ގައުމުގެ ގޮތުގައެވެ.

https://sun.mv/193090

މި ކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އިންޑިއާގެ މާކެޓު ރަނގަޅު ކުރުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި އަންނަ ޖުލައި އަދި އޮގަސްޓުމަހުގެ ތެރޭގައި މިނިސްޓަރު ވެސް އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށާއި އިންޑިއާގެ ބޮޑެތި ސިޓީތަކުގައި އެމްއެމްޕީއާރުސީގެ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން އިންޑިއާގެ ޓުއާ އޮޕަރޭޓަރުންނާއެކު މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށާއި މި އަހަރުގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް އިންޑިއާގެ މާކެޓު ރަނގަޅު ކުރެވޭނެކަން ޔަގީން ކުރައްވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ދާދި ފަހުންވަނީ އިންޑިއާގެ ބޮޑުވަޒީރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް ވަޑައިގެންފައި. އެއީ ވަރަށް ޕޮޒިޓިވް ސައިންއެއް. އެހެންވީމާ އިންޑިއާއާ އެކު މި ވަގުތު އަޅުގަނޑުމެންގެ މި އޮތީ ވަރަށް ރަނގަޅު ގުޅުމެއް. އޭގެ ހެޔޮ އަސަރު ޓޫރިޒަމް އިންޑަސްޓްރީއަށް ކުރާނެކަން އަޅުގަނޑު ހަމަ ޔަގީންކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުން އަންނަކަން ފައިސަލް ހާމަ ކުރެއްވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް އެކަށީގެންވާ އަދަދެއް ބަޖެޓުގައި ހިމަނާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީ: ވިދާޅުވީ މި އަމާޒަށް ވާސިލްވުމުގައި ސަރުކާރާއި އެމްއެމްޕީއާރުސީއާއި އަދި ސްޓޭކްހޯލްޑަރުންގެ ބޮޑު ހިއްސާއެއް އޮތް ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

މީޑިއާއާ ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީ މިއަދު ވިދާޅުވީ މިދިޔަ އަހަރު އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ހަމަވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 16ގައި ކަމަށާއި މި އަހަރު އެ ޓާގެޓް އެއަށްވުރެން އަވަހަށް ހާސިލްވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޝިއުރީ ވިދާޅުވީ ޓޫރިސްޓް އެރައިވަލްގެ އަމާޒު ހާސިލް ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެ ގޮތުން އެ ކަމުގައި ސަރުކާރާއި އެމްއެމްޕީއާރުސީއާއި ސްޓޭކްހޯލްޑަރުންގެ ބޮޑު ހިއްސާއެއް އޮތް ކަމަށާއި އެމްއެމްޕީއާރުސީގެ މުވައްޒަފުންގެ ބުރަ މަސައްކަތް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިޔަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންގެ ޓާގެޓް ރީޗް ކުރުމަށްޓަކައި ހަމަ ބައިވަރު ކަންތައްތަކެއް ރޭވިފައި ހުރީ. ބައިވަރު ފެއާތަކެއް އެބަހުރި. ޕްރޮމޯޝަނަލް އެކްޓިވިޓީސްތަކެއް އެބަހުރި. އެހެންވީމާ އެ ހުރިހާ އެއްޗަކާ އެއްކޮށް ދެން އަޅުގަނޑުމެން މި އަހަރުގެ ޓާގެޓް ރީޗް ކުރެވޭތޯ ދެން މަސައްކަތް ކުރާނީ،" ޝިއުރީ ވިދާޅުވިއެވެ.

ފިންލޭންޑްގައި ކުރިއަށްދިޔަ މަޓްކާ ފެއާގެ ތެރެއިން -- ފޮޓޯ/އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީން އަންނަނީ ރާއްޖެ މާކެޓްކޮށް އިޝްތިހާރު ކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުންނެވެ. މީގެ ތެރޭގައި އެމްއެމްޕީއާރުސީން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޓޮޕް ފަސް މާކެޓު ކަމުގައިވާ ޗައިނާ، ރަޝިއާ، ޔޫކޭ، އިޓަލީ އަދި ޖަރުމަނުގައި އެކި މާކެޓިން ފެއާސް އަދި ކެމްޕެއިންތައް ކުރިޔަށް ގެންގޮސްފައެވެ.

މިއަހަރަށް ސަރުކާރުން ކަނޑައަޅައިފައިވާ ގައުމީ އަމާޒަށް ވާސިލުވުމަށް ޓަކައި ވިޒިޓް މޯލްޑިވްސްގެ ޓީމުން ވަނީ ރާއްޖެ އިޝްތިހާރުކުރުމަށް މުހިންމު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެމްއެމްޕީއާރުސީއިން ވަނީ މި އަހަރު ބޭއްވި އޭޓީއެމް، އައިޓީބީ ބާލިން، އަދި އައިޓީބީ ޗައިނާ ފަދަ ފެއާތަކުގައި ވެސް ބައިވެރިވެފައެވެ.

comment ކޮމެންޓް