ޙައްޖުން އަންނަ ދުވަސްވަރު ބަލިތައް ފެތުރިދާނެތީ ރައްކާތެރިވާން އިލްތިމާސްކޮށްފި

ދިވެހި ޙައްޖުވެރިން: ޙައްޖުން އަންނަ ދުވަސްވަރު ބަލިތައް ފެތުރިދާނެތީ ސަމާލުވާން ވަނީ އިލްތިމާސްކޮށްފައި -- ފޮޓޯ/ ޙައްޖު މިޝަން

ޙައްޖުން އަންނަ ދުވަސްވަރު ރޯގާ ފެތުރިދާނެތީ ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

ޙައްޖު ނުވަތަ ޢުމްރާއިން އަންނަ ދުވަސްވަރަކީ އާންމުކޮށް ގައިންގަޔަށް އަރާ ބަލިތައް އިތުރުވާ ދުވަސްވަރެކެވެ. އޭގެ ތެރޭގައި ވައިރަލް ހުމާއި ރޯގާގެ އިތުރުން ތަފާތު އެހެނިހެން ބަލިތައް ވެސް ހިމެނެއެވެ.

ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ މީހުންގެ ފުރަތަމަ ފްލައިޓު އަންނާނީ މާދަމައެވެ.

އެޗްޕީއޭއިން މިއަދު ވަނީ ބަލިތަކުން ރައްކާތެރިވެ، އަމިއްލައަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ތިބެން އިލްތިމާސްކޮށްފައެވެ. އެގޮތުން، ބަލިން ރައްކާތެރިވުމަށާއި ބަލި ފެތުރުނަ ނުދޭން ކުރެވިދާނެ ބައެއް ކަންކަން އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.

މި ގޮތުން، އަރިދަފުުސް ރޯގާ އަދި ވައިރަލް ހުމުން ރައްކާތެރިވުމަށް ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރަން ވަނީ އިލްތިމާސްކޮށްފައެވެ. އަދި، ޓިޝޫ ފަދަ ތަކެތި ބޭނުންކޮށް ނިންމުމަށް ފަހު ރައްކާތެރިގޮތުގައި ނައްތާލުމަކީ ވެސް ބަލި ފެތުރުނަ ނުދޭން މުހިންމު ކަމެއް ކަމަށް އެޗުޕީއޭއިން ބުންޏެވެ.

މީގެ އިތުރުން، ރޯގާއާއި ވައިރަލް ހުމުން ސަލާމަތްވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން ވެސް މުހިންމެވެ. އަދި، ޢުމްރާއަށާއި ޙައްޖަށްދާ މީހުން އަޅުކަންތައް އަދާކުރުމުގައި އެތާ އުޅޭއިރު މާސްކު އަޅައިގެން އުޅުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

ރޯގާ ޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ޚާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބައްޔެއް ތަހައްމަލުކުރަމުންދާ މީހުން ގާތަށް ނުދިއުމަށް އެ އެޖެންސީން އިލްތިމާސްކޮށްފައިވެއެވެ.

އެޗުޕީއޭއިން ބުނީ، ޙައްޖުން ނުވަތަ ޢުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭ ހުންއައުން، ކެއްސުން، ނޭވާލާން އުނދަގޫވުން، އަދި މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރުގެ މަޝްވަރާ ހޯދުން މުހިންމު ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެއެވެ.

ހުމާއި އަރިދަފުސް ރޯގާއަށް ގޭގައި ދެވޭނެ ބައެއް ފަރުވާތައް ވެސް އެޗުޕީއޭއިން ވަނީ ބުނެދީފައެވެ. އޭގެ ތެރޭގައި:

  • ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން
  • އަރާމުކުރުން
  • ހުން ގަދަ ނަމަ ފެން ހޭކުން (އާދައިގެ ތާފަނާ ފެން)
  • ޕެރެސެޓު މޯލު ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާނުލައި ބޭނުންނުކުރުން

https://sun.mv/193438

ޙައްޖުގެ އަޅުކަން ނިންމާ ރާއްޖެއަށް އެނބުރި އަންނަ ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހެއްދެއްގައި ވެސް އާންމުކޮށް ރޯގާއާއި ވައިރަލް ހުން ފެތުރޭ ދުވަސްވަރެކެވެ. މި ކަންކަމުން ރައްކާތެރިވުމަށް ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެކެވެ.

ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިން އެނބުރި އަންނަން ފަށާނީ ހޯމަ ދުވަހުއެވެ. ޙައްޖުވެރިން އެނބުރި އަންނާނީ ހަތަރު ދުވަހަކަށް ބަހާލައިގެންނެވެ.

ޙައްޖުވެރިން އަނބުރާ ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތައް:

  • މާދަމާ
  • ހުކުރު ދުވަސް
  • 01 ޖުލައި
  • 04 ޖުލައި

މި އަހަރު ރާއްޖެއިން ޖުމްލަ 1،150 މީހުންވަނީ ޙައްޖަށް ގޮސްފައެވެ. އޭގެ ތެރޭގައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 50 މީހަކު ވަނީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޙައްޖަށް ފޮނުވައިފައެވެ. ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ޙައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް