ދިވެހި ޙައްޖުވެރިން އަންނަން ފަށައިފި

ދިވެހި ޙައްޖުވެރިން އަންނަން ފެށުން: މިއަދު ވަނީ ޙައްޖުވެރިން ފުރަތަމަ ފްލައިޓު އަންނަން ފަށާފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން ފަށައިފިއެވެ.

ރާއްޖެއިން މި އަހަރު ޖުމުލަ 1،150 މީހުން ވަނީ ޙައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ. އެ އެންމެން ވެސް ޙައްޖަށް ދިޔައީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ޙައްޖުވެރިން މިހާރު އަންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން، މިއަދު މެންދުރު 1:50 އެހާކަންހާއިރު ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު ވަނީ މާލެ އައިސްފައެވެ. އެ ފްލައިޓުގައި 296 ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޙައްޖުވެރިން ރާއްޖެ އަންނަނީ ހަތަރު ދުވަހަށް ބަހާލައިގެންނެވެ.

https://sun.mv/193484

އެގޮތުން، މިއަދު ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު ވަނީ އައިސްފައެވެ. ދެވަނަ ފްލައިޓު އަންނާނީ މި ހަފުތާގެ ހުކުރު ދުވަހުއެވެ. އެއަށް ފަހު ތިންވަނަ ފްލައިޓު ޖުލައި އެއްވަނަ ދުވަހު އަންނައިރު ފަހު ފްލައިޓު އަންނަން ހަމަޖެހިފައި އޮތީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ރާއްޖެއިން 1،150 ޙައްޖުވެރިން ޙައްޖަށް ދިޔައިރު އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. މަރުވީ، ފާޠިމަތު ޙަފީޒާ (80އ) ހަފީޒީހިޔާ. ރ. ހުޅުދުއްފާރެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ)އިން ވަނީ ޙައްޖުވެރިން އަންނަ ދުވަސްވަރު ބަލިތައް ފެތުރިދާނެ ކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް