ދިވެހި ފުޓުބޯޅައިގެ އެންމެ ފޯރިގަދަ ދުވަސްވަރުގެ ތެރެއިން ދިވެހީންގެ ތެރޭގައި އެންމެ މަޝްހޫރު އެއް ނަމަކީ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ނަމެވެ.
ކުދި ބޮޑު އެންމެން އޭނާ ދަނެއެވެ. އެއީ އޭނާގެ މޮޅު ހުނަރުން ފުޓުބޯޅައިން މުޅި ގައުމަށް ޝަރަފާއި ފަޚުރުވެރި ކާމިޔާބީތައް ހޯދައިދިނުމުގައި ބައިވެރިވުން އޮތީތީއެވެ.
ގައުމީ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ބަކާއަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ނެގި ތާރީޚީ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.
ކެރިއަރުގެ އެންމެ ފުރަތަމަ ކޮޅު އޭނާ ނިސްބަތްވާ އައްޑޫގެ، އައްޑޫ އެފްސީއަށް ކުޅެދިން އިރު، އޭގެ ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ވެސް ބަކާ ވަނީ ކުޅެފައެވެ.
މީގެ އިތުރިން ކްލަބު އީގަލްސްއަށް ވެސް ކުޅެ 2015 ވަނަ އަހަރު ރާއްޖެއިން ބޭރުން މިޔަންމާގެ ކަމްބައުޒާ އެފްސީއަށް ވެސް އޭނާ ކުޅެފައިވެއެވެ. އެއަށްފަހު އެނބުރި ދިވެހި ލީގަށް އައިސް އޭނާ ގުޅުނީ ކްލަބު ވެލެންސިއާއެވެ.
ފުޓުބޯޅައިގެ މޮޅު ހުނަރުން ބަކާ ފާހަގަވާ ބީދައިން އޭނާއަށް ދިވެހީން ކުރާ ގަދަރާއި އިހްތިރާމުގެ ފަހަތުގައިވާ އިތުރު ސަބަބެއް އެބައޮތެވެ.
އެއީ ބަކާގެ މަޑުމައިތިރި، ކިބުރުވެރިކަމުން ސާފު އެކުވެރި މިޒާޖާއި، އޭނާ ދީނީ ކަންކަމަށް ބަހައްޓާ ފަރުވާތެރިކަމެވެ.
"ބަކާއަކީ އަޅުގަނޑުގެ ވަރަށް ޒަމާންވީ ރަހުމަތްތެރިއެއް. މިސްކިތުން އުފެދުނު މި ގުޅުން ބަދަލެއް ނައިސް ދެމިއޮތީ ބަކާއަކީ ސާދާ މިޒާޖެއްގެ ހިތްތިރި މީހަކަށް ވުމެވެ،" ހަޒަން ޒާހިރު އަބްދުލް މަންނާން އޭނާގެ ފޭސްބުކުގައި ލިޔެފައިވެއެވެ.
ކިތަންމެ މަޝްހޫރު މީހެއް ނަމަވެސް ބަކާގެ ކިބައިން ބޮޑާވެރިކަމާއި ކިބުރުވެރިކަމުގެ ސިފަ ހަމަ އެންމެ ފަހަރަކު ވެސް ތަޖުރިބާ ކޮށްފައިނުވާކަމަށް ޒާހިރު ލިޔެފައިވެއެވެ.
ފަރުޟު ނަމާދުތައް ވަގުތަށް އަދައިކުރުމަށް އިސްކަންދޭ މީހެއްގެ ގޮތުގައި އޭނާ ބަކާ ސިފަކުރިއެވެ.
މީގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ވެސް ވަނީ ބަކާއަކީ ދީނީ ކަންކަމަށް ފަރުވާ ބެހެއްޓި މީހެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.
ބަކާއާއި ޝެއިޚް ޑރ. އަލީ ޒާހިރާ އެންމެ ފަހުން ދެކެވުނު ވާހަކަތައް ހިއްސާކުރެއްވިއިރު، އެންމެ ފަހުން ޝެއިޚް ގާތުން ބަކާ އެދިފައިވަނީ ދުއާ ފޮތެއް ފޮނުވައިދެއްވުމަށެވެ. އެއީ ބަކާ ހައްޖުގެ އަޅުކަން އަދައިކުރަމުންނެވެ.
"100 ދުއާ އެކުލެވޭ ފޮތެއް ފޮނުވައިލަދިިނިން. މާތްﷲ ބަކާގެ ޙައްޖަކީ މަބްރޫރު ހައްޖެއްކަމުގައި ލައްވައި، ކުރެއްވި ހުރިހާ ދުއާ އިޖާބަކޮށްދެއްވައި ސުވަރުގޭގެ މަތިވެރި ނިއުމަތުގައި ލައްވާށި،" ޝެއިޚް ލިޔުއްވިއެވެ.
އޭގެ އިތުރުން ޙައްޖުގެ އަޅުކަމުގެ ތެރެއިން ބަކާއާ ދިމާވެ، އެކުގައި އުޅުނު މީހުން ހިއްސާކުރަމުން އަންނަ ވާހަކަތަކުން ވެސް ތަކުރާރުވަނީ ބަކާގެ ހިތްހެޔޮ މިޒާޖާއި އެކުވެރިކަމުގެ ވާހަކަތަކެވެ.
ސައުދީގެ ޚާއްސަ ދައުވަތުގެ ތެރެއިން ބަކާއާއެކު ހައްޖަށް ދިޔަ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަހީދު ލިޔުއްވި ގޮތުގައި އެކުގައި އުޅެވުނީ 12 ދުވަސް ނަމަވެސް ހީވީ އެކުގައި އުޅެ ބޮޑުވެވުނު އެކުވެރިއެއް ފަދައިންނެވެ.
"ފަތިސް ނަމާދަށް ވޭކަޕް ކޯލް ދިނުމާއި ގަޑި އަށް މީހުން ހަމަ ކުރުމުގަ ލީޑް ކުރި، އެކުގައި ދިޔަ ގްރޫޕްގެ އެންމެ ދޮށީ ބޭފުޅާގެ ހުރިހާ ކަމެއް ހައްޖުގެ އަޅުކަން ފެށިގެން ނިމެން ދެކަށް ބެެލެއްޓީ އަމިއްލަ ބައްޕަ ފަދައިން،"
"މާލެ އަރާފަ ފެންނަ އިރަށް ދެން އަބަދު ބަކާ ބަކާ ކިޔާފަ ގޮވާނީކީ ނޫން'.. ސަކަރާތަށް މިހެން ބުނާ އަޑު އަދިވެސް ކަންފަތުގައި ވަނީ ހަރުލާފައި،" ޝަމްއާން ލިޔުއްވިއެވެ.
ބަކާގެ ވަކިވުމާއެކު ހެޔޮ ދުއާގެ މެސެޖުތަކުން މުޅި ސޯޝަލް މީޑިއާ އޮތީ ފުރިފައެވެ. އެތައް ބައެއް ހިއްސާކުރަމުން އަންނަ ތައުޒިޔާގެ މެސެޖުތަކުން ހަމަ ޔަގީނުން ވެސް އޭނާއަށް އޮތް އިހްތިރާމާއި ލޯބި ހާމަވެއެވެ.
ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އެނބުރި ގައުމަށް އައުމުގެ ނަސީބަށްފަހު، އެންމެ ތިން ދުވަހުގެ ތެރޭ ކުއްލި ގޮތަކަށް މި ދުނިޔެއާ ވަކިވީއެވެ. އެންމެންގެ ދުއާއަކީ ވެސް މިއީ މާތްﷲ މިންވަރުފުޅުގައިވާ ހެޔޮކަމެއްގެ ގޮތުގައިވުމެވެ. އާއިލާއަށް ކެތްތެރިކަމާއި ހިތްވަރު ލިބުމެވެ.
ހަމަ ޔަގީނުން ވެސް ބަކާގެ ނަމާއި، އޭނާގެ ޝަޚްސިއްޔަތުގެ ހަނދާނާއި ވާހަކަތަކަކީ މި ގައުމުގެ އެތައް ޖީލެއްގެ މެދުގައި އާކުރާނެ ވާހަކަތަކަކާއި ހަނދާންތަކެކެވެ.