ހުޅުމީދޫގައި މަސްވެރިންގެ އިހުތިޖާޖު ސުލްހަވެރިކަމާއެކު ކުރިއަށް ގެެންދަން ފުލުހުން އެދިއްޖެ

އައްޑޫ މިފްކޯ ބަނދަރުގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން --- ފޮޓޯ/ އިބްރާހިމް ޒުހުރީ

މަސްވެރިންގެ ފައިސާ ނުލިބިގެން އައްޑޫ ސިޓީ ހުޅުމީދޫގައި ކުރަމުން ގެންދާ އިހުތިޖާޖު، ސުލްހަވެރިކަމާއެކު ކުރިއަށްގެންދިއުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

އައްޑޫގައި މިހާރު ކުރިއަށްގެންދާ އިހުތިޖާޖާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސުލްހަވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން އިހުތިޖާޖު ކުރިއަށް ގެންދިއުމުގެ ފުރުސަތު އެ މުއައްސަސާއިން ދީފައިވާނެ ކަމަށެވެ.

މި އިހުތިޖާޖާ ގުޅިގެން ފުލުހުން ބުނީ މިފްކޯގެ އަައްޑޫ ފިޝަރީޒް ކޮމްޕުލެކްސްތަކަށް ހުރަސްއެޅިފައިވާ ކަމަށާއި އަދި އެ އޮޕަރޭޝަން އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށް ވެސް މަސައްކަތްކުރާ ކަމަށެވެ.

މީގެއިތުރުން ފުލުހުން ވަނީ އަމާންކަން ގާއިމުކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުން ވެސް އެއްބާރުލުންދީ، ގާނޫނާއި ގަވާއިދާ ޚިލާފު އަމަލެއް ނުކުރުމަށް އެދިފައެވެ.

ހަމަމިއާއެކު އިހުތިޖާޖު ކުރުމުގައި މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝުޢޫރުތައް ފާޅުކުރުމުގައި ފުލުހުންގެ ފަރާތުން ސެކިއުރިޓީ ލައިން ގާއިމްކޮށް މަސްވެރިންނަށް ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މިގޮތަށް ކުރިއަށް ގެންދާ އިހުތިޖާޖުތަކުގައި ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އާންމު މަސްލަހަތު އިސްކުރުމަށް އިލްތިމާސްކޮށްފައެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ އައްޑޫ ސިޓީ ބަނދަރުގައި މަސްވެރިން އިއްޔެ ފެށި އިހުތިޖާޖު އަދިވެސް ހުއްޓައިނުލާ ދަނީ ކުރިއަށް ގެންދަމުންނެވެ.

އައްޑޫގައި އިއްޔެ ފެށި މުޒާހަރާއާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުން މިފްކޯއިން ބުނީ މި ދުވަސްވަރަކީ މަސްނުބާނާ ދުވަސްވަރަކަށް ވާތީ ބާކީ ނުދެވި ހުރި ފައިސާއަށް އެހާ ބޮޑު އަދަދެއް އިތުރުވެފައިނުވާ ކަމަށެވެ.

ނަމަވެސް، މަސްވެރިންނަށް މިހާރު ނުދެވި ހުރި ފައިސާގެ އަދަދު މިފްކޯއިން ހާމަކޮށްފައެއް ނުވެއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވެސް މަސްވެރިންނަށް ނުދެވި 250 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތެވެ. މި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް މަސްވެރިންނަށް 850 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

މީގެ ހަފުތާއެއް ކުރިންވެސް މަސް ގަތުމަށް ފަހު، ފައިސާ ނުދީ ގިނަ ދުވަސްވާތީއާއި ލޭނު މަސްވެރިކަން ހުއްދަ ކުރުމުގެ ސަބަބުން މަސް ދޯނިތަކެއް މާލޭ ފަޅަށް ވަދެ ވަނީ މުޒާހަރާކޮށްފައެވެ.

comment ކޮމެންޓް