ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އާސަންދައާއި ސަބްސިޑީ ދޭންވީ ހަމައެކަނި އޭގެ ހައްގުވެރިންނަށް ކަމަށާއި ރައީސް ޑރ. މުުޙައްމަދު މުއިއްޒުގެ ސިޔާސަތަކީ ވެސް އެއީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެންބަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީއިން ބޭއްވި ހަރުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ވިދާޅުވީ ޚަރަދުތަކާ ގުޅޭ ގޮތުން މިހާތަނަށް އައިސްފައިވާ އެންމެ ބޮޑު ޝަކުވާއަކީ އާސަންދައިގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ދާކަމުގެ ޝަކުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެއީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ވެރިކަމުގައި އޮތް އިރު ފަށައިފައިވާ ކަމެއް ކަމަށާއި އެގޮތުން ރާޢްޖެއިން ބޭރުގެ ހޮސްޕިޓަލްތަކާއެކު ބޮޑެތި ޑީލްތައް ހަދައިފައިވާ ކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ.
"އެއް ހޮސްޕިޓަލުން އެއް އޮޕަރޭޝަނެއް. އަނެއް ހޮސްޕިޓަލުން އޭގެ 100 ގުނައިގައި ވައްކަން ކޮށްފައި އެބަހުރި،" ޝުޖާއު ތުހުމަތުކުރެއްވިއެވެ.
އެހެންވެ، މާލީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން އާސަންދަ އާއި ސަބްސިޑީ އޭގެ ހައްގުވެރިންނަށް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ނިމިދިޔަ ސަރުކާރުން އޮތީ ދައުލަތާއި ސަރުކާރުގެ ކުންފުނިތައް ވެސް ދަރުވާލާފައި ކަމަށާއި އެ ދަތި ހާލަތުން އަރައިގަތުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި އާސަންދައިގެ ޚަރަދުތައް ބަޖެޓަށްވުރެ ފަހަނައަޅައި ގޮސްފައިވާއިރު، އަދި އެ ޚަރަދުތައް އިތުރުވަމުން އަންނަ ނިސްބަތަށް ބަލާއިރު، އާސަންދަ ފާހަގަކުރެވެނީ ސަރުކާރަށް އޮތް ބޮޑު މާލީ ބުރައެއްގެ ގޮތުގައެވެ.
މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އާސަންދައަށް 1.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އާސަންދައަށް ކުރި ހޭދަ، 838 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ފަސް އަހަރު ވެސް އާސަންދައަށް ކުރި ހޭދަވަނީ 60 އިންސައްތައަށް އިތުރުވެފައެވެ. މިދިޔަ އަހަރު ނިމުނުއިރު، 2018 ވަނަ އަހަރާ އަޅައިބަލާއިރު އާސަންދައިގެ ޚަރަދު ވަނީ 40 އިންސައްތަ އިތުރުވެފައެވެ.
އެކި މުދަލާއި ޚިދުމަތުން ދައުލަތުން ސަބްސިޑީތައް ދޭއިރު ވެސް، ތަފާތު ކުރުމެއް ނެތި މިލިއަނުން ސަބްސިޑީތައް ދެމުންދާތީ މާލީ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ރާއްޖޭގެ ދަރަނި ބޮޑުވަމުން އަންނައިރު، ޑީފޯލްޓް ނުވެ ކުރިއަށް ދިޔުމަށް އައިއެމްއެފްއާއި ވޯލްޑް ބޭންކުން އެންމެ ބޮޑަށް ބާރުއަޅާ ކަންތައްތަކުގެ ތެރޭގައި ސަބްސިޑީތަކަށް އިސްލާހުތައް ގެނައުން ހިމެނެއެވެ.