އެމެރިކާއާ އެކު ދިފާއީ ގުޅުން ބަދަހިކުރަން ބްލިންކަންއާ އެކު ޒަމީރު މަޝްވަރާކުރައްވައިފި

ފޮރިން މިނިސްޓަރު ޒަމީރު އަދި ބްލިންކަން: ދެ ބޭފުޅުން ވަނީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއާއި އެމެރިކާއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާ ދެ ބޭފުޅުން މިއަދު މަޝްވަރާކުރައްވައިފިއެވެ.

ދެ ގައުމުގެ ގުޅުން ބަދަހިކުރަން ރަސްމީ ދަތުރެއްގައި ޒަމީރު އެމެރިކާއަށް ވަޑައިގަތީ ހޯމަ ދުވަހުއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، އެ ދަތުރުގެ ތެރެއިން މިނިސްޓަރު ޒަމީރު މިއަދު އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓު އެންތަނީ ބްލިންކެންއާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އެ ގޮތުން، ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައިވަނީ ދެ ގައުމުގެ ގުޅުން މިހާރަށް ވުރެ ފުޅާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި ދިފާއީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ޑިމޮކްރަސީ ޕްރޮމޯޓުކޮށް ހަރުދަނާކުރުމުގެ އިތުރުން އިގުތިސާދީ ކުރިއެރުމާއި މޫސުމަށް އަންނަ ބަދަލުތައް ވެސް ހިމެނެއެވެ.

ފޮރިން މިނިސްޓަރު ޒަމީރާއި އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން މަޝްވަރާގައި: ދެ ބޭފުޅުން ވަނީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ދެ ގައުމުން ވެސް ވަނީ ގުޅުން އިތުރަށް ފުޅާކުރުމަށް އެއްބަސްވެފައެވެ. އަދި، ސަރަހައްދީ ހަމަޖެހުމާއި އަމާންކަމުގެ މުހިންމުކަމާ ގުޅޭ ގޮތުންވަނީ މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ބްލިންކަން ވަނީ ކާމިޔާބުކަމާ އެކު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބަށް މަރުހަބާ ވިދާޅުވެފައެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއިން އަދާކުރާ އިސް ދައުރު ބްލިންކަން ފާހަގަކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒަމީރު ވަނީ އެމެރިކާއިންދޭ ތައުލީމުގެ ފުރުސަތުތައް ފާހަގަކުރައްވައި، ދިވެހީންނަށް ފަސޭހައިން އެމެރިކާ ވިސާ ލިބުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

https://sun.mv/193512

މީގެ އިތުރުން، އެ ގައުމުގެ ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ މަޝްވަރާ ބައްދަލުވުމެއްގައި ވެސް ވަޒީރު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެއަށް ފަހުގައި ވޮޝިންޓަން އަދި ނިއުޔޯކުގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވާނެއެވެ. އަދި، ނިއުޔޯކުގައި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމާ ގުޅޭގޮތުން އެ ސިޓީގެ އިސް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ ބައްދަލުކުރައްވަން ވެސް ހަމަޖެހިފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

https://sun.mv/192862

ނިއުޔޯކުގައި ޒަމީރު އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޒްއާ ބައްދަލުކުރައްވައި އދ. އިސް ބޭބޭފުޅުންނާ ބައްދަލުކުރައްވަން ވަނީ ނިންމަވައިފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ސެކެރެޓަރީ ބައިލެޓްރަލް، ޑރ. ހާލާ ހަމީދު އަދި ސީނިއާ އަންޑާ ސެކެޓްރީ ހަސަން ހުސެން ޝިހާބު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިނިސްޓަރު ޒަމީރު އެމެރިކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމެވީއިރު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވަނީ ރާއްޖެއަށްދޭ އެހީތައް އެއްކޮށް ކަނޑާލަން ގޮވާލައި އެ ގައުމުގެ ސެނެޓަށް ބިލެއް ހުށަހަޅައިފައެވެ. އެގޮތަށް ނިންމީ، އިޒްރޭލު މީހުންނަށް ރާއްޖެއަށް ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރާނެކަން ދިވެހި ސަރުކާރުން އިއުލާނުކުރުމާ ގުޅިގެންނެވެ.

comment ކޮމެންޓް