ޓެކުހަށް ގެންނަ ބަދަލުތަކާއެކު މާލީ ހާލަތު ރަނގަޅުވާނެ: މޫޑީސް

މީހަކު ފިހާރައެއްގައި: ޓެކުހަށް ގެންނަ ބަދަލުތަކާއެކު މާލީ ހާލަތު ރަނގަޅުވާނެ ކަމަށް މޫޑީސްއިން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ސަރުކާރުން ޓެކުހަށް ގެންނަ އިސްލާހުތަކާއެކު މާލީ ހާލަތު ރަނގަޅު ވާނެ ކަމަށް، ގައުމުތަކުގެ އިގުތިސާދަށް ބަލައި ކްރެޑިޓް ރޭޓިންތައް ކަނޑައަޅާ މޫޑީސްއިން ލަފާކޮށްފިއެވެ.

މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ ރިވިއުއެއް ހެދުމަށް ފަހު ނެރުނު އިއުލާނެއްގައިވަނީ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ހުރީ ސީއޭއޭ1ގައި 'ސްޓޭބަލް'ކޮށް ދެމެހެއްޓިފައި ކަމަށެވެ.

ގައުމެއްގެ ކްރެޑިޓް ރޭޓިންއަކީ އެ ގައުމެއްގެ މާލީ ސިޔާސަތާއި، އިގުތިސާދީ ތަސައްވުރާއި، ސިޔާސީ މަޝްރަހަށް ރިއާޔަތްކޮށް އެ ގައުމެއްގެ ކްރެޑިޓް ރިސްކް ބަޔާން ކުރުމަށް ހެދޭ ރޭޓިންއެކެވެ.

ރާއްޖޭއިން ބޭރަށް ދައްކަން ޖެހިފައިވާ ދަރަނި ބޮޑުކަން ފާހަގަކޮށް މޫޑީސްއިން ބުނެފައިވަނީ އެއީ ލޯނުތައް ރީފައިނޭންސް ކުރުމަށާއި ދަރަނި އަނބުރާ ދެއްކުމަށް ފައިސާ ހޯދަން އޮތް އެންމެ ބޮޑު އެއް ހުރަސް ކަމަށެވެ. ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭއިރު، ޓެކުހަށް ގެންނަ އިސްލާހުތަކާއެކު ގައުމުގެ އިތުރުވެ މާލީ ހާލަތު ވެސް ރަނގަޅުވަމުންދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެއާއެކު މޫޑީން ވަނީ މިއީ މާލީ އެހީ ދިނުމުގެ ޝަރުތުތައް ގައުމުތަކުން ހަރުކަށި ކޮށްފައިވާ ދަނޑިވަޅެއްކަމާއި ތެލާއި ކާބޯތަކެތީގެ އަގު އުފުލިފައިވާ ދުވަސްވަރެއްކަން ފާހަގަކޮށްފައެވެ. އަދި ރާއްޖެއިން ކުރިއަށް އޮތް ދެ އަހަރު ވެސް ބޮޑު އަދަދުތަކުން ދަރަނި އަދާކުރަން ޖެހޭއިރު އެއީ ފައިސާ ހޯދުމަށް ކުރާ މަސައްކަތަށް ކުރިމަތިވާނެ އިތުރު ގޮންޖެހުމެއް ކަމުގެ އިންޒާރު މޫޑީސްއިން ދިނެވެ.

މޫޑީސްއިން ވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް، އިގުތިސާދު ސިންދަފާތުކޮށް، މީހުން ބިނާކުރުމަށް އިންވެސްޓުކުރަމުން ދިޔުމުން ކްރެޑިޓް ރޭޓިން އުފުލޭނެ ކަމަށް ބުނެފައެވެ.

އެ އިއުލާނާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ މާލީ ހާލަތު ރަނގަޅު ކުރުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ އާދިއްތަ ދުވަހު އިސްލާހީ އެޖެންޑާއެއް ފާސްކޮށްފައިވާކަން ފާހަގަކޮށްފައެވެ. އެ އެޖެންޑާގެ ދަށުން މެދުރާސްތާގައި ސަރުކާރަށް އެހީ ހޯދޭނީ ރާއްޖެއަށް ފައިދާހުރި ޝަރުތުތަކުގެ ދަށުން، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި އަދާކުރެވޭނެ ގޮތުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރަށް ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަންދީ، އިސްލާހީ އެޖެންޑާ ތަންފީޒުކުރުމުން މުސްތަގުބަލުގެ ރޭޓިންތައް ރަނގަޅުވާނެ ކަމަށް ބުނެފައެވެ.

މޫޑީސްއިން ކްރެޑިޓް ރޭޓިން ރިވިއެއް އާންމުކޮށްފައިވަނީ، ކްރެޑިޓް ރޭޓިން ކަނޑައަޅާ އިތުރު އިދާރާއެއްކަމަށްވާ ފިޗުން ރާއްޖޭގެ ރޭޓިން "ބީ މައިނަސް"އިން 'ސީސީސީ ޕްލަސް'އަށް އިއްޔެ ދަށްކުރި ފަހުންނެވެ.

ފިޗުން ރޭޓިން ދަށްކޮށް ބުނެފައިވަނީ، ރާއްޖޭގެ ފޮރިން ރިޒާވް ބަލިކަށިވުމާއި ބޭރުގެ ދަރަނިތައް އިތުރުވުމަކީ ސަރުކާރަށް އެ ދަރަނިތައް އަދާކުރުމަށާއި، ޑޮލަރުގެ އަގު ހިފެހެއްޓުމަށް ވެސް ގޮންޖެހުންތައް ހުރި ކަމެއް ކަމަށެވެ. އަދި ސަރުކާރުން މެދު ރާސްތާގައި ބޭރުގެ ދަރަނިތަކަށް ބަރޯސާވާ މިންވަރު މަދުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

https://sun.mv/193620

ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ 2028 ވަނަ އަހަރާ ހަމައަށް އާމްދަނީ އިތުރު ކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ސްޓްރެޓެޖީއެއް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ޖީއެސްޓީ ނެގުން ފުޅާކޮށް، އިމްޕޯޓް ޑިއުޓީ އާއި ޓެލެކޮމް ރޭޓަށް ބަދަލުތައް ގެނައުން ހިމަނައިފައިވެއެވެ.

comment ކޮމެންޓް