ޙައްޖުވެރިން އަންނާތީ ބާރުބޮޑުވާނެ، ކުރިއާލައި އެއާޕޯޓަށް ދާން އެދެފި

މީހަކު ޙައްޖަށް ފުރަނީ: ޙައްޖުވެރިން އަންނާތީ އެއާޕޯޓު ތޮއްޖެހިދާނެތީ ސަމާލުވާން އެމްއޭސީއެލްއިން ވަނީ އެދިފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު މިއަދު ރާއްޖެ އަންނައިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވާނެތީ ދަތުރުކުރާ ފަރާތްތަކުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އެއާޕޯޓްސް ކޮމްޕެނީ، (އެމްއޭސީއެލް)އިން މިއަދު އެދިއްޖެއެވެ.

ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖުވެރިން އެނބުރި އަންނަން ފަށާފައިވާއިރު، ފުރަތަމަ ފްލައިޓު އަންނާނީ މިއަދެވެ.

މި ކަމާ ގުޅިގެން އެމްއޭސީއެލުން މިއަދު ބުނީ، ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު ރާއްޖެ އަންނާތީ އެއާޕޯޓް ތޮއްޖެހި ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ. އެހެންވެ، ދަތުރުކުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އެމްއޭސީއެލުން ވަނީ އެދިފައެވެ.

"ތިން ގަޑިއިރު ކުރިން ވަޑައިގެން މުވައްޒަފުންގެ އިރުޝާދުތަކަށް ތަބާވުމުން އޮމާން ތަޖުރިބާއެއް ކުރެވޭނެ،" އެމްއޭސީއެލުން ބުންޏެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު ޙައްޖުވެރީންގެ ފުރަތަމަ ފްލައިޓް މިއަދު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. ޙައްޖުވެރިން އަންނަނީ ދުވަސްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން، މި ހަފުތާގެ ހުކުރު ދުވަހާއި އަންނަ މަހުގެ އެއްވަނަ ދުވަހާއި ހަތަރުވަނަ ދުވަހު ވެސް ޙައްޖުވެރިން އަންނަން ވަނީ ހަމަޖެހިފައެވެ.

https://sun.mv/193484

ޙައްޖުވެރިން އެނބުރި އަންނަ ދުވަސްވަރާ ދިމާކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ)އިން ވަނީ ބަލިތައް ގިނަވެދާނެތީ ސަމާލުވާން އިލްތިމާސްކޮށްފައެވެ.

މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރަން ރާއްޖެއިން ޖުމުލަ 1،150 މީހުން ފުރިއެވެެ. އޭގެ ތެރޭގައި، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 50 މީހަކު ވަނީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޙައްޖަށް ފޮނުވައިފައެވެ.

comment ކޮމެންޓް