މެންބަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން ގަރާރެއް

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު: އޭނާ ވަނީ މެންބަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން މަޖިލީސް މެންބަރުންގެ ހިޔާލު ހޯދަން ގަރާރެއް ހުށަހަޅާފައި -- ފޮޓޯ/ މަޖިލިސް

ކޮންމެ ދައުރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން އަންނަ އިތުރުވުމަށް ހައްލެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޚިޔާލު ހޯދަން މިއަދު މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ގާނޫނުއަސާސީ އޮންނަ ގޮތުން އާބާދީއާ އެކު މަޖިލީސް މެންބަރުންގެ އަދަދު ވެސް އަންނަނީ ދައުރަކަށްވުރެ ދައުރެއް އިތުރުވަމުންނެވެ. އެއީ، އާންމު ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރާ މައްސަލައެއް ވިޔަސް މިހާތަނަށް އެ މައްސަލައަށް ހައްލެއް ހޯދިފައެއް ނުވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން މެންބަރުންގެ ޚިޔާލު ހޯދަން ގަރާރެއް ހުށަހަޅައިފައެވެ.

ޝުޖާއުގެ ގަރާރުގައިވަނީ މަޖިލީހަށް މެންބަރުންގެ އަދަދު އަންނަނީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅައިބަލާއިރު ވެސް ރާއްޖޭގެ އާބާދީގެ ނިސްބަތުން އިތުރުވަމުން ކަމަށެވެ.

އެހެންވެ، މި މައްސަލައަށް މަޖިލީހުން ހައްލެއް ގެންނަންޖެހޭ ކަމަށް ޝުޖާއު ހުށަހެޅުއްވި ގަރާރުގައިވެއެވެ.

https://sun.mv/193193

އެ ގަރާރުގައި ޝުޖާއު ވިދާޅުވީ، މެންބަރުންގެ އަދަދު ހިފެހެއްޓުމާ ގުޅޭ ގޮތުން މީގެ ކުރިން ވެސް ތަފާތު އިސްލާހުތަކެއް ހުށަހެޅުނު ކަމަށާއި އެކަމަކު މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތާއީދު އެ އިސްލާހުތަކަށް ލިބިފައިނުވާ ކަމަށެވެ. އެހެންވެ، މަޖިލީހުގެ ގަވާއިދު ތަންދޭ އެންމެ ފުޅާ މިނެއްގައި މި ގަރާރަށް ބަހުސްކޮށް، މެންބަރުންގެ ޚިޔާލު ފާޅުކުރަން އެ ގަރާރުގައި ވަނީ ގޮވާލައިފައެވެ.

މަޖިލީސް މެންބަރުންގެ އަދަދު ހިފެހެއްޓެން އޮންނަނީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާއާއި 72 ވަނަ މާއްދާ އިސްލާހުކޮށްގެންނެވެ.

ފާހަގަކޮށްލެވެ ގޮތުގައި:

  • މަޖިލީހަށް 2017 ގައި އިންތިޚާބުކުރީ 77 މެންބަރުން
  • އެކަމަކު 2014 ގައި އެ އަދަދު 85 އަށް އިތުރުވި
  • މިދިޔަ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބެވި
  • މި ހިނގާ މަޖިލީހުގައި 93 މެންބަރުން ތިއްބަވާ

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން އިންތިޚާބުކުރަންވާނެ ކަމަށެވެ.

އަދި، އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ 5،000 އަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަންވާނެ ކަމަށެވެ.

މެންބަރުން އިތުރުވާ މައްސަލަ ހައްލުކުރަން 19 ވަނަ މަޖިލީހުގައި ވެސް މަސައްކަތްކުރިއެވެ. އެކަމަކު، އެކަން ކުރާނެ ގޮތަކާ މެދު ޕާޓީތަކުގެ މެދުގައި އެއްގަލަކަށް ނޭރުމުގެ ސަބަބުން އެ މައްސަލައަށް ހައްލެއް ނުހޯދުނެވެ.

މި ސަރުކާރުން ވަނީ މަޖިލިސް މެންބަރުންގެ އަދަދު މަދުކުރަން ލެޖިސްލޭޓިވް އެޖެންޑާގައި ވެސް ހިމަނާފައެވެ.

comment ކޮމެންޓް