ގައުމުގެ މާލީ ހާލަތު ހިއްސާކުރަން ބޭއްވި ކޮމިޓީ ސިއްރުކޮށްފި

މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

މި ވަގުތު ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން ވަނީ ގައުމުގެ މާލީ ހާލަތު މި ވަގުތު އޮތީ ކިހިނެއްތޯ ސާފުކުރުމަށް މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވުމަށް ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގަށް ދަންނަވަައިފައެވެ.

ނަމަވެސް މިއަދު އާލާސްކަންފުޅާ އުޅުއްވާތީ ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް މިނިސްޓަރު އުޒުރުވެރިވެވަޑައިގެންފައިވާކަމަށް ކޮމިޓީގެ މުގައްރިރު، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ކޮމިޓީން ބޭނުންވާ މައުލޫމާތުތައް ލިޔުމުން މިއަދު ހިއްސާކޮށްފައިވާކަމަށް ގާސިމް ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހުރިހާ މެމްބަރުން ވެސް ވަނީ ހާޒިރުވެފައެވެ. ކޮމިޓީ ފެށިއިރު މީޑިއާތައް ވެސް ކޮމިޓީގައި ތިއްބެވެ.

ނަމަވެސް ކޮމެޓީގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް ވިދާޅުވީ، މިއީ ހައްސާސް މައްސަލައެއް ކަމުން މިނިސްޓަރު ބޭނުންފުޅުވަނީ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށްގެންދިއުމަށް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އެހެންކަމުން މިނިސްޓަރު ނެތްކަމުގައިވީ ނަމަވެސް އެ ފަދައިން ވިދާޅުވެ، ފޮނުވި މައުލޫމާތުތަކާމެދު މަޝްވަރާކުރެވޭނީ ބައްދަލުވުން ސިއްރުކޮށްގެން ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް ދެއްވި ޖަވާބުގައި ފިނޭންސް މިނިސްޓަރު ވިދާޅުވެފައި އެބައޮތް ފިނޭންސް މިނިސްޓަރު ބޭނުންވަނީ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށޭ. އެހެންވީމާ އެ ގޮތަށް ވިދާޅުވެފައި ފޮނުވި މައުލޫމާތުތަކެއް އަޅުގަނޑުމެންގެ މި ހުރީ،" ނާޒިމް ވިދާޅުވިއެވެ.

އެއާއެކު ކޮމިޓީ ސިއްރުކުރަން ވޯޓަށް ހުޅުވައިލުމުން 11 މެމްބަރުންގެ ތެރެއިން ހަތް މެމްބަރުން ވަނީ ސިއްރުކުރަން ތާއީދުކޮށްފައެވެ.

އޭގެ ކުރިން ވާހަކަދައްކަަވަމުން ނާޒިމް ވިދާޅުވީ މާލީ ހާލަތު ދެނެގަތުމުގެ މަސައްކަތް ފުރިހަމަކުރުމަށް ޓަކައި އެމްއެމްއޭގެ ގަވަރުނަރާއި، އޮޑިޓަރު ޖެނެރެލާ ބައްދަލުކުރަން ޖެހޭކަމަށެވެ. އެއާއެކު އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށް ނާޒިމް ހުށަހެޅުއްވިއެވެ.

https://sun.mv/192883

މާލީ ހާލަތު ދެނެގަތުމުގެ މަސައްކަތް މަޖިލީހުން ފަށައިފައިވަނީ ނާޒިމް އިސްވެ ފާހަގަކުރެއްވި ކަންބޮޑުވުންތަކާއެކުގައެވެ.

"އިންތިޚާބީ މޫސުން މިހާރު މި އޮތީ ނިމިފައި. އެހެންވީމަ އަޅުގަނޑު މި ދެންނެވީ އަޅުގަނޑުމެން ހިނގާށޭ ރައްޔިތުންގެ ކައިރީގައި ވެސް ބުނަމާ ހަގީގަތާ ކުރިމަތިލާށޭ. އެހެން ނޫނިއްޔާ އަޅުގަނޑުމެންނަށް އޮތީ ބަނަ ދުވަސްތަކެކޭ. އެ މަންޒަރު އަޅުގަނޑުމެންނަށް ތަސައްވުރު ކުރެވޭނީ ފިނޭންސް މިނިސްޓްރީން ރަނގަޅު މަންޒަރު ދެއްވީމަ،" ނާޒިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރު ބަނގުރޫޓުވެގެން ދިޔަ ދީގެން ނުވާނެ ކަމަށާއި ސަރުކާރުން ކުރަންވީ ކޮންކަމެއްތޯ އާއި ކޮށްދޭންވީ ކޮންކަމެއްތޯ އެހެން ގައުމުތަކާ ސުވާލުކުރަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް