ބަންގްލަދޭޝް ބަލިކޮށް އިންޑިއާއިން ސެމީ ފައިނަލާ ގާތަށް

އިންޑިއާއިން މި މެޗު ކާމިޔާބުކުރީ 50 ލަނޑުން -- ފޮޓޯ/ ކްރިކް ޓްރެކާ

އެމެރިކާއާއި ކެރޭބިއަން ސަރަހައްދުގައި މިހާރު ކުރިއަށްދާ "ޓީ20 ކްރިކެޓް ވޯލްޑް ކަޕް"ގެ "ސުޕާ އެއިޓް ގްރޫޕް ވަން"ގައި އިންޑިއާއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު އިންޑިއާއިން ކާމިޔާބުކޮށް ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

އެންޓިގުއާގައި ކުޅުނު މި މެޗު އިންޑިއާއިން ކާމިޔާބުކޮށްފައިވަނީ 50 ލަނޑުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން ބަންގްލަދޭޝްއިން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. އިންޑިއާއިން ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 196 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 50 ލަނޑު ހަދައިދިން ހަރުދިކު ޕަންޑްޔާއެވެ. މީގެ އިތުރުން، ވިރާތު ކޯލީވަނީ 37 ލަނޑު ހަދައިދީފައެވެ. މި އީނިންގްސްގައި ބަންގްލަދޭޝްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ތިން އޯވަރު 43 ލަނޑަށް ދެ ވިކެޓް ނެގި ރިޝާދު ހޮސެއިނާއި ހަތަރު އޯވަރު 32 ލަނޑަށް ދެ ވިކެޓް ނެގި ތަންޒީރު ހަސަނެވެ.

ޖަވާބުގައި ބަންގްލަދޭޝްއިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 146 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 40 ލަނޑު ހަދައިދިން ހޮސެއިން ޝަންޓޯއެވެ. އަދި، ތަންޒީރު ހަސަންވަނީ 29 ލަނޑު ހަދައިދީފައެވެ. މި އީނިންގްސްގައި އިންޑިއާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރުގައި 19 ލަނޑަށް ތިން ވިކެޓް ނަގައިދިން ކުލްދީޕު ޔާދަވްއެވެ. އަދި، އަރްޝްދީޕު ސިންއާއި ޖަސްޕްރިތު ބުމްރާހް ކުރެ ކޮންމެ ކުޅުންތެރިއެއްވަނީ ދެ ވިކެޓް ނަގައިދީފައެވެ.

މި ކާމިޔާބީއާ އެކު އިންޑިއާއިން މިހާރު ވަނީ ސުޕާ އެއިޓް ގްރޫޕް ވަންގައި އިންޑިއާ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ. އަދި، ބަންގްލަދޭޝް އޮތީ ކުޅުނު ދެ މެޗުން ވެސް ބަލިވެ، ގްރޫޕްގެ އެންމެ ފަހަތުގައެވެ.

comment ކޮމެންޓް