އިންޑިއާގެ ގުޅުމުގެ ތެރެއިން ރާއްޖެއަށް ރަނގަޅު ކަންތައްތަކެއް ވާނެ: ރައީސް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާއި އަވައްޓެރި އިންޑިއާއާ އޮންނަ ގުޅުމުގެ ތެރެއިން ރާއްޖެއަށް ރަނގަޅު ކަންތައްތަކެއް ވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއޫއެއްގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. އަދި، މި ދަތުރުފުޅަކީ މި ސަރަހައްދަށް ވެސް މުހިންމު ދަތުރުފުޅެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ، ރާއްޖެއާއި އިންޑިއާގެ ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ރާއްޖެއަށް ފަހިވެގެން ދާނެ ކަމަށެވެ. ދިވެހިންނަށް ހެވާއި ލާބަ ލިބޭގޮތަށް ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ރާއްޖެއަށް އިރާދަކުރެއްވިއްޔާ ރަނގަޅު ކަންތައްތައް ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށް ވުރެ ވެސް އިރާދަކުރެވިއްޔާ ރަނގަޅުވެގެން ދާނެކަން އަޅުގަނޑު ޔަގީން ކުރަން. އިރާދަކުރެއްވިއްޔާ ދިވެހި ރާއްޖެއަށް އެންމެ ރަނގަޅު ގޮތް. ދިވެހި ރައްޔިތުންނަށް އެންމެ ހެވާއި ލާބަ ލިބޭގޮތަށް އަޅުގަނޑުމެން ދެ ގައުމުގެ ގުޅުމުގެ ތެރެއިން އެކުވެރި ގާތްގުޅުމަކަށް އެކަންކަން ފަހިވެގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ހުވައިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން އެ ގައުމުގެ ބޮޑު ވަޒީރު މޯދީއާއި އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫގެ އިތުރުން އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރާ ވެސް ބައްދަލުކުރައްވައިފައެވެ.

"މި ދަތުރުގައި އާދެވި މި ކަމުގައި ބައިވެރިވެވުނީމާ އަދި މި ބައްދަލުވުންތަކަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުއަދާކުރަން އިންޑިއާގެ ރައީސާއި ބޮޑު ވަޒީރާއި އަދި ޖައިޝަންކަރާ ވެސް ބައްދަލުވި،" ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން-- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް "އިންޑިއާ އައުޓް" ޝިއާރު ބޭނުން ކުރައްވައިގެން ޕީއެންސީން ވެރިކަމަށް އައުމާ އެކު ރާއްޖެއާއި އަވައްޓެރި އިންޑިއާގެ ގުޅުން ގޯސްވިއެވެ. އަދި، މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑު ވަޒީރަށް ސޯޝަލް މީޑިއާގައި ކުޑާމީސްކޮށް ވާހަކަދެއްކުމުން އެ ގުޅުން އިތުރަށް ގޯސްވެގެންދިޔައެވެ.

ރައީސް މުއިއްޒަކީ "ޕްރޯ ޗައިނާ" ބޭފުޅެއް ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ދިޔައީ ސިފަ ކުރަމުންނެވެ. ނަމަވެސް، އެ މަނިކުފާނު ވިދާޅުވަމުން އައީ އެ މަނިކުފާނަކީ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ގެންގުޅުއްވާނެ ބޭފުޅެއް ކަމަށެވެ. މި ފަހުން އިންޑިއާއާއި ރާއްޖޭގެ ގުޅުން އަނެއްކާ ވެސް ވަނީ ރަނގަޅުވާން ފަށައިފައެވެ.

އެގޮތުން، ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރަށް ފަހުގައި ދެ ގައުމުގެ ގުޅުން ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޖައިޝަންކަރު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

comment ކޮމެންޓް