އެމެރިކާއާއި އިސްރާއީލުގެ ބޯޓުތަކަށް ހޫޘީންގެ ގިނަ ހަމަލާތަކެއް

ހޫޘީންގެ ހަމަލާތައް އެރުމުގެ ސަބަބުން އަނދާފައިވާ ބޯޓެއް (ފައިލް ފޮޓޯ)

ސަންއާ (23 ޖޫން 2024): ޔަމަންގެ ހޫޘީ ޖަމާއާތާއި އިރާގުގެ އިސްލާމިކް ރެސިސްޓެންސް ޖަމާއަތްތައް ގުޅިގެން އިސްރާއީލުގެ އުތުރުގެ ބަނދަރަކަށް މިސައިލް ހަމަލާތަކެއް ދީފިއެވެ.

ހޫޘީންގެ ތަރުޖަމާނު ކާނަލް ޔަހުޔާ ސަރީއު ވިދާޅުވީ، އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ އިރާގުގެ އިސްލާމިކް ރެސިސްޓެންސް ޖަމާއަތްތަކާއި ހޫޘީން ގުޅިގެން އިސްރާއީލުގެ ހައިފާގެ ބަނދަރަށް ހަމަލާތަކެއް އިއްޔެ ދީފައިވާނެ ކަމަށާއި އެ ހަމަލާތައް ހައިފާ ބަންދަރުގައި އޮތް ހަތަރު އާގު ބޯޓަކަށް އަރާފައިވާކަން ޔަގީންވާކަމުގައެވެ.

މި ހަމަލާތަކާ ބެހޭގޮތުން އިސްރާއީލުގެ ސަރުކާރުން ވެސް އަދި އަސްކަރިއްޔާއިން ވެސް ވާހަކައެއްނުދައްކައެވެ. އަދި، ބަޔާނެއް ވެސް ނުނެރެއެވެ. ނަމަވެސް، އިސްރާއީލުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހައިފާ ބަނދަރަށް ވަނީ ހަމަލާތަކެއް އަރައި ގޮވުންތަކެއް ގޮވާފައެވެ.

ހޫޘީންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެ ޖަމާއަތުންވަނީ މެޑިޓަރޭނިއަން ކަނޑުގައި ދަތުރުކުރަމުން ދިޔަ އިސްރާއީލުގެ މަސްލަހަތު އޮންނަ "ޝޮއްޓޯން އެކްޕްރެސް" ނަމަކަށް ކިޔާ އާގުބޯޓަކަށް ވެސް ދުރުރާސްތާގެ ޑްރޯނެއް ބޭނުންކޮށްގެން ހަމަލާތަކެއް ދީފައެވެ.

ހޫޘީންވަނީ ރަތްކަނޑާއި ބާބުލް މަންދަބުގައި ދަތުރުކުރާ އިސްރާއީލުގެ އާގު ބޯޓުތަކާއި އިސްރާއީލުގެ މަސްލަހަތު އޮންނަ އާގުބޯޓުތަކުގެ އިތުރުން މެޑިޓަރޭނިއަން ކަނޑުގައި ދަތުރުކުރާ އިސްރާއީލުގެ އާގު ބޯޓުތަކާއި އިސްރާއީލުގެ މަސްލަހަތު އޮންނަ އާގުބޯޓުތަކަށް ވެސް ހަމަލާދޭނެކަން މިދިޔަ މޭ މަހު އިއުލާނުކޮށްފައެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގަން ފެށުމާ އެކު ހޫޘީންވަނީ އެ ކަމަށް ރައްދު ދިނުމުގެ ގޮތުން ރަތްކަނޑާއި ބާބުލް މަންދަބުގައި ދަތުރުކުރާ އިސްރާއީލުގެ އާގު ބޯޓުތަކާއި އިސްރާއީލުގެ މަސްލަހަތު އޮންނަ އާގުބޯޓުތަކަށް ސިލްސިލާ ގޮތެއްގައި ހަމަލާތައް ދޭން ފަށާފައެވެ. މިހާތަނަށް މިފަދަ 200 އަށްވުރެ ގިނަ ބޯޓަށް ހޫޘީން ހަމަލާތައްދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހޫޘީންގެ ހަނގުރާމަވެރިއަކު ރަތްކަނޑުގައިވާ އިސްރާއީލުގެ އާގު ބޯޓެއްކަމަށްވާ ގެލެކްސީ ލީޑަރ އަށް އަރައި އެބޯޓު ބަލައި ފާސްކުރަނީ

ހޫޘީންގެ މި ހަމަލާތަކުގެ ސަބަބުން މި ބޯޓުތައް ނިސްބަތްވާ 82 ކުންފުންޏަށް ވަނީ ބޮޑެތި ގެއްލުންތަކަަކާ ކުރިމަތިލާން ޖެހިފައެވެ. ހޫޘީންގެ ހަމަލާތައް އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގު ބޯޓުތަކަށާއި އެ ދެ ގައުމުގެ އަސްކަރީ އުޅަނދުތަކަށް ވެސް އަމާޒުކުރެއެވެ. އެއީ، އެ ދެ ގައުމުން ހޫޘީންގެ އަމާޒުތަކަށް ހަމަލާދޭތީ އެ ކަމަށް ބަދަލު ހިފުމުގެ ގޮތުންނެވެ. އެމެރިކާއާއި އިނގިރޭސިވިލާތްވަނީ ހޫޘީންގެ ހަމަލާތައް ހުއްޓުވުމުގައި މުޅިން ނާކާމިޔާބުވެފައެވެ.

ހޫޘީންގެ ހަމަލާތައް ހުއްޓުވުމަށް މިހާތަނަށް 1.1 ބިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާކަމަށް އެމެރިކާ ބުނެއެވެ. މި ވަރަށް ޚަރަދުކޮށްގެން ވެސް މިކަމުން މިހާތަނަށް އެއްވެސް ނަތީޖާއެއް ނެރިވިފައިނުވާކަމަށް އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑުންވަނީ އިއުތިރާފުވެފައެވެ.

އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއް ބުނާގޮތުން ހޫޘީންގެ ހަމަލާތައް ހުއްޓުވުމަކީ ފަހުގެ ތާރީޚެއްގައި މެދުއިރުމަތީގައި އެމެރިކާ ސިފައިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

އެމެރިކާއިން އިއްޔެ ވެސް ޔަމަންގައިވާ ހޫޘީންގެ ހަތަރު ތަނަކަށް ވައިގެ ހަމަލާތައް ދިނެވެ. ނަމަވެސް، އެ ހަމަލާތަކަށް ފަހު ހޫޘީންވަނީ އަރަބި ކަނޑުން ދަތުރުކުރި އެމެރިކާގެ އަސްކަރީ މަނަވަރަކަށާއި ރަތްކަނޑުން ދަތުރުކުރި އެމެރިކާގެ އާގު ބޯޓަކަށް ހަމަލާތަކެއް އަމާޒުކޮށްފައެވެ.

މި ހަމަލާތަކުގެ ތެރެއިން އެމެރިކާގެ މަނަވަރަށް އަމާޒުކުރި މިސައިލްތައް ވައްޓާލި ނަމަވެސް އެމެރިކާގެ އާގު ބޯޓެއް ކަމަށްވާ "ޓްރާންސްވޯލްޑް ނެވިގޭޓާ"އަށް ދިން ހަމަލާ އެ ބޯޓަށް އެރިކަން ހޫޘީން ކަށަވަރުކޮށްދެއެވެ. ނަން ހާމަކުރަން ނޭދޭ އެމެރިކާގެ ކުރީގެ އަސްކަރީ މަސްއޫލުވެރިއަކުވަނީ ހޫޘީންގެ ހަމަލާތައް ހުއްޓުވުމަކީ އެމެރިކާއަށް ކުރެވޭނެކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް