އަހަރުގެ މިހާތަނަށް މަޝްރޫއުތައް ހިންގަން ކުރި ޚަރަދު މިދިޔަ އަހަރަށްވުރެ ދެ ގުނަ ދަށަށް

12 ޑިސެމްބަރު 2023: ރައީސް ޑރ. މުޙައްމަދު މުއިއްޒު، ފުށިދިއްގަރު ފަޅުގައި ހަދާ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މި އަހަރު ފެށިގެން ފެބްރުއަރީ 13ވަނަ ދުވަހާ ހަަމައަށް ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުން ކުރި ހޭދަ، މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ ދެ ގުނައަށްވުރެ ބޮޑަށް ދަށްކަން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފެބްރުއަރީ 13ވަނަ ދުވަހާ ހަމައަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ޚަރަދުކޮށްފައިވަނީ އެންމެ 324.8 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު މި މުއްދަތުގައި 819.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެެހެންކަމުން 494.6 މަދުވެފައިވާއިރު މިއީ 61 ޕަސެންޓު ދަށްވުމެކެވެ.

އެއާއެކު މި އަހަރުގެ މިހާތަނަށް ކުރި ޕީއެސްއައިޕީ ޚަރަދުތައް ބެހިފައިވާ ގޮތަށް ބަލާއިރު، އެންމެ ބޮޑު ޚަރަދެއް ކުރީ ދަތުރުފަތުރުގެ އެކި މަޝްރޫއުތަކަށެވެ. އެގޮތުން އެއާޕޯޓުތައް ތަރައްގީކުރަން 207.9 މިލިއަން ރުފިޔާ ހޭދަކުރިއެެވެ. އަދި ބަނދަރު ތަރައްގީކުރަން 27.7 މިލިއަން ހޭދަކޮށްފައިވެއެވެ.

ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކުރީ މަގުހެދުމަށާއި ބިން ހިއްކުމަށެވެ. ބިން ހިއްކުމަށް 74.4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު މަގުތައް ހެދުމަށް 10 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މި އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓަކަށް ވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައި އޮތް ނަމަވެސް، ހައުސިންއަށް މި މަހުގެ 13ވަނަ ދުވަހާ ހަމައަށް އެއްވެސް މިންވަރަކަށް ޚަރަދުކޮށްފައެއް ނުވެއެވެ. ނަމަވެސް މިދިޔަ އަހަރުވަނީ 50.9 މިލިއަން ރުފިޔާ މި މުއްދަތުގައި ހޭދަކޮށްފައެެވެ.

ހަމައެއާއެކު ކުޅިވަރު ވަސީލަތްތަކާއި، އިޖްތިމާއީ ވަސީލަތްތައް ގާއިމްކުރުމަށް ވެސް އެއްވެސް ފައިސާއެއް ހޭދަކޮށްފައިނުވެއެވެ.

ޕީއެސްއައިޕީއަށް ކުރި ހޭދަ ދެގުނައަށްވުރެ ދަށްވިއިރު މި މުއްދަތުގައި ޚަރަދުތައް ވަނީ، މިދިޔަ އަހަރާ އަޅައިބަލާއިރު 26 ޕަސެންޓް ދަށްވެފައެވެ. އެއީ 4.13 ބިލިއަން ރުފިޔާއިން 3.04 ބިލިއަން ރުފިޔާއަށެވެ.

https://sun.mv/202833

އޭގެ ތެރެއިން ރިކަރަންޓު ޚަރަދަށް ހޭދަކޮށްފައިވަނީ 2.87 ބިލިއަން ރުފިޔާއެވެ.

ނަމަވެސް ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން، މުސާރައާއި އިނާޔަތްތަކާއި ޕެންޝަންތަކަށް ވެސް ކޮށްފައިވާ ހޭދަވަނީ މިދިޔަ އަހަރަށްވުރެ މި އަހަރު އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ޖުމްލަ 1.02 ބިލިއަން ރުފިޔާ ހޭދަކުރި ނަމަވެސް މި އަހަރު 1.14 ބިލިއަން ރުފިޔާ ހޭދަކުރިއެވެ. އެއީ 11.4 ޕަސެންޓްގެ އިތުރުވުމެކެވެ.

comment ކޮމެންޓް