ސްޕޯޓްސް އެވޯޑްސް 2024ގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދެ ބޭފުޅަކަށް ދެއްވައިފިއެވެ.
ރާއްޖޭގެ ކުޅިވަރު ދާއިރާއިން އެވޯޑް ދިނުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި ލައިފްޓައިމް އެޗީވްމެންޓް ދެއްވައިފައިވަނީ އަލް މަރްޙޫމް އަޙްމަދު ހާފިޒާއި އަބްދުލް ސައްތާރު ހަސަނަށެވެ.
އެ އެވޯޑްތައް ހަވާލުކުރައްވާފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް ހާސިލްކުރި އަބްދުއްސައްތާރަކީ ރާއްޖެއިން ފުރަތަމަ ބައިވެރިވި ބައިނަލްއަގްވާމީ މުބާރާތް "އޭޝިއަން އެފްރިކަން އެންޑް ލެޓިން އެމެރިކަން ފްރެންޑްޝިޕް އިންވިޓޭޝަނަލް ޓޭބަލް ޓެނިސް ޓޯނަމަންޓް"ގެ ޓީމުގެ ކެޕްޓަންކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އަބްދުއްސައްތާރަކީ ޓެނިހާއި ފުޓްބޯޅައާއި ޓޭބަލް ޓެނިހާއި ބެޑްމިންޓަން ފަދަ ކުޅިވަރުތަކުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އަދި ވަކިން ޚާއްސަކޮށް ޓޭބަލް ޓެނިހުގައި ފާހަގަކޮށްލެވޭއިރު އަބްދުއްސައްތާރަކީ ވަނީ އެ ކުޅިވަރުން ގިނަ ވަނަތަކެއް ހާސިލްކުރައްވައިފައެވެ. އޭނާ ވަނީ މެދުނުކެނޑި 13 އަހަރު ޓޭބަލް ޓެނިހުގެ ޗެމްޕިއަންކަން ދިފާއުކުރައްވައިފައެވެ.
ކުޅިވަރުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމެންޓް ހާސިލްކުރި އަލްމަރްހޫމް އަހުމަދު ހާފިޒަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ.
އޭނާގެ ޚިދުމަތް ދައުލަތަށް ލިބެންފެށީ މީގެ 43 އަހަރު ކުރީންނެވެ. އެނާ ވަނީ 1991 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އެވޯޑުވެސް ހާސިލްކުރައްވައިފައެވެ. ކުޅިވަރުގެ ދާއިރާއަށް ބަލައިފިނަމަ މަރްހޫމް ހާފިޒް ފާހަގަކޮށްލެވެނީ ބާސްކެޓް ބޯޅައިނެނެވެ.
ބާސްކެޓް ބޯޅަ ކުރިއަރުވަން އޭނާގެ ގިނަ ވަގުތުތަކެއް ހުސްކުރައްވައި އޭނާ ވަނީ ރާއްޖޭގެ ބާސްކެޓް ބޯޅަ އެސޯސިއޭޝަނުގެ ރައީސްކަމުގައި ހުންނަވައިގެން މުހިންމު ބަދަލުތަކެއް ގެނެސްދެއްވައިފައެވެ. ގައުމީ ފެންވަރުގައި ބާސްކެޓް ކުލަބުތައް ވާދަވެރިކޮށް އޭނާ ވަނީ ސަރަހައްދީ ބާސްކެޓް މުބާރާތްތައް ރާއްޖޭގައި ބާއްވައިފައެވެ.
ރާއްޖޭގެ ބާސްކެޓް ބޯޅަ އެސޯސިއޭޝަން އުފެއްދުމުގައި ވެސް މަރްހޫމް ހާފިޒަކީ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން އިންތިޚާބު ކުރިއިރު ހާފިޒް ވަނީ އެންމެ ފުރަތަަމަ ބޭއްވި ބާސްކެޓް އިންތިޚާބުވެސް ކާމިޔާބު ކުރައްވާފައެވެ.
ހާފިޒު ވަނީ 2014 ވަނަ އަހަރުގައި ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން ސާބާގެ ރައީސްކަން ވެސް ކުރައްވާފައެވެ.