ފުލުހެއް ގައިގައި ކާރަކުން ޖެއްސުމަށްފަހު ފިލި ދެ މީހަކު ހައްޔަރަށް

ފުލުހެއް މަގުމަތީގައި: ފުލުހެއްގައިގައި ކާރަކުން ޖެއްސުމަށްފަހު ފިލި ދެމީހަކު ހައްޔަރަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މިދިޔަ ހޮނިހިރު ދުވަހު ހިންގި މާރާމާރީއެއް ހުއްޓުވަން ދިޔަ ފުލުހެއް ގައިގައި ކާރަކުން ޖެއްސުމަށްފަހު ފިލި ދެވަނަ މީހާ މިއަދު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ދިހައެއް ނަންބަރު ފްލެޓު ކައިރީގައި، މާރާމާރީއެއް ހިނގަމުންދާ ކަމުގެ މައުލޫމާތު އެ ޚިދުމަތަށް ލިބިގެން އެ ސަރަހައްދަށް ދިޔައިރު، ފުލުހެއްގައި ކާރުން ޖެއްސި ކަމަށް ތުހުމަތު ކުރެވޭ މީހާ ކާރަކަށް އަރައިގެން ދާން މަސައްކަތް ކުރި ކަމަށެވެ.

އެ މައްސަލައިގައި ފިލަން މަސައްކަތް ކުރި މީހާ ހުއްޓުވަން ފުލުހަކު ކާރު އެއް ފަރާތަށް އެރުމުން ފުލުސް މީހާގެ ފައިމައްޗަށް ކާރު އެރުވުމަށް ކާރު ފަހަތަށް ޖެއްސި ކަމަށް ފުލުހުން ބުނެއެވެ.

އޭގެއިތުރުން، މި މައްސަލައާ ގުޅުވައި ފުލުހުން ބުނީ، ކާރުގެ ކުރިމައްޗަށް އިތުރު ދެ ފުލުހުން އެރުމުން ވެސް ކާރު ނުހުއްޓައި ބާރު ސްޕީޑުގައި ދުއްވާފައި ގޮސް، ކާރު ފިލި ކަމަށެވެ.

އެ މައްސަލާގައި ތަހުގީގަށް މީހަކު ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް ވަނީ ފަނަރަ ދުވަސް ޖަހާފައެވެ. ދެވަނަ މީހާ މިއަދު ހަވީރު 17:44 ހާއިރު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މާރާމާރީގައި އަނިޔާވި ފުލުހަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ ހައިވޭގައި އެކްސިޑެންޓެއް ވުމުން ފިލި މީހަކުވެސް ފުލުހުން ވަނީ ހޯދަން ފަށާފައެވެ. ނަމަވެސް މީހާތަނަށް އޭނާ ފެނިފައިނުވާއިރު، މަދުން ނަމަވެސް މިގޮތަށް އެކްސިޑެންޓް ވުމުން ފުލުހުންނަށް ރިޕޯޓް ނުކޮށް ފިލައި މައްސަލަ ފެންމަތިވެއެެވެ.

comment ކޮމެންޓް