ކުޅިވަރަށް ބޭނުންވާ ވަސީލަތްތަކަށް ސަރުކާރުން 255 މިލިއަން ރުފިޔާ ޚަރަދުކޮށްފި

ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު: ކުޅިވަރަށް ބޭނުންވާ ވަސީލަތްތަކަށް ސަރުކާރުން 255 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މި ސަރުކާރުން ކުޅިވަރަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް 255 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވާކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު މިރޭ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024ގައި ރާފިއު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ކުޅިވަރަށް ދެއްވާ އަހަންމިއްޔަތުކަން ވޭތުވެދިޔަ އަހަރެއްހާ ދުވަހަށް ބަލައިލުމުން ފެންނަ ކަމަށެވެ. އެގޮތުން މި ސަރުކާރުން 255 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވާކަމަށާއި މިއީ ސަރުކާރެއްގެ ފުރަތަމަ އަހަރަށް ބަލާއިރު ބޮޑު ހޭދައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގަށް އިސްކަމެއް ދީގެން މި ސަރުކާރުން އެންމެ ފުރަތަމަ ކުރި ކަމަކީ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭނެއް އެކުލަވާލުން ކަމަށެވެ. އެ ޕްލޭނުގައި ސާކް ސަރަހައްދުން ބޭރުން މެޑަލް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އެކަންކަން ރާވައި ހިންގާނެ ގޮތުގެ ތަފުސީލު ހިމަނައި އެކަން ފެށިގައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ އޮލިމްޕިކްސްގެ ޕޯޑިއަމުން ރާއްޖޭގެ އެތުލީޓުން ފެނުމަކީ ދެކޭ ވަރަށް ބޮޑު ހުވަފެނެއް ކަމުގައެވެ.

އެހެންކަމުން އެ މަރުހަލާއަށް ދަތުރުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރަންޖެހޭނެ ގޮތުގެ ޕްލޭނެއް މިހާރު އެކުލަވައިލައިފައިވާ ކަމަށާއި އެކަން ކުރެވޭނެ ފަހި ދޮރެއްވެސް މިހާރު ހުޅުވިފައި ވާކަން ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.

"ސާކް ސަރަހައްދުގެ ކޮލިފައިންގެ އެއްވަނަ ހޯދާ އޮލިމްޕިކްސްއަށް ކޮލިފައިވި ދުވަހަކީ ރާޢްޖޭގެ ކުޅިވަރުގައި ރަން އަކުރުން ފަވާލެވުނު ދުވަހެއް. މީގެ އިތުރުން 2026 ގައި ޖަޕާނުގައި އޮންނަ އޭޝިއަން ގޭމްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި ކުޅިވަރުގެ ޝަރަފު ސާފިންއިން ވަނީ ހޯދައިފަ،" ރާފިއު ވިދާޅުވިއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ރައީސް ޑރ. މުޙައްމައު މުއިއްޒު: މި ސަރުކާރުން ކުރާ މަސައްކަތްތަކުން، ކުޅިވަރަށް އަހަންމިއްޔަތުކަން ދޭކަން ހާމަވާ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އޭނާ ވިދާޅުވީ ހުނަރުވެރި މޮޅެތި އެތުލީޓުން އުފެއްދުމަށް ބޭނުންވާ ދިގުރާސްތާ ޕްލޭންގައި ހިމެނޭ ނެޝެނަލް ސްޕޯޓްސް ޑިވެލޮޕްމެންޓް ފަންޑްގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.

ގައުމީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޕްރެޒިޑެންޝަލް ނެޝެނަލް ފިޓްނެސް ޕްރޮގްރާމް ފެށުމާގުޅޭ މަޝްވަރާތައްވެސް އެޑިއުކޭޝަން މިނިސްޓްރީއާއެކު މިހާރު ފަށައިފައިވާ ކަމަށާއި ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދީ ކުރިއަށް ދިއުމަށް ހިތްވަރު ދިނުމަކީ މި ސަރުކާރުން އިސްކަމެއް ދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުން ފަރުވާ ހޯދުމަށް ހުރި ދަތިތައް ފިލުވައިދިނުމުގެ ގޮތުން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ޚާއްސަ އިންޝުއަރެންސް ސްކީމެއް ތާރަފުކުރުމަށް ސަރުކާރުން ނިންމާފައި ވާކަމަށާއި މި އިންޝުއަރެންސް ސްކީމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް މިހާރު ފޮނުވާފައި ވާނެ ކަމަށްވެސް ރާފިއު ވަނީ ވިދާޅުވެފައެވެ.

ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅުންތެރީންގެ އެންމެ ބޮޑު ޝަކުވާއަކަށްވާ ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ގައުމީ ކޮންމެ ކުޅިވަރަކަށް ޚާއްސަ ކުޅިވަރު ފެސިލިޓީއެއް މި ފަސް އަހަރުގެ ތެރޭގައި ގާއިމްކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ރާފިއު ވަނީ ކުޅިވަރުގެ މުއައްސަސާތަކުން ވޭޕް ބޭނުންކުރުމާ ގުޅޭ ގޮތުން ފާޅުކުރި ކަންބޮޑުވުންތަކަށް އިޖާބަދެއްވައި ދިވެހި އެތުލީޓުންނާއި ޒުވާނުން ވޭޕުން ސަލާމަތްކުރުމަށް އެކަން މަނާކުރުމަށް ސަރުކާރުން ނެގި އަވަސް ފިޔަވަޅަށް މުޅި ކުޅިވަރު އާއިލާގެ ނަމުގައި ރައީސަށް ޝުކުރު ދަންނަވައިފައެވެ.

comment ކޮމެންޓް