އެއް ޙައްޖުވެރިއަކު ހޮސްޕިޓަލުގައި، އެކަމަކު އާންމު ގޮތެއްގައި އެންމެންގެ ހާލު ވެސް ރަނގަޅު

ދިވެހި ޙައްޖުވެރިން ސައުދީގައި: ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު އަންނާނީ ހޯމަ ދުވަހު -- ފޮޓޯ/ ޙައްޖު މިޝަން

ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން އެކަކު މި ވަގުތު ހޮސްޕިޓަލުގައި އޮތް ކަމަށާއި އެކަމަކު އާންމު ގޮތެއްގައި ހުރިހާ ޙައްޖުވެރިންގެ ހާލު ވެސް ރަނގަޅުކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް ވަނީ ޙައްޖުގެ މަތިވެރި އަޅުކަމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފައެވެ.

އޭނާ މިއަދު ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ފަހު ހުރިހާ ޙައްޖުވެރިން މިހާރު ރާއްޖެ އައުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

"ދިވެހި ޙައްޖުވެރިންގެ ތެރެއިން މިހާތަނަށް ނިޔާވީ އެއް ހައްޖުވެރިއެކެވެ. މި ވަގުތު ހޮސްޕިޓަލުގައި އެއް ޙައްޖުވެރިއަކު އޮތްއިރު އާންމުގޮތެއްގައި ޙައްޖުވެރިންގެ ހާލު ރަނގަޅެވެ،" ޝަހީމްގެ މެސެޖުގައި ވިދާޅުވިއެވެ.

މި އަހަރު ރާއްޖެއިން ޙައްޖަށް ގޮސް އުޅެނިކޮށް މަރުވީ ފާޠިމަތު ޙަފީޒާ (80އ) ހަފީޒީހިޔާ. ރ. ހުޅުދުއްފާރެވެ. އޭނާ މަރުވީ މި މަހު 13 ގައެވެ.

ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިން އެނބުރި އަންނަން ފަށާނީ ހޯމަ ދުވަހުއެވެ. ޙައްޖުވެރިން އެނބުރި އަންނާނީ ހަތަރު ދުވަހަކަށް ބަހާލައިގެންނެވެ.

ޙައްޖުވެރިން އަނބުރާ ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތައް:

  • ހޯމަ ދުވަސް
  • އަންނަ ހުކުރު ދުވަސް
  • 01 ޖުލައި
  • 04 ޖުލައި

މި އަހަރު ރާއްޖެއިން ޖުމްލަ 1150 މީހުންވަނީ ޙައްޖަށް ގޮސްފައެވެ. އޭގެ ތެރޭގައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 50 މީހަކު ވަނީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޙައްޖަށް ފޮނުވައިފައެވެ. ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ޙައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ޙައްޖަށްދާން ބޭނުންވާ ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައިވަނީ ޙައްޖަށްދާން ކުރަންޖެހޭ ހޭދަ ބޮޑުވުމެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ޙައްޖުގެ އަޅުކަމަށް މިހާރު ނަގާ އަގަކީ ބޮޑު އަގެއްކަން ފާހަގަކުރައްވައިފައެވެ. އަދި، ޙައްޖު ކޯޕަރޭޝަނުން ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މި އަގު ކުޑަކުރެވޭނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް