ކުޑަކުދިންނަށް ނިޔާޒާ ކިޔައި މިދެނީ ބޮޑުތަކުރުފާނު ވާހަކަ

ކުޑަކުދިންނަށް ޚާއްސަކޮށްގެން ބޮޑުތަކުރުފާނު ވާހަކަ ލިޔުނު ނިޔާޒާ އެ ފޮތް ކިޔަނީ--

ދިވެހި ގައުމު ދުށް އެންމެ ހިތްވަރުގަދަ އެއް ބަތަލު އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނާ) ގުޅޭ ގޮތުން ކުޑަކުދިންނަށް ހާއްސަކޮށްގެން ވާހަކަ ފޮތެއް ނެރެފިއެވެ.

ސަން މީޑިއާގައި ނޫސްވެރިއެއްގެ ގޮތުގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ އާމިނަތު ނިޔާޒާ ލިޔެފައިވާ މިފޮތަކީ މިހާތަނަށް ބޮޑުތަކުރުފާނާ ގުޅޭ މައުލޫމާތު ހިމަނައިގެން ނެރެފައިވާ ކުޑަކުދިންގެ މިފަދަ ފުރަތަމަ ފޮތެވެ.

ޕޯޗުގީޒުންގެ އަޅުވެތި ކަމުގެ ކަޅުއަނދިރިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި "ބޮޑުތަކުރުފާނުގެ ވާހަކަ ކުޑަކުދިންނަށް ހާއްސަކޮށްގެން ނެރެން ގަސްތުކުރީ، މިވާހަކައަކީ މިފަހަކަށް އައިސް ދެކެވޭ އަދި ކުދިންނަށް އެނގޭ ވާހަކަތަކަށް ނުވާތީ ކުދިން ޝައުގުވެރިވާފަދަ ގޮތަކަށް އެކުދިންނަށް ކިޔައިދިނުމުގެ ވިސްނުމުގައި" ކަމަށް ނިޔާޒާ ވިދާޅުވިއެވެ. އަދި މިފޮތުގެ ސަބަބުން ކުދިންނަށް ބޮޑުތަކުރުފާނުގެ ޝަޚްސިއްޔަތާއި ގުޅޭ މައުލޫމާތު އެނގިގެންދާނެ ކަމަށް ނިޔާޒާ ވިދާޅުވިއެވެ.

އަތްވާވާރޭގައި ދިވެހިންނަށް މިނިވަންކަން ހޯއްދަވައިދެއްވުމަށް ގުރުބާން ވެވަޑައިގެންނެވި މިފަދަ އަބުތާލުންގެ ވާހަކަތައް މިހާރުގެ ގިނަ ކުދިންނަށް ނޭނގޭއިރު، ބޮޑުތަކުރުފާނު ވާހަކަ ލިޔުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ކުދިންނަށް ކިޔަންފަސޭހަވާނެ ގޮތަށް ޖުމްލަތައް ކުރުކޮށް ވާހަކައިގެ އަސްލު ނުގެއްލޭ ގޮތަށް ބުނެދިނުމަށް ކަމުގައި ނިޔާޒާ ވިދާޅުވިއެވެ.

އުމުރުން ހަ އަހަރާއި ދިހަ އަހަރުގެ ކުދިންނަށް ހާއްސަކޮށްފައިވާ "ބޮޑުތަކުރުފާނު" ވާހަކައާ ގުޅޭ ގޮތުން މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދު ވިދާޅުވީ މިއީ "ކިޔާލަން ފަސޭހަ، ޝައުގުވެރިގޮތަކަށް ގެނެސްދީފައިވާ، ކުދީންނަށް މުހިންމު ވާހަކަ އެއް" ކަމަށެވެ.

"ބޮޑުތަކުރުފާނު" ވާހަކަ އަސްރަފީ ބުކްޝޮޕާއި ބުކް ރަން އަދި ތިނަދޫ ބުކްސް އެންޑް ޓޯއީސް އިން މިހާރު ގަންނަން ލިބޭނެ އެވެ. މިފޮތުގެ ކުރެހުންތައް ކުރަހާދީފައިވަނީ ތުއްތު މުސްލިމްގެ ނަމުގައި ވާހަކަ ލިޔަމުން އަންނަ ފާތިމަތު ޝުއާއުއެވެ. އޮންލައިންކޮށް ބޮޑުތަކުރުފާނު ވާހަކަ ވިއްކަމުން އަންނަނީ "އަލިފްވާވު ޕޭޖް" ންނެވެ.

ބޮޑުތަކުރުފާނު ވާހަކައިގެ އިތުރުން ނިޔާޒާ މިހާރު ވެސް އަންނަނީ ދިވެހި ތާރީޚާއި ގުޅޭ ގޮތުން ކުޑަކުދިންނަށް ހާއްސަ ފޮތެއް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް