ބަދަލުހިފުމުގެ ގޮތުން ރަޝިއާއިން އީޔޫގެ މީޑިއާތައް ހުއްޓުވަނީ

ރަޝިއާއިން ވަނީ އީޔޫގެ 25 ގައުމެއްގެ 81 ވެބްސައިޓާއި ޔޫރަޕްގައި ހިންގާ އިތުރު ބައެއް ވެބްސައިޓްތައްވެސް މަނާ ކުރާނެ ކަމަށް ބުނެފައި --- ފޮޓޯ/އާރްއެފްއައި އިންޓަނޭޝަނަލް

ޔޫރަޕް އިއްތިހާދު (އީޔޫ)އިން މިދިޔަ މަހު ރަޝިއާގެ ބައެއް މީޑިއާތައް ހިންގުން މަނާކޮށް ފިޔަވަޅު އެޅުމުން އެކަމުގެ ބަދަލުހިފުމުގެ ގޮތުން އީޔޫގެ ބައެއް މީޑިއާތައް ހުއްޓުވާނެ ކަމަށް ރަޝިއާއިން ބުނެފިއެވެ.

އޭއެފްޕީ ވެބްސައިޓް ހިމެނޭގޮތަށް ފަރަންސޭސިވިލާތުގެ ލެ މޮންޑޭ، ޖަރުމަނުވިލާތުގެ ސްޕީގަލް އަދި ސްޕެއިންގެ އެލް މުންޑޯ އަދި ޑިޖިޓަލް ނޫސް،ޕޮލިޓިކޯއަކީ ވެސް ރަޝިޔާއިން ހުއްޓުވަން ނިންމައިފައިވާ މީޑިއާތަކެވެ. އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ވަނީ އީޔޫގެ 25 ގައުމެއްގެ 81 ވެބްސައިޓާއި ޔޫރަޕްގައި ހިންގާ އިތުރު ބައެއް ވެބްސައިޓްތައް ވެސް މަނާ ކުރާނެ ކަމަށް ބުނެފައެވެ.

އެ މިޑއާތައް ރަޝިއާގައި ހިންގުން މަނާކުރުމުގެ ސަބަބުން ރަޝިއާ މީހުންނަށް އެ މީޑިއާތައް ބޭނުމެއް ނުކުރެވޭނެއެވެ.

ރަޝިއާއިން އެގޮތަށް އިއުލާނުކުރީ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއަށް ތާއިދުކުރާ ކަމަށް ތުހުމަތުކޮށް ރަޝިއާގެ ކޮންޓްރޯލު އޮންނަ ހަތަރު މީޑިއާއެއް ހިންގުން އީޔޫއިން މަނާކުރުމުންނެވެ.

ރަޝިޔާއިން ވަނީ އީޔޫއިން އެޅި އެ ފިޔަވަޅަކީ ސިޔާސީ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.

ރަޝިއާގެ އެ އިއުލާނާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، އެ ފިޔަވަޅަކީ ރަޝިޔާގެ އަމަލުތަކުގެ ހަގީގަތް އެ މީހުންގެ އަމިއްލަ ރައްޔިތުންނަށް އަޑުއިވިދާނެތީ ބިރުން ރަޝިއާ ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށެވެ.

ރަޝިޔާއިން ބުނީ، ރަޝިޔާގެ މީޑިއާތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ ރަޝިއާއިން އަޅާ ފިޔަވަޅުތައް އިސްލާހުކުރާނެ ކަމަށެވެ.

ރަޝިއާގެ ނޫސްވެރިންނަށް ސިޔާސީ ގޮތުން ދަތިކޮށް ރަޝިއާގެ މީޑިއާ އީޔޫ ސަރަހައްދުގައި މަނާކުރި ކުރުމަށް ޖަވާބު ނުލިބި ނުދާނެ ކަމަށް އެ ގައުމުގެ ޚާރިޖީ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް