ޔޫކްރެއިނުން ރަޝިއާގެ އެތެރެއަށް ހަމަލާދިނުމުން މައްސަލަ ގޯސްވެއްޖެ

ރަޝިއާގެ އެސްޔޫ މަރުކާގެ ފައިޓާޖެޓެއް --

ކްރައިމިޔާ (24 ޖޫން 2024): އެމެރިކާގެ އަޓަކްމްސް މަރުކާާގެ މިސައިލް ބޭނުންކޮށްގެން ޔުކްރެއިނުން ރަޝިއާގެ ކްރައިމިޔާ ސަރަހައްދަށް ދިން ޙަމަލާތަކެއްގައި ކުޑަ ތިން ކުދިން ހިމެނޭގޮތަށް އާންމުންގެ ފަސް މީހަކު މަރާލުމަކީ ޖަރީމާއެއް ކަމަށާއި އެ ޖަރީމާއަށް ބަދަލުނުހިފައި ނޯންނާނެ ކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނި ގޮތުގައި ކްރައިމިޔާއަށް ހަމަލާދިން އެމެރިކާގެ އަޓަކްމްސް މިސައިލްގެ ވޯހެޑްގެ ގޮތުގައި ޔުކްރެއިނުން ހަރުކޮށްފައިވަނީ ބައިނަލްއަގުވާމީ ގޮތުން މަނާ ހަތިޔާރެއް ކަމަށްވާ ކްލަސްޓާ ބޮމެވެ. ކްލަސްޓާ ބޮމަކީ ވަރަށް ދުރަށް އޭގެ ތޫނު އެތިކޮޅުތައް ބުރައިގެންދާ ވަރަށް ނުރައްކާތެރި ބޮމެކެވެ. މި ބޮމުގެ އެތިކޮޅުތައް އިންސާނުންގެ ހަށިގަނޑު ފާޅާލައި ހަށިގަނޑުގެ އެތެރެއަށް ވަދެގެން ދެއެވެ.

ކްރައިމިޔާގެ ސްވަސްތޯޕޮލަށް ޔުކްރެއިނުން ދިން ހަމަލާތަކުގައި އާންމުންގެ 120 މީހަކު ޒަޚަމްވި ކަމަށް ވެސް ރަޝިއާގެ ދިފާއީ ވުޒާރާ ބުނެއެވެ. ކްރައިމިޔާއަށް ދިން ޙަމަލާތަކުގެ އިތުރުން ޔުކްރެއިނުންވަނީ ރަޝިޔާގެ މެއިންލޭންޑްގެ ބައެއް ސަރަހައްދުތަކަށް ވެސް ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

މި ޙަމަލާތައް އަމާޒުކޮށްފައިވަނީ ރަޝިޔާގެ ދެކުނުގައި ޔުކްރެއިނާ ގާތުގައި އޮންނަ ކްރަސްނަދަރަށެވެ. ކްރަސްނަދަރަށް ދިން ޙަމަލާތަކުގައި ރަޝިޔާ ސިފައިންގެ ހަތިޔާރު ގުދަނަކާއި ތަމުރީނު މަރުކަޒަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ޔުކްރެއިންގެ ކްރައިމިޔާއަށް ހަމަލާތައް ދިނުމުގެ ކުރިން ރަޝިއާއިން ވަނީ ޔޫކްރެއިންގެ ވެރިރަށް ކީޔެވަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތާކުގައި އެޕާޓްމެންޓް އިމާރާތުގެ ހަ ޢިމާރާތަކާއި 20 ގެއަކާއި ޕެޓްރޯލް ސްޓޭޝަނެއްގެ އިތުރުން ފާމަސީއެއް އެއްކޮށް ހަލާކުވެފައިވާކަމަަށް ޔުކްރެއިނުން ބުނެއެވެ. މި ހަމަލާތަކުގައި އާންމުންގެ ދެ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމުވި ކަމަށް ވެސް ޔުކްރެއިނުން ބުނެފައިވެއެވެ.

ޔުކްރެއިން ސިފައިން ބުނާގޮތުން ރަޝިއާ ފޮނުވާލި މިސައިލްތަކުގެ ތެރެއިން އެއް މިސައިލް ފިޔަވައި އެހެން ހުރިހާ މިސައިލްތަކެއް، އެންޓި މިސައިލް ސިސްޓަމްތައް ބޭނުންކޮށްގެން ވަނީ ވައްޓާލާފައެވެ. ވައްޓާލި މިސައިލްގެ ބައިތަކުންނާއި މިސައިލާ ދެކޮޅަށް ބޭނުންކުރި މިސައިލްތަކުގެ އެތިކޮޅުތަކުގެ ސަބަބުން ކިޔެވަށް ބޮޑެތި ގެއްލުންތަކެއް ލިބުނީކަމަށް ޔުކްރެއިން ސިފައިން ބުނެއެވެ.

ނަމަވެސް، ރަޝިއާ ބުނާގޮތުން އެ ގައުމުން ކިޔޭވަށް އަމާޒުކުރި މިސައިލްތަކުގެ ތެރެއިން ގިނަ މިސައިލްތައްވަނީ އޭގެ އަމާޒުތަކަށް އަރާފައެވެ. މި މިސައިލްތައް ކިޔޭވަށް ފޮނުވާލީ ޔުކްރެއިންގެ މަތިން އުދުހުނު ރަޝިއާގެ މަތީފެންވަރުގެ ހަނގުރާމަމަތީ މަތިންދާ ބޯޓެއްކަމަށްވާ އެސްޔޫ- 57 މަރުކާރުގެ ފައިޓާޖެޓަކުންނެވެ.

ޔުކްރެއިންގެ ވެރިރަށް ކިޔޭވަށް ހަމަލާދިނުމުގައި އާންމުކޮށް ރަޝިއާއިން ބޭނުންކުރަނީ ބަލިސްޓިކް މިސައިލެވެ. ނަމަވެސް، އިއްޔެގެ ހަމަލާތަކުގައި ރަޝިއާއިން ބޭނުންކޮށްފައިވަނީ އެ ގައުމުގައި އުފައްދާ އެންމެ ޒަމާނީ އެއް ފައިޓާޖެޓް ކަމަށްވާ އެސްޔޫ- 57 މަރުކާރުގެ ފައިޓާޖެޓެވެ.

ޔުކްރެއިނުން ކުރިން ހަމަލާދެނީ ރަޝިއާއިން ހިފާފައިވާ ޔުކްރެއިންގެ ސަރަހައްދުތަކަށް ކަމަށްވިޔަސް މި ފަހަކަށް އައިސް އެ ސަރަހައްދުތަކުގައިކުރާ ހަނގުރާމައިން ޔުކްރެއިނަށް ކާމިޔާބުނުލިބޭތީ ޔުކްރެއިނުން ގެންދަނީ އެ ގައުމުގެ ބިންތައް ރަޝިއާ އަތްދަށުން މިނިވަންކުރުމުގެ ބަދަލުގައި ރަޝިއާގެ އެތެރެއަށް ހަމަލާތައްދީ ރަޝިއާ ރުޅިއެރުވުމުގެ ސްޓްރެޓެޖީއެއް ތަންފީޒުކުރަމުންނެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނާގޮތުން މިއީ ހަނގުރާމައިގައި ޔުކްރެއިން ނާކާމިޔާބުވާތީ ދެން ހަދާނެގޮތެއް ނެތިގެން ޔުކްރެއިނުން ކުރާކަމެކެވެ.

އެމެރިކާއާއި ޔޫރަޕްގެ ހަތިޔާރު ބޭނުންކޮށްގެން ޔުކްރެއިނުން ރަޝިއާގެ ތަންތަނަށް ހަމަލާދޭތީ ރަޝިއާގެ ރައީސް ޕޫޓިން ވަނީ ވަރަށް ބޮޑަށް ކޯފާވެވަޑައިގެންފައެވެ. ޖަރުމަނު ފަދަ ޔޫރަޕްގެ ބައެއް ގައުމުތަކުންވަނީ އެ ގައުމުތަކުން ޔުކްރެއިނަށް ދޭ ހަތިޔާރުން ރަޝިއާގެ އެތެރޭގެ ސަރަހައްދުތަކަށް ހަމަލާދިނުމުގެ ހުއްދަ ޔުކްރެއިނަށް ދީފައެވެ. އެމެރިކާއިންވަނީ ރަޝިއާގެ ސަރަހައްދުތަކަށް ހަމަލާދިނުމަށް އެމެރިކާގެ ހަތިޔާރު ބޭނުންކުރުމަށް ޔުކްރެއިނަށް ޝަރުތުތަކެއް ކަނޑައަޅާފައެވެ. ނަމަވެސް، ޔުކްރެއިނުން މި ޝަރުތުތަކަށް އަޅާނުލާކަމަށްވެއެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންވަނީ އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ޔުކްރެއިނުން ރަޝިއާގެ އެތެރެއަށް ދޭ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން އެމެރިކާއާ އިދިކޮޅު ގައުމުތަކަށާއި ޖަމާއަތްތަކަށް ރަޝިއާއިން ޒަމާނީ ހަތިޔާރު ފޯރުކޮށްދޭނެކަމުގެ އިންޒާރު ދެއްވާފައެވެ.

ޕޫޓިންގެ މި އިންޒާރަށް ފަހު ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށްދޭ ހަމަލާތަކުގައި ރަޝިއާގެ ހަތިޔާރު ބޭނުންކުރާކަންވަނީ ފާހަގަކުރެވިފައެވެ.

comment ކޮމެންޓް