ސަރުކާރުން ޚަރަދު ކުޑަ ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުން މި އަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު މިއަދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަފީގު ވިދާޅުވީ މި ސަރުކާރުން އަޅައިފައިވާ އިސްލާހީ ފިޔަވަޅުތަކާއި ޚަރަދު ކުޑަ ކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ އެދެވޭ ނަތީޖާ މިހާރު ފެންނަން ފަށައިފައިވާ ކަމަށެވެ.
މިހާތަނަށް ކޮށްފައިވާ މަސައްކަތުން 2.5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވުނު ނަމަވެސް، ސަރުކާރުން ކުރަން ބޭނުންވާ ކަންތައްތައް ކުރުމަށް ޓަކައި މިހާރަށް ވުރެ އިތުރަށް އިސްލާހީ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބައެއް ދާއިރާތަކުން ދައުލަތުގެ އިސްރާފު ވަރަށް ބޮޑުކަން ފާހަގަކުރައްވައި، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި އަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، އިސްލާހީ ފިޔަވަޅުތައް ނާޅައިފި ނަމަ މުސްތަގުބަލުގައި ވަރަށް އުނދަގޫ ވާނެ ކަމަށް ޝަފީގު ވިދާޅުވިއެވެ. އެގޮތުން މިހާރު ވެސް ބަޖެޓު ފައިނޭންސް ކުރަން ދަތިވެފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ސަރުކާރުން ނިންމައިފައި އޮތީ މި އަހަރުގެ މެދުތެރޭ އިސްލާހީ ފިޔަވަޅުތައް އަޅަން ފަށަން ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން މި މަސައްކަތް ކުރީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިސްލާހީ ފިޔަވަޅުތައް އެޅުން، އޭގެ ނަތީޖާ ވެސް މިހާރު އަޅުގަނޑުމެންނަށް އެބަ ފެނޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ހިންގާ ކުންފުނިތަކަށް އަމާޒުކޮށް ދިރާސާ ހަދައި، އެކްޝަން ޕްލޭނެއް ހަދައިފައިވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ އޭގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަނީ އާރުޑީސީއާއި ފެނަކައިގެ ހާލަތާ ގުޅޭ ގޮތުން ކަމަށެވެ. ނަމަވެސް އެ ކުންފުނިތަކުގެ ހާލަތު ރަނގަޅު ކުރުމަށް ވެސް ފިޔަވަޅު އަޅައިފައިވާ ކަމަށް ޝަފީގު ވިދާޅުވިއެވެ.
އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދާ ހަމައަށް އައިއިރު އެވަރެޖު ގޮތެއްގައި މިހާރު އާރުޑީސީން މަހެއްގެ މައްޗަށް 17 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށާއި ސިއްހީ ދާއިރާގައި ވެސް އިސްލާހީ ފިޔަވަޅުތައް އަޅަން ފަށައިފައިވާއިރު، އޭގެ ސަބަބުން ވެސް ބޮޑު އަދަދެއްގެ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މި ދަންނަވަނީ ހަގީގަތުގައި މި ރިފޯމްސް އެޖެންޑާގައި މިހިރަ ކަންތައްތަކައިގެން ކުރިއަށްދާ މަރުހަލާގައި ވެސް މިހާރުވެސް އަޅުގަނޑުމެން ކަންތައްތަކެއް ކުރަމުންނޭ މިދަނީ އަދި ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވަނީ މި އިސްލާހީ އެޖެންޑާ ވީހާވެސް އަވަހަށް ކުރިއަށްގެންދަން،" ޝަފީގު ވިދާޅުވިއެވެ.
ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރު ކުރުމަށް މިދިޔަ އާދިއްތަ ދުވަހު ވަޒީރުންގެ މަޖިލީހުން އިސްލާހީ އެޖެންޑާއެއް ފާސްކޮށްފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިހާރު ކުރަނީ އެ އެޖެންޑާ ތަންފީޒު ކުރާނެ ގޮތުގެ ޓައިމްލައިނެއް އެކުލުވާލުމުގެ މަސައްކަތް ކަމަށެވެ.
"މި ރިފޯމް ކުރުމަކީ މިހާރު އަޅުގަނޑުމެންނަށް އޮޕްޝަންއެއް ނޫން، ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.
އެހެންވެ، އެކަމަށް މަޖިލިސް މެންބަރުންގެ މުހިންމުކަން ފާހަގަކުރައްވައި މެންބަރުންގެ އެއްބާރުލުމަށް ޝަފީގު އެދިވަޑައިގަތެވެ.
ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ، މާލީ އިސްލާހުތައް ނުގެނެސް ޚަރަދު ކުރަމުންދާނަމަ މިއަހަރުގެ ޑެފިސިޓަށް 14 ބިލިއަން އަރާނެ ކަމަށް ބަޖެޓުގައި އޮތް ނަމަވެސް، އެ އަދަދު 20 ބިލިއަން ރުފިޔާއަށް އަރާނެ ކަމުގެ އިންޒާރު ދީފައެވެ.
މި ސަރުކާރުން މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް، ޚަރަދުކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައިވާކަން އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހުގައެވެ. އެގޮތުން މައިގަނޑު ހަތް ދާއިރާއަކުން ޚަރަދުކުޑަކުރަން ފިނޭންސް މިނިސްޓްރީން އެންގިއިރު އޭގެ ތެރޭގައި މާލީ ވުޒާރާގެ ހުއްދަ ހޯދައިގެން ނޫނީ އާ މަގާމު ނުއުފެއްދުމާއި ޕްރޮމޯޝަން ނުދިނުން ހިމަނައިފައިވެއެވެ.
ރާއްޖޭގެ މާލީ ހާލަތު މި ވަގުތު އޮތީ ކިހިނެއްތޯ ސާފުކުރުމަށް މާލިއްޔަތު ކޮމިޓީއަށް ޝަފީގު ހާޒިރުކުރަން ފުރަތަމަ މަސައްކަތް ކުރީ މިދިޔަ ހޯމަ ދުވަހެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އެދުވަހުގެ ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް މިނިސްޓަރު އުޒުރުވެރިވެވަޑައިގަތެވެ.
މާލީ ހާލަތާ ގުޅޭ މައުލޫމާތު ހޯދަން މަޖިލީހުން މަސައްކަތް ފަށައިފައިވަނީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް އިސްވެ ފާހަގަކުރެއްވި ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ. އެގޮތުން ގައުމުގެ ހާލަތު އޮތް ގޮތުން ހިތި ބޭހެއް ބޯން ޖެހޭތޯ ނުވަތަ ނޫންތޯ ސަރުކާރުން ހާމަ ކުރަން ޖެހޭ މީގެ ކުރިން އޭނާ ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ދަރަނި ބޮޑުވުމަކީ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާއިރު، ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ވޯލްޑް ބޭންކްއިން ވަނީ ތަކުރާރުކޮށް ގޮވައިލައިފައެވެ.