އާދަވެގެން ކޮންމެ ދުވަހެއް ވެސް ކަޅު ކޮފީއަކުން ފެށުމަކީ ވަރަށް ގިނަ ބައެއްގެ ކަށީގައި ހިފާފައިވާ އާދައެކެވެ. ކަޅު ކޮފީއަކީ އޭގައި އެކުލެވޭ ކެފެއިން މާއްދާގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ އަވަސް ހަކަތަ އިތުރުކުރަން ބޭނުންވާ ނުވަތަ މެޓަބޮލިޒަމް ކިކްސްޓާޓް ކުރުމުގެ އުއްމީދުގައި ތިބޭ މީހުންނަށް ވަރަށް މުހިއްމު އެއްޗެކެވެ.
ނަމަވެސް, އެއް މަސް ދުވަސްވަންދެން ހެނދުނު ކަޅު ކޮފީ ބޯނަމަ ހަށިގަނޑަށް އެކަމުން ކުރާނެ އަސަރު އެނގެނީ ކިހާ މިންވަރަކަށްކަން އެނގޭހެއްޔެވެ؟
އިންޑިއާގެ ބެންގަލޫރުގެ ފޯޓިސް ހެލްތުކެއާގެ ސީނިއަ ކޮންސަލްޓަންޓް ގޭސްޓްރޯއެންޓްރޮލޮޖިސްޓް ޑރ. ޕްރަނަވް ހޮންނަވަރާ ޝްރިނިވާސަން ވިދާޅުވެފައިވާ ގޮތުގައި މަހެއްހާ ދުވަސް ވަންދެން ކޮންމެ ދުވަހަކު ކަޅު ކޮފީ ބުއިމަކީ އެކަމުން ސިއްޙަތަށް ވަރަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމެކެވެ.

ކަޅު ކޮފީ އަކީ ހަށިގަނޑަށް ބީ ވިޓަމިންސް ހޯދައިދިނުމަށް އެހީތެރިވެދޭ ބުއިމެއް--ފޮޓޯ/ޕިންޓްރެސްޓް
އޭގެ ތެރޭގައި ކެފެއިންގައި އެކުލެވޭ އެންޓިއޮކްސިޑެންޓްސްއިން މުއްސަނދިވެފައިވާ މާއްދާތަކުގެ އިތުރުން މުހިއްމު ނިއުޓްރިއެންޓްސް ކަމަށްވާ ބީ ވިޓަމިންސް ހިމެނެއެވެ.
ކަޅު ކޮފީ ބުއިމުން ސިއްހަތަށް ލިބޭ ފައިދާތައް ދެނެގަންނަ މިންވަރު ބައެއް ފަހަރު އަވަސްވި ނަމަވެސް އަނެއްބައިފަހަރު އޭގެ ފައިދާތައް ދެނެގަންނަން ދުވަސްކޮޅެއް ނަގާނެ ކަމަށް ޑރ. ޕްރަނަވް ހޮންނަވަރާ ޝްރިނިވާސަން ވިދާޅުވެފައިވެއެވެ. ކަޅު ކޮފީ ބުއިމުގެ ސަބަބުން އެންމެ އަވަހަށް ލިބޭ ފައިދާތަކުގެ ތެރޭ ނަފުސާނީ ހޭލުންތެރި ކަމަށް ކުރާ އަސަރު ހިމެނެއެވެ.
ކޮފީގައި ހިމެނޭ ކެފެއިންއަކީ ސެންޓްރަލް ނާވަސް ސިސްޓަމް ސްޓިމިއުލެންޓެއްގެ ގޮތުގައި މަސައްކަތްކޮށް، ސިކުނޑީގައި ހުންނަ އެޑިނޯސިން ރިސެޕްޓަރުތައް ބްލޮކްކޮށް، ޑޮޕަމައިން އަދި ނޮރެޕިނެފްރިން ފަދަ ނިއުރޯޓްރާންސްމިޓަރުތައް ދޫކުރުމަށް މަގުފަހިކޮށްދޭ މާއްދާއެކެވެ.
ކެފެއިންއަކީ ލޭގައި އެޑްރެނަލިން ލެވެލް އިތުރުކޮށްދޭ އެއްޗެކެވެ. މިއީ ފިޒިކަލް ނުވަތަ ޖިސްމާނީގޮތުން ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދީ ފިޒިކަލް ޕާފޮމެންސަށް ހަށިގަނޑު ތައްޔާރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

މާގިނައިން ކަޅު ކޮފީ ބޯނަމަ އެންޒައިޓީ މަތިވެ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާތަކުން ދައްކާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މީގެ އިތުރުން ވެސް ކަޅު ކޮފީ ބުއިމުން މެޓަބޮލިކް ރޭޓް 3-11 އިންސައްތައަށް އިތުރުކޮށްދޭކަމަށް ގިނަ ދިރާސާތަކުން ދައްކާފައިވާ ކަމަށް ޑރ. ޝްރިނިވާސަން ވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން ހަށިގަނޑުގެ ސަރުބީތައް ފަސޭހަކަމާ އެކު ވިރުވާލުމަށް އެހީތެރިވެދެއެވެ.
ޑރ. ޝްރިނިވާސަން ވިދާޅުވިގޮތުގައި ކަޅު ކޮފީން ސިއްހީ ފައިދާތަކެއް ލިބުނު ނަމަވެސް ހަށިގަނޑަށް އެތެރެކުރެވޭ ކެފެއިންގެ މާއްދާ މާ ބޮޑަށް އިތުރުވެއްޖެނަމަ އެންޒައިޓީ ލެވެލް މައްޗަށް ގޮސް މާ ބޮޑަށް ގައިގެ ވަރުދެރަވުމަކީ ދިމާވެދާނެ ކަމެކެވެ.
ބައެއް މީހުންނަށް ނިދުމުގައި އުނދަގޫތަކެއް ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޑރ. ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެންމެ ލަސްވެގެން ނިދުމުގެ ހަ ގަޑިއިރުކުރިން ކޮފީ ބުއިމަށް އާދަކުރުމަށް ޑރ. ޝްރިނިވާސަން ވަނީ ލަފާދެއްވާފައެވެ.
ބައެއް މީހުން ހެނދުނު ހޭލާ ގޮތަށް ހުސް ބަނޑާހުރެ ކޮފީ ބޯކަން ފާހަގަކޮށް ޑރ. ޝްރިނިވާސަން ވިދާޅުވީ މިއީ އެންމެ ރައްކާތެރި ގޮތް ނޫން ކަމުގައެވެ. އޭގެ ސަބަބުން ބައެއް މީހުންނަށް ކުރިމަތިވެދާނެ ކަންކަމުގެ ތެރޭ ގޭސްޓްރިކްވެ. މެއިން ދިލަނެގުން ހިމެނެއެވެ.
އެހެންވެ، ކޮފީން ފައިދާ ބޮޑު ނަމަވެސް އެކަން ބިނާވަނީ އެ މީހަކު ކޮފީ ބޯ ގޮތެއްގެ މައްޗަށެވެ.