މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: އަހަރުގެ އެންމެ މޮޅު އެތްލީޓުންނަށް ދީމާއާއި ޝައްފާން

އެންމެ މޮޅު އެތުލީޓުން ފާތިމަތު ދީމާ އަލީ އަދި މުޙައްމަދު ޝައްފާން އިސްމާއީލް --- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ 2024ގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ފާތިމަތު ދީމާ އަލީ އަދި ފިރިހެން އެތުލީޓަކަށް މުޙައްމަދު ޝައްފާން އިސްމާއީލް ހޮވިއްޖެއެވެ.

މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އެވޯޑު ހަފުލާގައި އެންމެ މޮޅު އަންހެން އަދި ފިރިހެން އެތުލީޓުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

މިއަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ޓޭބަލް ޓެނިސް ކުޅުންތެރިޔާ ދީމާ ހޮވިފައިވާއިރު މިއީ އެ އެވޯޑް އޭނާ ހާސިލްކުރި ދެވަނަ އަހަރެވެ.

'ސްޕޯޓްސްވުމަން އޮފް ދި އިޔާ ސިލްވާ' ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ ޢަބްދުއްރައްޒާގު ހާސިލުކުރިއިރު، 'ސްޕޯޓްސްވުމަން އޮފް ދި އިޔާ ބްރޮންޒް' ހާސިލުކުރީ ބެޑްމިންޓަން ކުޅުންތެރިޔާ އާމިނަތު ނަބީހާ ޢަބްދުއްރައްޒާގެވެ.

ދީމާ ވަނީ އަހަރުގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާގެ އެވޯޑުވެސް ހާސިލްކޮށްފައެވެ. އަދި އަހަރުގެ އެންމެ ޒުވާން އަންހެން އެތުލީޓުގެ މަގާމުވެސް އޭނާ ވަނީ ހާސިލްކޮށްފައެވެ.

'ސްޕޯޓްސްމަން އޮފް ދި އިޔާ ގޯލްޑް' ޓޭބަލް ޓެނިސް ކުޅުންތެރިޔާ ޝައްފާން ހޯދިއިރު، 'ސްޕޯޓްސްމަން އޮފް ދި އިޔާ ސިލްވާ' ހާސިލުކުރީ ބޮޑީބިލްޑިން އެތުލީޓް އަޒްނީން ރަޝާދެވެ. އަދި 'ސްޕޯޓްސްމަން އޮފް ދި އިޔާ ބްރޮންޒް' ހޯދީ ބެޑްމިންޓަން ކުޅުންތެރިޔާ ނިބާލް އަޙްމަދެވެ.

ރާއްޖޭގެ ކުޅިވަރު ދާއިރާއިން އެވޯޑު ދިނުމަށް މިރޭ ބޭއްވި ހަފުލާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިތުރުން އެމަނިކުފާނުގެ ނައިބު ހުސައިން މުޙައްމަދު ލަތީފާއި ކުޅިވަރާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ރާފިއުގެ އިތުރުން ދައުލަތުގެ އިސް ވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

comment ކޮމެންޓް