ހޭނެތިފައި އޮއްވައި ފެނުނު ކުޑަކުއްޖާގެ ހާލު ދެނެގަންނަން ޓެސްޓުތަކެއް ހަދަނީ

ފިޔޯރީ: އެ ރަށުން ގެއްލިގެން ހޯދި ކުއްޖާގެ ހާލު ދެނެގަންނަން އިތުރު ޓެސްޓުތަކެއް ހަދަން ވަނީ ނިންމާފައި -- ފޮޓޯ/ އައިލެންޑްސް.އެމްވީ

ގދ. ފިޔޯރީގައި ގެއްލިގެން ހޯދަނިކޮން ފެނުނު އަށް އަހަރުގެ މީނާލް މުޙައްމަދުގެ ހާލު ދެނެގަތުމަށް ޓެސްޓުތަކެއް ހަދަން ޑޮކްޓަރު ލަފާދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މީނާލް ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ގެޔާ މާ ދުރުނޫން ފަޅު ގެއެއްގެ ތެރެއިން ހޭނެތިފައި އޮއްވައެވެ.

ފުލުހުން މިއަދު ބުނީ، ކުއްޖާގެ ހާލު ރަނގަޅުކަމަށް ފިޔޯރީ ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ނަމަވެސް، ކުއްޖާ ގެއްލި ގިނައިރުތަކެއްވުމުން ހާލަތު އިތުރަށް ދެނެގަތުމަށް ބައެއް ޓެސްޓުތައް ހަދަން ފޮޔޯރީ ހެލްތު ސެންޓަރުން ލަފާދީފައިވާ ކަމަށެވެ. އަދި، އެ ޓެސްޓުތައް ހަދަން މީނާލް މިހާރު ތިނަދޫ ސިޓީގައި ހުންނަ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ފުލުހުން ބުންޏެވެ.

https://sun.mv/193476

ފިޔޯރީ، ފިނިވިލާގޭ މީނާލް ގެއްލިގެން ހޯދުމުގެ މަސައްކަތް ފެށީ އިއްޔެ ހަވީރު 17:35 އެހާކަންހާއިރެވެ.

ހޯދުމުގެ މަސައްކަތް ކުރަނިކޮށް މީނާލް ރޭ ފެނުނީ އޭނާ ދިރިއުޅޭ ގެއާ ވަރަށް ކައިރީގައި ހުރި ފަޅު ގެއަކުން ކަމަށް އެ ރަށު ކައުންސިލްގެ އިސް ބޭފުޅަކު ޔަގީންކޮށްދިނެވެ. ފެނުނުއިރު މީނާލް އޮތީ ހޭނެތިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އެ ކުއްޖާގެ ބައްޕަ މުޙައްމަދު ރަޝީދު 'ސަން'އަށް ބުނީ، އެ ކުއްޖާ ހަވީރު ގެއިން ނުކުމެގެން ދިޔައީ މަންމަ ދެކެ ހިތްހަމަނުޖެހިގެން ކަމަށެވެ. އެކަނި ދުވަހަކު ވެސް ގެއާ ދުރުތަނަކަށް ނުދާނެކަން ފާހަގަކޮށް އޭނާ ބުނީ، މި ހާދިސާއާ ގުޅިގެން ޝައްކުވާ ކަމެއް ހިނގާފައިނުވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް