މަޖިލިސް މެންބަރުންގެ އަދަދު މަދުކުރަން ސަރުކާރުން އިސްލާހު ހުށަހަޅަނީ

ބަންޑާރަނައިބު އަހުމަދު އުޝާމް، ރައީސް މުއިއްޒާ އެކު: މަޖިލިސް މެންބަރުންގެ އަދަދު މަދުކުރަން މި ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށް އުޝާމް ވިދާޅުވި -- ފޮޓޯ/ ސަރުކާރު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންނުދާ ގޮތަށް ހިފަހައްޓައި މަދުކުރުމަށް، ސަަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސަރުކާރުގެ ލެޖިސްޓާ އެޖެންޑާ އާންމުކުރައްވަމުން އުޝާމް ވިދާޅުވީ 213 ބިލެއް ހުށަހަޅަން މިހާތަނަށް ނިންމައިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ފުއްދުތަމަށާއި ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށާއި ވަކި ކަމަކަށް ގާނޫނެއް ނެތުމުން ދިމާވާ މައްސަލަތައް ހައްލު ކުރުމަށާއި މިހާރު އަމަލު ގާނުނުތަކުގެ ތެރެއިން ބާތިލުކުރަން އަދި އިސްލާހު ކުރަން ޖެހޭ ކަންކަމަށާއި ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރުމަށް ހުށަހަޅާ ބިލްތައް ކަމަށެވެ.

"އޭގެ ތެރޭގައި މުޅިން އަލަށް އެކުލަވާލާ 78 ބިލެއް ހިމެނިފައިވާނެ އަދި އިސްލާހު ކުރަން ޖެހޭ ނުވަތަ އުވާލަން ޖެހޭ ގާނޫނުތަކާ ގުޅޭ 135 ބިލެއް މި އެޖެންޑާގައި ހިމެނިފައިވާނެ،" އޭނާ ވިދާޅުވިއެވެ.

އެ ބިލްތަކުގެ ތެރެއިން ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކުގެ ބިލުގެ ތެރޭގައި މަޖިލިސް މެންބަރުން މަދުކުރުން ހިމެނޭކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ، ގާނޫނު އަސާސީގައި އޮންނަނީ ކޮންމެ 3،000 މީހުންގެ އާބާދީއަކަށް މަޖިލިސް މެންބަރަކު ހުންނަން ވާނެ ކަމަށެވެ.

"މިފަދަ ކަންތައްތަތަކީ ވަރަށް ބޮޑަށް މަޝްވަރާކުރެވިގެން ވަރަށް ގިނަ ފަރާތްތަކެއްގެ ޚިޔާލު ހޯދައިގެން ކުރަން ޖެހޭ ބާވަތުގެ ކަންކަން މި ކަންކަމަކީ ރައްޔިތުންގެ ހައްގުތަކާ ވެސް ވަރަށް ބޮޑަށް ގުޅިފައި އޮންނަ ކަންތައް ކަމަށްވާތީވެ، އަޅުގަނޑުމެންނަކަށް މިހާރުން މިހާރަކަށް ދަންނަވާކަށް އަޅުގަނޑަށް ނުކުރެނެ މިވެނި ގޮތަކަށޭ [އިސްލާހު ކުރާނީ]،" އޭނާ ވިދާޅުވިއެވެ.

އެހެންވެ، ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހަޅާނީ މަޝްވަރާތައް ކުރުމަށް ފަހު ކަމަށް އުޝާމް ވިދާޅުވިއެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން: މި މަޖިލީހުގައި 93 މެންބަރުން ތިއްބަވާ -- ފޮޓޯ/ މަޖިލިސް

މަޖިލިސް މެންބަރުންގެ އަދަދު އިތުރުވަމުންދިޔުމުން، ޚަރަދުވެސް އިތުރުވާތީ، މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުމަށް މީގެ ކުރިން ވެސް މަޖިލީހަށް ބިލްތައް ހުށަހަޅާފައިވެއެވެ. ނަމަވެސް، ކޮންމެ ފަހަރަކު ވެސް އެ ބިލްތައް ވަނީ ބޭރުކޮށްލައިފައެވެ.

މަޖިލީހުގެ ނިމިދިޔަ ދައުރުގައި ދަ ޑިމޮކްރެޓްސްއިން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު މަދުކޮށް، އަންހެން މެންބަރުންގެ ނިސްބަތް އިތުރުކުރަން ގާނޫނުއަސާސީއަށް ބަދަލުގެންނަން ހުށަހަޅައިފައެވެ. އޭރު މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީއާއެކު މަސައްކަތް ކުރަމުންދިޔަ ޑިމޮކްރެޓްސްއިން ފަހުން ވަނީ އެ ބިލް އަނބުރާ ގެންދަވައިފައެވެ.

https://sun.mv/189986

މަޖިލިސް މެންބަރުންގެ އަދަދު 17 ވަނަ މަޖިލީހުގައި 77ގައި އޮތްއިރު، 18 ވަނަ މަޖިލީހުގައި 85 މެންބަރުންނަށް އިތުރުވިއެވެ. އަދި، 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބެވިއިރު މިހާރު ކުރިއަށްދާ މަޖިލިސް ދައުރުގައި 93 މެންބަރުން ތިއްބަވައެވެ.

ވިހިވަނަ މަޖިލީހުގައި ސަރުކާރަށް ވަނީ ސުޕަ މެޖޯރިޓީ ލިބިފައެވެ. މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު ޕީއެންސީގައި 75 މެންބަރުން ތިއްބަވައެވެ.

comment ކޮމެންޓް