ހާލު ސީރިއަސްވެ ފަރުވާދެމުން ދަނިކޮށް ފުޓުބޯޅަ ތަރި ބަކާ ނިޔާވެއްޖެ

ފުޓްބޯޅަ ތަރި ބަކ

ގައުމީ ފުޓްބޯޅަ ޓީމުގައި ކުޅުނު މަޝްހޫރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

ސައުދީ ރަސްގެފާނުގެ ދައުވަތުފުޅަށް މިފަހަރު ހައްޖަށް ދިޔަ، 38 އަހަރުގެ ބަކާ ރާއްޖެ އައީ ދާދި ފަހުންނެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވެގެންނެވެ. އެ މައްސަލަ ދިމާވީ އިންފެކްޝަނެއްގެ ސަބަބުން ކަމަށް ބެލެވޭއިރު، ހައްޖުން އައިއިރު ވެސް ބަކާ ހުރީ ބަލިކޮށް ކަމަށް އެނގިފައިވެއެވެ.

އޭޑީކޭ ހޮސްޕިޓަލުން ކަށަވަރުކޮށްދިން ގޮތުގައި އޭނާ ނިޔާވީކަމަށް މިހާރު ހޮސްޕިޓަލުން ވެސް ވަނީ ނިންމައިފައެވެ.

https://www.facebook.com/share/p/yC1JKQUByUENB2eg/

ބަކާ ނިޔާވުމާއެކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ހަމައެއާއެކު ކުޅިވަރު އާއިލާގެ ހުރިހާ ފަރާތްތަކުންނާއި އާންމުން އަންނަނީ ހިތާމަ ފާޅުކޮށް ތައުޒިޔާ ކިޔަމުންނެވެ.

ބަކާވަނީ ކެރިއަރުގެ ކުރީ ކޮޅުގައި ވީބީ އައްޑޫ އެފްސީގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ވެސް ކުޅެފައެވެ.

މީގެ އިތުރިން ކްލަބު އީގަލްސްއަށްވެސް ކުޅެ، 2015 ވަނަ އަހަރު މިޔަންމާގެ ކަމްބައުޒާ އެފްސީއަށްވެސް އޭނާ ކުޅެފައިވެއެވެ. އެއަށްފަހު އެނބުރި ދިވެހި ލީގަށް އައިސް އޭނާ ގުޅުނީ ކްލަބު ވެލެންސިއާއެވެ.

ގައުމީ ޓީމަށްވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ބަކާއަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ނެގި ޓީމުގައިވެސް ހިމެނިފައިވާ ކުޅުންތެރިއެކެވެ.

comment ކޮމެންޓް