އިސްކުރަންޖެހޭނީ ޕާޓީގެ މަސްލަހަތު ނޫން ކަމަށާއި އިސްކުރަންޖެހޭނީ ގައުމުގެ މަސްލަހަތުކަން ފާހަގަކުރައްވައި، މިއަދު ގައުމުގެ ހާލަތު އޮތް ގޮތުން ހިތި ބޭހެއް ބޯން ޖެހޭތޯ ނުވަތަ ނޫންތޯ ސަރުކާރުން ސާފުކޮށްދޭންޖެހޭކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިގްތިސާދާ ބެހޭގޮތުން މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް ބިނާވަނީ ސަރުކާރުން ދައްކާ ވާހަކަތަކުގެ މައްޗަށް ކަމަށެވެ. އަދި ރައްޔިތުން މަޝްރޫތައް ހިނގާކަން ނުވަތަ ނޫންކަން އެނގެން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ކޮމެޓީގައި އިސްކުރަންޖެހެނީ އަޅުގަނޑުމެންގެ ޕާޓިގެ މަސްލަހަތެއް ނޫން، އަމިއްލަ މަސްލަހަތެއް ވެސް ނޫން، ގައުމުގެ މާލިއްޔަތުގެ މައްސަލަ،" ނާޒިމް ވިދާޅުވިއެވެ.
ގައުމުގެ އަސްލު މަންޒަރު ރައްޔިތުންނަށް ސާފުކޮށްދެންޖެހޭ ކަމަށާއި ރައްޔިތުން ކައިރީ ހަގީގަތާ ކުރިމަތިލުމަށް ބުނުމަށް ނާޒިމް ވިދާޅުވިއެވެ.
"އިންތިޚާބީ މޫސުން މިހާރު މި އޮތީ ނިމިފައި. އެހެންވީމަ އަޅުގަނޑު މި ދެންނެވީ އަޅުގަނޑުމެން ހިނގާށޭ ރައްޔިތުންގެ ކައިރީގައި ވެސް ބުނަމާ ހަގީގަތާ ކުރިމަތިލާށޭ. އެހެން ނޫނިއްޔާ އަޅުގަނޑުމެންނަށް އޮތީ ބަނަ ދުވަސްތަކެކޭ. އެ މަންޒަރު އަޅުގަނޑުމެންނަށް ތަސައްވުރު ކުރެވޭނީ ފިނޭންސް މިނިސްޓްރީން ރަނގަޅު މަންޒަރު ދެއްވީމަ،"
ނާޒިމް އިތުރަށް ވިދާޅުވީ ސަރުކާރު ބަނގުރޫޓުވެގެން ދިޔަ ދީގެން ނުވާނެ ކަމަށާއި ސަރުކާރުން ކުރަންވީ ކޮންކަމެއްތޯ އާއި ކޮށްދޭންވީ ކޮންކަމެއްތޯ އެހެން ގައުމުތަކާއި ސުވާލުކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ކުރަންވީ ކޮން ކަމެއްތޯ ކޮށްދޭންވީ ކޮން ކަމެއްތޯ. މިހެން ގޮސް ބަނގުރޫޓްވީމަ ކަމަކު ނުދާނެ،"
އަވަށްޓެރި ސްރީލަންކާ 2022 ވަނަ އަހަރު ބަނގުރޫޓްވިއިރު ވެސް ދުނިޔޭގެ ބޮޑެތި އެއްވެސް ގައުމަކުން އެހީ ނުދިނީ އިގްތިސާދުގައި ހުންނަންޖެހޭ އެންމެ މުހިންމު ކަންކަން ލަންކާގައި ފުރިހަމަ ނުކުރެވި ހުރުމުންކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ ބޭރުގެ މާލީ އިދާރާތަކުން ބުނާ "ހިތި ބޭހެއް" ބޯންޖެހޭ ނަމަ އެކަން ރާއްޖެއިން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
"ޕާކިސްތާނުގެ ސެންޓްރަލް ބޭންކްގައި މިހާރު ވެސް ސައުދީ އަރަބިއްޔާއިން ބަހައްޓައިދީފައި އެބަހުރި ތިން ބިލިއަން ޑޮލަރުގެ ޑިޕޮޒިޓެއް ހަމައެކަނި ފޮރިން ކަރަންސީ ސްޓެބަލައިޒް ކުރަން. އެއީ އެކަމަކު އައިއެމްއެފް އާއި ވޯލްޑް ބޭންކުން ބޯން ބުނި ހިތި ބޭސް ބޯން އެއްބަސްވީމަ. އެހެންވީމަ އަޅުގަނޑުމެންނަށް ވެސް ހިތި ބޭސް ބޭސް ސިޓީއެއްގައި އޮތިއްޔާ އެ ވެސް އެނގެންވީއޭ އަޅުގަނޑުމެންނަށް."
ނާޒިމްގެ ހުށަހެޅުން އިއްޔެ ފާސްކޮށް ފިނޭންސް މިނިސްޓަރު ކޮމެޓީއަށް ހާޒިރުކުރަން މަޖިލީހުން ވަނީ ނިންމާފައެވެ.